ދައުލަތުގެ އިސް މަގާމްތަކުގައި ތިއްބެވި ފަސް ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ މިރޭ ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމް އާއި ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރުގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ކަމަށެވެ.
އަލްހާން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު އެކަމުގެ ތަފްސީލުތައް މީޑިއާ އަށް ހިއްސާ ކުރައްވާނެ ކަމަށެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މީގެ ކުރިން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެފަހަރު ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.