އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާއްވާތާ 21 ދުވަސް ފަހުން ދެވަނަ ބުރު ބޭއްވުމަކީ ގާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެއް ކަމަށެވެ.
"އިންތިޚާބުގެ ފުރަތަމަ ބުރުގެ ފަހުގައި 21 ދުވަސްތެރޭ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގާނޫނު އަސާސީ ލަޒިމް ކުރާކަމެއް. އެ ގަނޫނީ ޒިންމާއިން އިލްކެޝަންސް ކޮމިޝަނަރަކަށް ނެއްޓިވަޑައެއް ނުގަނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި ހަވާލުކުރެވިފައިވާ ގާނޫނީ ޒިންމާއިން "ނެއްޓިވަޑައި ނުގަނެވޭނެ" ކަމަށާއި ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ނަޝީދު އެގޮތަށް ވިދާޅުވި އިރު އަންނަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީ އަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް އެއީ ހާސްވާންޖެހޭ ކަމެއް ނޫން ކަމަށެވެ.