ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބާއްވާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ މެއިން ސްޕޮންސަރަކަށް މިއަދިޔަ އަހަރު ވެސް އެ މުބާރާތް ސްޕޮންސާ ކުރި ޕަސްކޮލް ހަމަޖައްސައިފި އެވެ.
ސްޕޭންގެ މަޝްހޫރު ޔޯގަޓް އަދި ޖޫހާއި ކިރުގެ ބުއިންތަކުގެ ބްރޭންޑެއް ކަމަށްވާ ޕަސްކޮލް، ރާއްޖެ އެތެރެކޮށް ވިއްކާ ސޯސަން މާޓް، ސޯސަން ޕްލާޒާ އަދި ސޯސަން ފިހާރަ ނިސްބަތްވާ އެކްސްޕޯ އިންވެސްޓްމަންޓާ އެކު ވީއޭއެމް އިން އެއް އަހަރު ދުވަހުގެ މުއްދަތައް ސްޕޮންސާޝިޕް އެގްރީމެންޓްގައި ސޮއި ކޮށްފައި ވަނީ މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޕަސްކޮލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކްސްޕޯޓް މެނޭޖަރު ހަވިއާ ޕުޖަލްރަސް އެވެ. އަދި ވީއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިލްޔާސް ވަހީދު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕުޖަލްރަސް ވިދާޅުވީ، އެސޯސިއޭޝަން ކަޕްގެ މެއިން ސްޕޮންސާޝިޕް އާކުރަން ނިންމީ އެ ބްރޭންޑަށް ވިޔަފާރީގެ ގޮތުން ލިބޭ މަންފާ އިތުރު ކުރުމަށް ނޫން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ކުޅިވަރަށް އެހީތެރިވެދިނުމާ އެކު އެ މަރުކާ އިޝްތިހާރު ވެސް ކުރެވޭނެތީ ކަމަށެވެ.
ވީއޭއެމްގެ ނައިބު ރައީސް އިލްޔާސް ވަހީދު ވިދާޅުވީ، ޕަސްކޮލްއާ އެކު ވެވުނު އެއްބަސް ވުމުގެ ސަބަބުން އެ އެސޯސިއޭޝަން އަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނޭ ކަމަށާއި އަދި އޭގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނޭ ކަމަށެވެ.
"ޕަސްކޮލް ފަދަ މަޝްހޫރު ބްރޭންޑަކާ އެކު ދެވަނަ ފަހަރަށް މިފަދަ ފުރުސަތެއް ލިބުމުން އަޅުގަނޑު ދަންނަވާނީ މިއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެކޭ،" އިލްޔާސް ވިދާޅުވި އެވެ. "މިފަހަރު އަޅުގަނޑުމެންގެ އެއްބަސްވުން އެކުލަވާލެވިފައިވާ ގޮތުން، އެސޯސިއޭޝަނަށް ލިބޭ އެހީތަކުގެ އިތުރުން، މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ވެސް ޕަސްކޮލްގެ ފަރާތުން ފައިސާގެ އެހީއެއް ހަމަޖެހިގެންދާ ގޮތަށް އަޅުގަނޑުމެން އެއްބަސް ވެފައި މިވަނީ."
ވޮލީބޯލް އެސޯސިއޭޝަން ކަޕް 2013 އަންނަ މަހުގެ ތިންވަނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ އިރު އެމުބާރާތް ބާއްވާނީ "ޕަސްކޮލް ވޮލީބޯލް އެސޯސިއޭޝަން ކަޕް 2013"ގެ ނަމުގަ އެވެ.