ޕައިލެޓަކާ ނުލާ އެފް-16 ހަނގުރާމަ މަތީ މަތިންދާބޯޓެއް ޓެސްޓްކޮށްފި

އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ ވަރުގަދަ އެއް ހަނގުރާމަ މަތީ މަތިންދާބޯޓު ކަމަށްވާ އެފް-16 މަރުކާގެ ބޯޓެއް ޕައިލެޓަކާ ނުލާ ކާމިޔާބުކަމާ އެކު ޓެސްޓް ދަތުރެއް ނިންމާލާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

އެމެރިކާގެ ވައިގެ ސިފައިން އަދި އެގައުމުގެ އެންމެ ބޮޑު މަތިންދާ ބޯޓު އުފައްދާ ކުންފުނި ކަމަށްވާ ބޮއިންގް އިން ބުނީ އެފް-16 މަރުކާގެ ބޯޓެއް ޕައިލެޓަކާ ނުލާ ކުރި ދަތުރުކޮށްފައި ވަނީ މިދިޔަ ހަފުތާގައި ކަމަށެވެ.

އެމެރިކާގެ ވައިގެ ސިފައިންގެ ތަރުޖަމާނު ވިދާޅުވީ އެއާފޯސްގެ ދެޕައިލެޓަކު މަތިންދާބޯޓު ކޮންޓްރޯލްކޮށްފައި ވަނީ ބިމުގައި ގާއިމްކުރެވިފައިވާ ކޮމާންޑް ސެންޓަރަކުން ކަމަށާއި ޓެސްޓް ދަތުރުގައި އެމެރިކާގެ ފުލްރިޑާގައި ހުންނަ ވައިގެ ސިފައިންގެ މަރުކަޒަކުން ގަލްފް އޮފް މެކްސިކޯއަށް ބޯޓު ދަތުރުކުރި ކަމަށެވެ.

ބޮއިންގް އިން ބުނީ މިމަތިންދާބޯޓުގެ ޓެސްޓް ދަތުރު ޕައިލެޓަކާ ނުލާ ކުރި އިރު، ދިމާވެދާނެ ކުއްލި ހާދިސާއެއް ކޮންޓްރޯލް ކުރުމަށް ޓަކައި އެފް-16ގެ އެހެން ދެ މަތިންދާބޯޓެއް ޕައިލެޓުންނާ އެކު ޓެސްޓް ފްލައިޓްގެ ފަހަތުން ދަތުރުކޮށްފައިވާ ކަމަށެވެ.

ޓެސްޓް ދަތުރުގައި ޕައިލެޓާ ނުލާ އުދުހުނު އެފް-16 އިން ވަނީ "ބެރަލް ރޯލް" އަދި "ސްޕްލިޓް އެސް" ފަދަ އުދަނގޫ މެނެއުވާތަކެއް ވައިގެ ތެރޭގައި ހަދާފަ އެވެ.

ބޮއިންގް އިން ބުނީ ކުރިއަށް އޮތް ތާގައި އެމެރިކާގެ ވައިގެ ސިފައިންގެ ޕައިލެޓުންގެ ތަމްރީންތަކުގައި ހަމަލަދޭ އަމާޒެއްގެ ގޮތުގައި ޕައިލެޓުންނާ ނުލާ އުދުހޭ އެފް-16 މަތިންދާބޯޓުތައް ބޭނުންކުރެވިދާނެ ކަމަށެވެ.

ޕައިލެޓާ ނުލޭ އުދުހޭ ގޮތަށް ބޮއިންގް އިން މޮޑިފައިކުރި އެފް-16 މަތިންދާބޯޓުތަކަކީ ހަލާކުވުމުން ބޭނުންނުކޮށް އެއްލާލުމަށް ނިންމާފައިވާ މަތިންދާބޯޓުތަކެކެވެ. ނަމަވެސް ބޮއިންގް އިން ވަނީ ބޯޓުތަކުގައި ޕައިލެޓުންނާ ނުލާ އުދުހެން ބޭނުންވާނެ އާލާތްތައް ހަރުކޮށް ބޯޓަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ޕައިލެޓާ ނުލޭ އުދުހޭ އެފް-16 މަރުކާގެ ބޯޓުތަކަށް ބޮއިންގް އިން ދީފައިވާ މަރުކާއަކީ ކިއުއެފް-16 އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު