ޗައިނާގެ ޒިންޖިއާން ޕްރޮވިންސްގައި ދުއްވަމުން ދިޔަ ކާރެއްގެ މައްޗަށް ބިޔަ، އަދި ބަރު ކޮންޓޭނަރެއް ވެއްޓުނެވެ. ކާރުގެ މައްޗަށް ކޮންޓޭނަރު ވެއްޓުމުން ކާރު އޮތީ ފަށްފަށް ޖެހިފައި ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ނޫހުން ބުންޏެވެ.
ނަމަވެސް އޭގެ ވިއްސަކަށް މިނެޓް ފަހުން ކާރުގެ މަތިން ކޮންޓެއިނަރު ނެގުމާ އެކު ފަޔަ އެންޑް ރެސްކިއު މީހުންނާއި މަންޒަރު ބަލަން އެއްވެ ތިބި މީހުންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެމީހުންނަށް އިވުނީ ކާރުގެ ޑްރައިވަރަކަށް އިން އަންހެން މީހާ އެހީތެރިކަމަށް އެދި ގޮވާ އަޑެވެ.
ޑެއިލީ މެއިލް ނޫހުން ބުނީ ޗައިނާގެ ފަޔަ އެންޑް ރެސްކިއު ޓީމުން ކާރު ކަފާލައިގެން އަންހެން މީހާ ނެރުނު އިރު އޭނާ އަށް ސީރިއަސް އެއްވެސް ޒަހަމެއް ލިބިފައި ނުވާ ކަމަށެވެ.
ނޫސްތަކުގައި ނަން އަދި ހާމަކޮށްފައި ނުވާ އެ އަންހެނާ ދުއްވި ކާރުގެ މައްޗަށް ކޮންޓޭނަރު ވެއްޓުނީ އެކޮންޓޭނަރު އުފުލި ލޮރީއިން ކައްސާލައިގެން ކަމަށް ނޫހުގައިވެ އެވެ.