ޕާކިސްތާނަށް އިއްޔެ އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެސަރަހައްދުގެ ކަނޑުގެ އައްސޭރިފަށުގައި އާ ރަށެއް އުފެދިއްޖެ އެވެ.
ޕާކިސްތާނުގެ ފަރުބަދަ މަތީ ސަރަހައްދެއް ކަމަށްވާ ބަލޮކިސްތާންއަށް 29 ކިލޯ މީޓަރުގެ އަޑިން 7.7 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އެސަރަހައްދުގެ ކަނޑުގެ އަޑިން ބިންގަނޑަށް (ސީބެޑް) އެރި ބާރުގަދަ ލޮޅުމުގެ ސަބަބުން، ޕާކިސްތާނުގެ ވަދާރުގެ އައްސޭރިފަށުން 600 މީޓަރު ބޭރުން އަރަބި ކަނޑަށް ވާގޮތަށް ކުޑަ ރަށެއް ވަނީ އުފެދިފަ އެވެ.
ބިންހެލުމުގެ ސަބަބުން ކަނޑު ތެރޭގައި އުފެދުނު އެ އާދަޔާ ހިލާފް ގުދުރަތީ އަޖާއިބުގެ ފޮޓޯތައް ޓީވީ ޗެނަލްތަކުން ދައްކާފައިވާ އިރު އެ މަންޒަރު ބަލަން ގިނަ ބަޔަކު ވަދާރުގެ އައްސޭރިފަށަށް ޖަމާވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕާކިސްތާނުގެ ސީނިއާ މީޓީއޮރޮލޮޖިސްޓެއް ކަމަށްވާ، މުހައްމަދު ރިއާޒު ވިދާޅުވީ، އިއްޔެ އައި ބިންހެލުމަކީ، ބޮޑު ބިން ހެލުމެއް ކަމަށާއި އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭނޭ ކަމަށެވެ.
ޕާކިސްތާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް އައި އެ ބާރުގަދަ ބިންހެލުމުގެ ސަބަބުން 210 މީހުން މަރުވެ، އެތައްބައެއްގެ ގޯތި ގެދޮރު އެކޮށް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.