އިންތިހާބު ލަސްކުރުމުން އދ، ކެނެޑާ އަދި އޮސްޓްރޭލިއާއިން ކަންބޮޑުވުން ފާޅުކޮށްފި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ގުޅޭ ގޮތުން ކުރިއަށް މައްސަލަ ވަކި ގޮތަކަށް ނިމެންދެން ދެވަނަ ބުރު ލަސްކުރުމަށް ސުޕްރީމް ކޯޓުން ނިންމުމުން އދ. ކެނެޑާ އަދި އޮސްޓްރޭލިޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އދ.ގެ ސެކެޓްރީ ޖެނެރަލް ބަން ކީ މޫން އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ބެލުމުގެ ދަށުން ކުރިއަށްދިޔަ އިންތިހާބެއް ކަމަށާއި މިހުރިހާ ފަރާތްތަކަކުން ވެސް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ބަން ކީ މޫން ވިދާޅުވެފައި ވަނީ ވީހާވެސް އަވަހަކަށް، ބޭކާރު ގޮތުގައި ލަސްނުކޮށް އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށާއި ދިވެހި ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރިހާ ފަރާތްތަކުން ވެސް ގާނޫނު އަސާސީއާ އެއްގޮތަށް މަގުފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރު ޖޯން ބެއާޑް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އިންތިހާބު ލަސްކުރުމުގެ ސަބަބުން އިތުރު ބައިބައިވުންތަކެއް އުފެދި ސިޔާސީ މަޝްރަހު ހަލަބޮލިވެގެންދާނެ ކަމަށެވެ.

އަދި ކޮމަންވެލްތު ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ އަދި ގައުމީ ޖަމާއަތްތަކުން އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ބުނެފައިވާ އިރު އިންތިހާބުގެ ދެވަނަ ބުރު ލަސްކުރުމާ މެދު ކަންބޮޑުވާ ކަމަށް ބެއާޑްގެ ބަޔާނުގައިވެ އެވެ.

ބެއާޑްގެ ބަޔާނުގައި ބުނެފައި ވަނީ ހުކުރު ދުވަހު ނިއު ޔޯކުގައި ބާއްވާ ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ބައްދަލުވުމުގައި މިކަމާ މަޝްވަރާކުރުމަށް ގޮވާލައްވާފަ އެވެ.

އޮސްޓްރޭލިޔާގެ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ހަގީގަތް ހޯދުމުގެ ފުރުސަތު އެކޯޓަށް ދޭން ޖެހޭނެ ކަމަށާއި އެކަން ކޯޓުގައި ހިނގަމުންދާއިރު ހުރިހާ ޕާޓީތަކުންވެސް އެކަމަށް މަގުފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

އަދި ވީހާވެސް އަވަހަކަށް އިތުރު މައްސަލައެއް ނުޖެހި އިންތިހާބުގެ ދެވަނަ ބުރު ޑެމޮކްރަޓިކް ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށް އޮސްޓްރޭލިޔާއިން ވަނީ ގޮވާލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު