މި އަހަރު އިންޑިއާގެ އިންޓަނެޓަށް އެންމެ ނުރައްކާތެރި ތަރިއަކަށް، މިދިޔަ އަހަރު އެމަގާމު ލިބުނު މޮޑެލް ސަނީ ލިއޯން ވައްޓާލުމަށް ފަހު މަޝްހޫރު އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ، ޕްރިޔަންކާ ޗޯޕްރާ ވެއްޖެ އެވެ.
އިންޑިއާގެ މަޝްހޫރު ތަރިންގެ ފޭކު އެކައުންޓުތަކަކާއި ސައިޓުތަކެއް ބޭނުންކޮށްގެން އެތަރިންގެ ސަޕޯޓަރުންގެ ޕާސްވޯޑާއި ސިއްރު މައުލޫމާތު ވަގަށް ހޯދުމަށް އިންޓަނެޓުގެ ވަގުން ކުރަމުންދާ މަސައްކަތަށް، އިންޓަނެޓް ސެކިއުރިޓީ ސޮފްޓުވެއާއެއް ކަމަށްވާ މެކްއަފީން ކޮންމެ އަހަރަކު ހަދަމުންދާ ދިރާސާއަކުން ދައްކާ ގޮތުން އިންޑިއާގެ އެންމެ ނުރައްކާތެރި ތަރިއަކަށް މިއަހަރު، 2000 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީގެ މަގާމު ވެސް ހޯދާފައިވާ ޕްރިޔަންކާވެފައި ވަނީ އޭނާގެ ނަމުގައި ހަދާފައިވާ ފޭކް 79 ސައިޓުގެ ސަބަބުން ނެވެ.
އިންޑިއާގައި ހުންނަ މެކްއަފީގެ ސެންޓަރުގެ ވައިސް ޕްރެސިޑެންޓް އިންޖިނިއަރިން ވެންކަޓަ ސުބްރަމަނިޔަމް ކްރިޝްނަޕޫރު އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އިންޑިއާގެ އިންޓަނެޓް ވަގުން އިންޑިއާގެ މަޝްހޫރު ތަރިންގެ ފޭކް ސައިޓުތަކަށް ނުރައްކާތެރި ސޮފްޓްވެއާއެއް އަޅާފައި ހުންނަ ކަމަށާއި އެގޮތުން އެސައިޓަށް ވަންނަ މީހާގެ ސިއްރު މައުލޫމާތު ނަގާ ސިސްޓަމްތަކަށް ވައިރަސް ފޮނުވާ ކަމަށެވެ.
އެންމެ ނުރައްކާތެރި 10 ތަރިންގެ ލިސްޓުގައި ޕްރިޔަންކާ އަށް ފަހު ދެވަނަ ލިބުނު ޗެންނާއި އެކްސްޕްރެސްގެ ބަތަލު ޝާހްރުކް ހާންގެ ނަމުގައި 75 ވައިރަސް ސައިޓުތަކެއް ފެނިވާ އިރު ތިންވަނަ ލިބުނު ސަލްމާން ހާންގެ ނަމުގައި ވަނީ 68 ވައިރަސް ސައިޓެއް ފެނިފައިވެ އެވެ. އެ ލިސްޓުގައި ދެން ހިމެނެނީ ކަރީނާ، އަކްޝޭ، ސައިފް، މަޝްހޫރު ބަތަލް އަމީތާބްގެ އިތުރުން ފަރްހާން އާއި ކްރިޝްގެ ތަރި ރިތިކް އެވެ.