މީހަކު 15 ވޯޓު އަޅައިގެން އެމްޑީޕީން އިތުރު 2000 ވޯޓު ހޯދާފައިވާ ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިޔާމް އެގޮތަށް ވިދާޅުވީ "ގުޅިގެން އެންމެން މިކޮޅަށް" މި ނަމުގައި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ބައެއް ބޭފުޅުން ވޯޓުލާން ދިޔަ އިރުގައި އަތުގައި މި އޮންނަނީ 15 ކަރުދާސް ކޮޅު. 15 ވޯޓު ކޮޅު. ވޯޓުލާން ދިޔައިމާ ވޯޓު ލުމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފަ އިންނަ މީހާ މިދެނީ ނަން ބަލާފައި އެއް ކަރުދާސް ކޮޅު. ވޯޓުލާންދާ މި ބުނާ މީހާ. މީގެތެރެއިން ވަރަށް ގިނަ ބަޔަކު މިގޮތަށް ވޯޓުލާފައި އެބަހުރި. ގެއިން ދިޔުމުގެ ކުރިން އެންމެ ފަހަތަށް އިންނަ ހަތަރު ވަނަ ނަންބަރުގައި ފާހަގަ ޖަހައިގެން ގޮސް 15 ވޯޓުކޮޅާ އެއްކޮށް އޭނައަށް އެ ލިބޭ ވޯޓުކޮޅާ އެއްކޮށް 16 ވޯޓު ލާފައި އޮތް 2000 މީހުން އެބަ އޮތް. މިއީ ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމެއް،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު ރައްޔިތުން ދިން ވޯޓުގައި އޮޅުވާލާފައިވާކަން މިހާރު ކަށަވަރު ވެއްޖެ ކަމަށާއި ޖުމްލަ 20،000 ވޯޓު ވަނީ އޮޅުވާލާފައި ކަމަށެވެ. މިއީ އާދައިގެ ކަމެއް ނޫން ކަމަށާއި މިއީ ކަނޑައެޅިގެން ރޭވިގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ޗާޕްޚާނާ އަކުން ޕްރިންޓްކޮށް އެތައް ސަތޭކަ ވޯޓު ކަރުދާސް ރާއްޖޭގެ އެކި ރަށް ތަކަށް ފޮނުވާފައިވާކަމަށާއި އެއީ އެންމެން ދަންނަ ހަގީގަތެއް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ވޯޓު ކަރުދާސް ޕްރިންޓް ކުރި މައްސަލައިގެ ތަހުގީގު ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ވަނީ ފޮނުވާފަ އެވެ.
ސިޔާމް ވިދާޅުވީ އަނިޔާވެރިކަމުން ހައްދުފަހަނަ އަޅާފައިވާ ކަޅު އަނދިރި ތިން އަހަރު ރާއްޖޭގެ ވުޖޫދުން ފޮހެވިގެން ހިނގައްޖެ ކަމަށާއި "އެ ކަޅު އަނދިރިކަން" ދެން ތަކުރާރު ނުވާނެ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނައިފި ކަޅު އަނދިރި އަނިޔާވެރިކަމުން ހައްދުފަހަނަ އަޅާފައިވާ ތިން އަހަރު ދިވެހިރާއްޖޭގެ ވުޖޫދުން ފޮހެގެން ހިނގައްޖެ. ދެނެއް އެއް ނާންނާނެ އިރާދަ ކުރެއްވިއްޔާ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއް ވެސް ހަލާކުވެ، ގައުމުގެ ރައްޔިތުން އެކަކު އަނެކަކަށް އަނިޔާވެރި ވާންޖެހޭ އެންމެ ބޮޑު ސަބަބަކީ އެ ގައުމެއްގައި ފަގީރުކަން އާލާވުން ކަމަށެވެ. އެގޮތުން އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން ގޮވަމުން މިދަނީ ފަގީރު ކަމުން ދުރަށް ގޮސް މުއްސަނދި ކަމާ ކައިރިއަށް ދިޔުމަށް ކަމަށާއި މިކަން މިގޮތަށް ކުރަން ބޭނުންވާނަމަ އެމްޑީޕީ ވެރިކަމަށް އަޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ސިޔާމް ވަނީ ރަނގަޅުގޮތުގައި ވިސްނައި ފިކުރު ކުރުމަށް އެމްޑީޕީގެ އާންމު މެންބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.