ރައްޓެއްސަކާ އެކު ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ދާން އެމްއާރުޓީ (ރޭލް) އަށް އެރި އިރު މީހުންތައް އޮތީ ފުރި ބާރުވެފަ އެވެ. ކޮޅަށް ހުންނަން ޖެހުނީ ވެސް ފިތިބާރުވެގެންނެވެ. ކުއްލިއަކަށް އަޅައިގަތީ ދުވަސްވީ މީހުން އިށީންނަން ހާއްސަކޮށްފައިވާ ގޮނޑިއެއްގައި އިން މީހަކު ތެދުވެފައި އުމުރުން ދުވަސްވީ އަންހެނަކު އިށީންނަން ދިންތަނެވެ. މިއީ ރާއްޖޭގައި އާއްމުކޮށް ފެންނަ މަންޒަރެއް ނޫނެވެ.
"އަހަރެމެންނަށް މިކަހަލަ ކަމެއް ވަރަށް މަދުންނޫނީ ރާއްޖެ އިން ނުފެންނާނެ. ނަމަވެސް މިއީ މިތަނުގެ އާއްމުކަމެއް. އެންމެނަށް ވެސް ދަސްވެފައި ހުންނަ އާދައެއް. މުސްކުޅިންނަށާއި މާބަނޑު އަންހެނުންނަށް އަދި ކުޑަކުދިންނަށް ވަރަށް އިހުތިރާމްކުރާނެ. އެއިން މީހަކު ކޮޅަށް ހުއްޓައި އެ މީހުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެއްގައި އެހެން މީހަކު ނުއިށީންނާނެ،" އަހަރެންނާ އެކު ދިޔަ ރަހުމަތްތެރިޔާ ބުންޏެވެ.
ސިންގަޕޫރުގެ އެމްއާރުޓީ ސްޓޭޝަންތަކަކީ ދުވާލުގެ ގިނަ ވަގުތުތަކުގައި ވަރަށް ބާރު ބޮޑު ތަންތަނެވެ. ނަމަވެސް ރޭލު އައިސް މަޑުކުރުމުގެ ކުރިން ސަފުހަދައި، ރޭލުން ފައިބާ މީހުންނަށް ރީތިކޮށް ޖާގަދެ އެވެ. އަދި އެތަނަށް ފައިބާ މީހުން ނުކުމެ ނިމެންދެން ރޭލަށް ނާރައި މަޑުކޮށްގެން ތިބެ އެވެ.
http://www.sun.mv/albums/l_20293.jpg
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިންގަޕޫރުގައި ދަތި އުނދަގޫ ކަމެކެވެ. މި ސަރަހައްދުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން އެންމެ ހަރުކަށި ގަވައިދުތަކެއް ހަދާފައިވާ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހާއްސަކޮށްފައިވާ ތަނެއް ނޫން ތަނެއްގައި އެފަދަ ކަމެއްކޮށްފި ނަމަ ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާކުރެ އެވެ. އެހެންވެ ސިނގިރޭޓް ބޯން ތިބެނީ އަޅިކެނޑިއާއެކު ހުންނަ ޑަސްބިން ކައިރީގަ އެވެ. އަދި މަގުމައްޗަށާއި އެނޫން ތަންތަނަށް ކުނި އަޅައި ކުޅު ޖެހުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. އެފަދަ ކަމެއް ކުރަނިކޮށް ފެނިއްޖެ ނަމަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮފިސަރުން އެ މީހަކު ޖޫރިމަނާކުރެ އެވެ. ބައެއް ފަހަރު 300 ޑޮލަރު (3،780ރ) ނުވަތަ އެއަށް ވުރެ ބޮޑު އަދަދަކުން ވެސް ޖޫރިމަނާކޮށްފައި އެބަހުއްޓެވެ.
"މިތަނުގައި އެއްފަހަރު ރައްޓެއްސަކު ސިނގިރޭޓް ބަޓުބުރި ބިންމައްޗަށް ވައްޓާލި ވަގުތު ފުލުހުންގެ މީހަކު އޭނާ ހިފަހައްޓައި 300 ޑޮލަރުން ޖޫރިމަނާކުރި. މިތަނުގައި ޖޫރިމަނާކުރުމަށް ފަހު އެ މީހަކަށް އެ ފައިސާ ނުދައްކައެއް ނޫޅެވޭނެ. ކޯޓަށް ހާޒިރުކޮށް ބަންދުކޮށްގެން ނަމަވެސް އެ ފައިސާ އަތުލާނެ. އެހެންވެ ވަރަށް ގިނަ މީހުން ޖެހިލުންވާނެ ޖޫރިމާނާކޮށްފާނެތީ،" އޭނާ ބުންޏެވެ.
ސިންގަޕޫރުގެ ގިނަ މަގުތަކަކީ ވެސް ވެހިކަލްތައް އިންތިހާއަށް ގިނަ އަދި ބިޒީ މަގުތަކެވެ. ނަމަވެސް ޓްރެފިކް ކިތަންމެ ވަރަކަށް ތޮއްޖެހުނު ނަމަވެސް ބަރުގޮނެއް އަޅާ އަޑެއް ނީވެ އެވެ. ބައެއް ފަހަރު ކާރުގައި ތަންތަނަށް ދަތުރުކުރާއިރު ގުޑާނުލައި ފަސް ވަރަކަށް މިނެޓް އޮންނަން ޖެހުނު ނަމަވެސް ފަހަތުގައި ތިބޭ ވެހިކަލްތަކުން ބަރުގޮނެއް ނައަޅަ އެވެ. ނަމަވެސް އެއާހިލާފަށް މާލޭގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހޭއިރަށް ބަރުގޮނު އެޅުމަކީ އާދައެކެވެ.
http://www.sun.mv/albums/l_20296.jpg
މެހުމާންދާރީ އަދާކުރުމުގައި ސިންގަޕޫރަކީ ނަމޫނާ ގައުމެކެވެ. ހާއްސަކޮށް ޓޫރިސްޓުންނަށް އެ ގައުމުގެ ކޮންމެ ތަނަކުން މަރުހަބާ ކިޔަނީ ހިނިތުންވުމާ އެކު އެވެ. ފިހާރަތަކުގައި ތިބޭ ސޭލްސް ގާލުންނާއި އިންފޮމޭޝަން ކައުންޓަރުތަކުގައި ތިބޭ މީހުން ޓޫރިސްޓުންނަށް ވަރަށް އިހުތިރާމްކުރެ އެވެ. ނަމަވެސް ބައެއް ފަހަރު ހަންކަޅު މީހެއް ފެނުމުން އެއީ އިންޑިއާ މީހެއް ކަމަށް ހީކޮށް ސުވާލުކުރި ނަމަވެސް ގިނަ މީހުން ހަމުގެ ކުލައަކަށް ނުބަލަ އެވެ.
"މިތަނުގައި ކުރިން ވަރަށް ބޮޑު މައްސަލައެއް ނަސްލީ ތަފާތުކުރުމަކީ. އެކަމަކު މިހާރު އެ އާދަ ވަރަށް ބޮޑަށް ކުޑަވެފައި ވަނީ. ގިނަ ތަންތަނުން ހިދުމަތްދޭ އިރު އެ މީހަކީ ކޮންތާކު މީހެއްތޯ ނުބަލާނެ. ބޭރުން އަންނަ މެހުމާނުންނަށް އަބަދު ވެސް މުއާމަލާތްކުރާނީ ވަރަށް ރީތިކޮށް،" ފިހާރައަކުން އަހަރެންނާ ދިމާވި ސޭލްސް ގާލަކު ބުންޏެވެ.
http://www.sun.mv/albums/l_20295.jpg
ސިންގަޕޫރަކީ މި ސަރަހައްދުގައި ވެސް އޮތް އެންމެ ހިތްގައިމު އަދި އެންމެ ރައްކާތެރި އެއް ގައުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި 200 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުންގެންދާ އިރު އެ ގައުމުގެ އެކި ދާއިރާތަކުގައި ދިވެހިން ވަޒީފާ އަދާކުރަމުން ގެންދެ އެވެ.
"ފަހަކަށް އައިސް ވަރަށް ގިނަ ދިވެހިން މިތަނުގައި ޕްރޮފެޝަނަލް ދާއިރާތަކުގައި ވަޒީފާ އަދާކުރެމުން އެބަދޭ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ އަދި ޓީޗަރުންގެ ގޮތުގައި ވެސް ދިވެހިން ވަޒީފާ އަދާކުރެމުންދޭ. މިތަނުގައި މުސާރަ އާއި އިނާޔަތްތައް ވެސް ރަނގަޅުވީމަ ފަހަކަށް އައިސް ދިވެހިން ވެސް ވަޒީފާ އަދާކުރަން އެބައާދޭ،" އެތަނުގައި އާއިލާއެކު ދިރިއުޅޭ ދިވެއްސަކު ބުންޏެވެ.
ސިންގަޕޫރު މީހުން ގެންގުޅޭ ރީތި އާދަތައް ދިވެހިން ވެސް ބަލައިގަންނަން ޖެހެ އެވެ. އެ ގައުމުގެ ކުރިއެރުމާއި ތަރައްގީގެ އަސްލަކީ އެއީ އެވެ.