އދ. މަޖިލިސް (ސެޕްޓެމްބަރ 25): އެމެރިކާ ހިންގަމުން ގެންދާ އިލެކްޓްރޯނިކް ޖާސޫސީ ހަރަކާތްތަކުން ސަލާމަތް ކުރެވޭވަރުގެ ބާރުގަދަ ވަސީލަތްތައް ބްރަޒިލްގައި ގާއިމް ކުރައްވާނެ ކަމަށް އެގައުމުގެ ރައީސާ ދިލްމާ ރޮސޭވް ވިދާޅުވެއްޖެވެ.
އދ. ގެ ޖެނެރަލް އެސެބްލީގެ 68 ވަނަ ސެޝަންގައި ތަޤްރީރު ކުރައްވަމުން ދިލްމާ ވަނީ ދުނިޔޭގެ ގައުމުތަކަށާއި އެގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެންއެމެރިކާ ކުރިޔަށްގެންދާ ޖާސޫސީ ހަރަކާތްތަކުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަވައި އެމެރިކާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ދިލްމާ ވިދާޅުވީ އެހެންގައުމުތަކަށް ޖާސޫސުކުރުމަށް އެމެރިކާ ދައްކާ ޓެރަރިޒަމްގެ ބަހަނާތަކަކީ ގަބޫލުކުރެވޭނެ ބަހަނާތަކެއް ނޫންކަމަށާ މިއީ އަމިއްލަ އެދުމަށް އެމެރިކާ ހިންގަމުން ގެންދާ ދަށުފެންވަރުގެ އަމަލުތަކެއް ކަމުގައެވެ. އެމެރިކާގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ގައުމުތަކުގެ މެދުގައި އިތުބާރުގެއްލި އެއްގައުމު އަނެއް ގައުމާމެދު ޝައްކުތައް އުފެދި ބައިނަލްއަޤްވާމީ ގުޅުންތައް ހަލާކުވަމުންދާ ކަމަށާ މިކަމުގެ ޒިންމާ އެމެރިކާ އުފުލަންޖެހޭނެ ކަމަށްވެސް ދިލްމާ ވިދާޅުވިއެވެ.
ދިލްމާ އެމެރިކާއަށް ކުރައްވަން ކުރިން ހަމަޖައްސާފައިވާ ދަތުރުފުޅެއްވެސް މިމައްސަލައާގުޅިގެން ވަނީ ކެންސަލް ކުރައްވާފައެވެ. އދ. ގެ ޖެނެރަލް އެސެބްލީގައި ތަޤްރީރު ކުރައްވަމުން ދިލްމާ ވިދާޅުވީ އެމެރިކާ ހިންގަމުން ގެންދާ އިލެކްޓްރޯނިކް ޖާސޫސީ ހަރަކާތްތަކުން ސަލާމަތް ކުރެވޭވަރުގެ ބާރުގަދަ ވަސީލަތްތައް ބްރަޒިލްގައި ގާއިމް ކުރުމުގެ އިތުރުން މިކަމާކުރިމަތިލެވޭފަދަ ޤާނޫނުތައްވެސް ބްރަޒީލުން ވުޖޫދަށް ގެންނާނެ ކަމުގައެވެ.
ދުނިޔޭގެ ގައުމުތަކަށާއި އެގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެންއެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ކުރިޔަށްގެންދާ ޖާސޫސީޕްރޮގްރާމުތަކުގެ ހަގީގަތް ބޭޒާރުކޮށްލީ އެއެޖެންސީގައި ކުރިންމަސައްކަތްކުރި މުވައްޒަފެއް ކަމަށްވާ އެޑްވަޑް ސްނޯޑެން އެވެ. ސްނޯޑެންހާމަކުރި އެމެރިކާގެ ޖާސޫސީ ހަގީގަތްތަކުގެ ސަބަބުން ބްރަޒިލްގެ އިތުރުންޗައިނާ ރަޝިޔާ އަދި އިންޑިޔާ އަށް ވެސް ވަނީ ސިހުން ލިބިފަ އެވެ. އަދި މިގައުމުތަކުން ވަނީ އެމެރިކާއަށް ވަރަށްބޮޑަށް ފާޑުކިޔައި އެމެރިކާ ކުށްވެރިކޮށްފައެވެ.
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އެޖެންސީން ކުރިޔަށްގެންދާ ޖާސޫސީޕްރޮގްރާމު ތަކުގެ ތެރޭގައި ގައުމުތަކުގެ އިސްމަސްއޫލުވެރިންނާއިލީޑަރުންނާ އަދި ސަރުކާރުގެ އިދާރާތަކުން އިންޓަނެޓް މެދުވެރިކޮށް ހިންގާ ތަފާތުމުޢަމަލާތްތައް ސިއްރިޔާތުގައި ހޯދުމާއި ފޯންކޯލްތައް ވެސް ސިއްރިޔާތުގައިއަޑުއެހުން ހިމެނެއެވެ.
އެމެރިކާގެ ޖާސޫސީ ހަރަކާތްތަކުގެ އަމާޒަކަށް އެމެރިކާގެއެންމެ ގާތް ރަހްމަތްތެރި ގައުމުތައް ކަމަށްވާ ޔޫރަޕްގެ ގައުމުތައް ވެސްވެފައިވާއިރު އަދި ޚުދު އެމެރިކާގެ ރައްޔިތުންގެ ފޯންކޯލްތަކަށާއިއިންޓަނެޓްގެ މުޢާމަލާތްތަކަށް ވެސް އެމެރިކާގައުމީ ސަލާމަތާ ބެހޭއެޖެންސީން ޖާސޫސު ކުރަމުން ގެންދާ މައްސަލަ ސްނޯޑެން ވަނީ ބޭޒާރުކޮށްލާފައެވެ.މިކަމުގެ ސަބަބުން އެމެރިކާވަނީ ބައިނަލްއަޤްވާމީ މުޖްތަމައުގެ ކުރިމަތީގައި ވަރަށް ބޮޑަށް ބޭޒާރުވެފައެވެ. (ރޮއިޓާސް)