އޮބާމާ އާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ފަސްޖެހިވަޑައިގެންފި

އދ. މަޖިލިސް (ސެޕްޓެމްބަރ 25): މިހާރު ކުރިޔަށްދާ އދ.ގެ ޖެނެރަލް އެސެމްބްލީގެ 68 ވަނަ ސެޝަންގެ އަރިމަތީގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ ފަސްޖެހިވަޑައިގެންފި އެވެ.

ޑރ. ރޫޙާނީ އާ ބައްދަލުކުރެއްވުމަށް އޮބާމާގެ އެދިވަޑައިގަތުމުން ރޫހާނީ ފަސްޖެހިވަޑައިގަތީ އެމެރިކާ ފަދަ އީރާނާ ދެކޮޅަށް ބިރު ދައްކައި ހަރުކަށިކަން ކުރިޔަށްނެރޭ އަދި އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންގެންދާ ގައުމެއްގެ ރައީސަކާ ކުއްލިއަކަށް ބައްދަލުކުރެއްވުމަކީ އެކަމުގެ ސަބަބުން އީރާނުގެ އެތެރޭގައި ޚިޔާލު ތަފާތުވެ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވިދާޅުވުމަށްފަހުގަ އެވެ.

އޮބާމާއާ ބައްދަލުކުރައްވަން އެންމެ އެކަށޭނަ އަދި އެންމެ މުނާސަބު ވަގުތު އަދި ނުޖެހޭ ކަމަށާ އެވަގުތު ޖެހުމުން އެމެރިކާގެ ރައީސް އާ ބައްދަލުކުރައްވާނެ ކަމަށް ރޫޙާނީ ވިދާޅުވި އެވެ. ރޫހާނީ އަކީ އޮބާމާގެ އިތުރުން ހުޅަނގުގެ އެހެން ލީޑަރުން ވެސް އިތުބާރުކުރައްވާ ބޭފުޅެކެވެ. އީރާނުގެ ކުރީގެ ރައީސް އަހްމަދީ ނެޖާދާ ޚިލާފަށް މިހާރުގެ ރައީސް ޑރ. ރޫޙާނީ އަކީ މަޑުމައިތިރި ސިޔާސަތުތަކެއްގެ ވެރި ބޭފުޅެއް ކަމަށް އެމެރިކާ އާއި ޔޫރަޕުން ސިފަކުރެ އެވެ. އޮބާމާ ދާދިފަހުން ވަނީ ރޫހާނީ އަށް ސިޓީ އެއްވެސް ފޮނުއްވާފަ އެވެ. މިސިޓީއާ މެދު ހިންހަމަޖެހިވަޑައިގަންނަވާ ކަމަށް ރޫޙާނީ ވިދާޅުވެފައިވެ އެވެ. ދުނިޔޭގެ ގައުމުތަކަށް އަރައިގަތުމުގައި އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުންނާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢުމާރަށް އެމެރިކާ އެހީތެރިވާތީ އީރާނުގައި އެމެރިކާ ސިފަކުރަމުން ގެންގޮސްފައި ވަނީ "އެންމެ ބޮޑު ޝައިތާން" ގެ ގޮތުގަ އެވެ.

ނަމަވެސް ޖެނެރަލް އެސެމްބްލީގެ 68 ވަނަ ސެޝަންގެ އަރިމަތީގައި މާދަމާ އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ 1979 ވަނަ އަހަރަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރަކު އީރާނުގެ ޚާރިޖީ ވަޒީރަކާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ 68 ވަނަ ސެޝަންގައި އޮބާމާ އިއްޔެ ކުރެއްވި ތަގްރީރުގައި އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމުގައި އިޚްތިޔާރުކުރަން ޖެހޭ މަގަކީ ޑިޕްލޮމަސީ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި އެވެ. އެ ސެޝަންގައި ތަޤްރީރު ކުރައްވަމުން އޮބާމާ އީރާނަށް ގޮވާލެއްވީ ނިއުކްލިޔަރ މައްސަލާގައި އީރާން ދައްކާވާހަކަތައް ޢަމަލީއެއްޗަކަށް ހެދުމަށެވެ. އޮބާމާގެ ތަޤްރީރުގައި ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގެ ހައްޤު އީރާނަށް ލިބިގެންވާ ކަމަށް ވިދާޅުވި ނަމަވެސް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އީރާނަށް ލިބުމާދެކޮޅަށް އެމެރިކާ އަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ ކަމުގެ އިންޒާރު އޮބާމާ ދެއްވި އެވެ.

އޮބާމާގެ ވާހަކާގައި ސޫރިޔާ އިން ކެމިކަލް ހަތިޔާރު ނައްތާލުމަށް އެމެރިކާއާއި ރަޝިޔާ ވެފައިވާ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި އދ ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން ސޫރިޔާއާ ދެކޮޅަށް ހަރުކަށި ގަރާރެއް ފާސްކުރުމަށް ވެސް ގޮވާލެއްވި އެވެ.

އިއްޔެ ފެށުނު ޖެނެރަލް އެސެމްބްލީގެ ސެޝަންގައި އީރާނުގެ ރައީސް ޑރ. ޙަސަން ރޫޙާނީ ވެސް ތަޤްރީރު ކުރެއްވި އެވެ. ރޫޙާނީގެ ތަޤްރީރުގައި އެކިއެކި ބަހަނާތައް ދައްކައިގެން ދުނިޔޭގެ ގައުމުތަކަށް ޢަސްކަރީގޮތުން އަރައިގަތުމުގެ ހަރުކަށި ސިޔާސަތުތައް ނާކާމިޔާބުވެ އެހެން ގައުމު ތަކަށް އަރައިގަންނަ ބާރުތައް ބަލިކަށިވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ނުސީދާ ގޮތެއްގައި އެމެރިކާއަށް އިޝާރާތް ކުރައްވައި ވާހަކަ ދެއްކެވިއެވެ.

އިއްޔެ އދ. ގައި ތަޤްރީރު ކުރެއްވި ލީޑަރުންގެ ތެރޭގައި ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް އާއި ގަތަރުގެ އަމީރު ތަމީމް ބިން ޙަމަދު ހިމެނިވަޑައިގެންނެވިއެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ 68 ވަނަ ސެޝަންގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ސޫރިޔާގައި ހިނގަމުންދާ ހޭއޮހޮރުވުންތައް ހުއްޓުވުމުގެ މައްސަލައަށެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔަރ މައްސަލައާއި ޓެރަރިޒަމްގެ މައްސަލައާއި ފަލަސްތީނުގެ މައްސަލައާއި ސާސްކަފް ގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ މައްސަލައަކީވެސް ޖެނެރަލް އެސެމްބްލީގައި މަޝްވަރާކުރުމަށް އެޖެންޑާ ކޮށްފައިވާ މައްސަލަތަކެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު