އިސާމް ޖެމާގެ ހެޓްރިކާއެކު އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް އަތުން 5-0 އިން މޮޅުވެ ކުވޭތު ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ފަސް އަހަރު ތެރޭގައި ހަތަރު ވަނަ ފަހަރަށް އޭއެފްސީ ކަޕްގެ ސެމީފައިނަލުން ޖާގަ ލިބުނު އިރު އެންމެ ފަހުގެ ޗެމްޕިއަން ކުވޭތު ސްޕޯޓްސް، ނިއު އަތުން މޮޅުވެފައި މިވަނީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާ 12-2 އިން ނެވެ.
ރާއްޖޭގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި 7-2 އިން ނިއުއަތުން މޮޅުވަފައިވާ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެޓީމުގެ އަމިއްލަ ދަނޑުގައި މިރޭ ތަފާތު ބޮޑު ނަތީޖާއަކުން ނިއުއަތުން މޮޅުވިއިރު އެޓީމުގެ ތޫނިސް ފޯވަޑް ޖެމާ ކާމިޔާބުކުރި ތިން ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. އޭނާ ވަނީ ފުރަތަމަ ލެގުގައިވެސް ނިއު ކޮޅަށް 4 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މިރޭގެ މެޗުގެ 22 ވަނަ މިނިޓުގައި ކުވޭތު ޓީމަށް ނިއުގެ ގޯލް ހުޅުވާލަ ދިނީ، އަބްދުﷲ އަލް ބުރައިކީ އެވެ. އަދި މެޗުގެ 30 ވަނަ މިނިޓާއި 40 އަދި 45 ވަނަ މިނިޓުގައި ލަނޑުތައް ކާމިޔާބުކޮށް އެޓީމަށް ލީޑު ފުޅާކޮށްދިނީ ޖެމާ އެވެ. ޖެމާ މެޗުގައި ޖެހި ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރި އެޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ.
ދެވަނަ ހާފްގެ ފަސްވަނަ މިނިޓުގައި ނިއުގެ ތަޖުރިބާކާރު ފޯވާޑް އަލީ އަޝަފާގު (ދަގަނޑޭ)އަށް ފައުލް ކުރުމާ ގުޅިގެން ކުވޭތު ސްޕޯޓްސްގެ އަލް ތޯހިރުއަށް ރަތްކާޑު ދެއްކުމާ ގުޅިގެން ފަހު ހާފުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުނު ނަމަވެސް ދެވަނަ ހާފްގައިވެސް ރަނގަޅަށް ކުޅެފައިވަނީ އެޓީމުންނެވެ. އެގޮތުން މެޗުގެ 71 ވަނަ މިނިޓުގައި އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މޫސަބް އަލް ކަންޑާރީ އެވެ.
އޭއެއެފްސީ ކަޕް ތިންވަނަ ފަހަރަށް ކާމިޔާބުކޮށް ރެކޯޑެއް ހެދުމަށް މަސައްކަތް ކުރަމުން ގެންދާ ކުވޭތު ސްޕޯޓްސް މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރަން ޖެހޭނީ އިންޑިއާގެ އީސްޓް ބެންގާލްއާ އެވެ. ސެމީގެ ފުރަތަމަ ލެގް ކުޅޭނީ އަންނަ ހަފްތާގައި ކުވޭތުގަ އެވެ.