ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިތުރު ލަސްވުމަކާ ނުލާ ،ކުރިއަށް ދާނެ ކަމަށް އުއްމީދުކުރާ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.
އިނގިރޭސި ފޮރިން މިނިސްޓަރު އެލިސްޓެއާ ބާޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގައިވާ މުއްދަތުގެ ތެރޭގައި އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން މުހިއްމު ކަމަށެވެ.
"އިތުރު ލަސްވުމަކާ ނުލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކުރިއަށް ދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަކީ ވަކިން ޚާއްސަކޮށް މުހިއްމު ކަމެކެވެ،" ބާޓް ވިދާޅުވެފައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިންތިހާބުގެ ކަންކަމަށް ކޯޓްތަކުން ބޭކާރު ގޮތުގައި ހުރަސްތައް ކުރިމަތި ނުކުރުން މުހިއްމު ކަމަށެވެ. އިންތިހާބުގެ ތެރޭގައި ނަހަމަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ކުރާ ތުހުމަތުތައް ރަނގަޅަށް ބެލުމަކީ ރާއްޖޭގެ ކޯޓްތަކަށް އޮތް ހައްގު ފާހަގަ ކުރައްވާ ކަމަށެވެ.
"އިންތިހާބުގައި ނަހަމަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ކުރާ ގާނޫނީ ތުހުމަތެއް ރަނގަޅަށް ތަހުގީގު ކުރެވޭކަން ކަށަވަރު ކުރުމުގެ ހައްގު ދިވެހިރާއްޖޭގެ ކޯޓްތަކަށް އޮތް ކަން ފާހަގަ ކުރަމެވެ. ނަމަވެސް ބޭކާރު ގޮތުގައި އިންތިހާބުގެ ކަންތައްތަކަށް ހުރަސްތައް ކުރިމަތި ނުކުރުން މުހިއްމެވެ،" އެލިސްޓެއާ ބާޓްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަދި ގާނޫނީ ގޮތުން ހިނގާ ހުރިހާ ކަމެއްގައި ވެސް ހުރިހާ ފަރާތްތައް (ޕާޓީތައް) ތަމްސީލުކުރާ ފަރާތްތަކަށް ބައިވެރި ވެވުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިދިޔަ ފަދަ ސުލްހަވެރިކަމާ އަމަން އަމާންކަމާ އެކު ޑިމޮކްރަސީގެ މިކަން (ދެވަނަ ބުރު) ފުރިހަމަވާނެ ކަން ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް އޭނާ ގޮވާލައްވާފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވަކި މުއްދަތެއް ނެތި ލަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ކޮމަންވެލްތާއި އިންޑިއާ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.