ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފް ޕީޕީއެމް އަށް އަނބުރާ ސޮއިކުރައްވައިފި އެވެ.
ޝަރީފް ޕީޕީއެމް އަށް ސޮއިކުރައްވާފައި ވަނީ "ގުޅިގެން އެންމެން މިކޮޅަށް" މިނަމުގައި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން ބޭއްވި ޖަލްސާގަ އެވެ. ޕީޕީއެމަށް ސޮއި ކުރެއްވުމަށް ފަހު ޝަރީފް ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރައްވާފަ އެވެ.
ޕީޕީއެމްގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގަތް ޝަރީފް އެ ޕާޓީން ވަކިވެވަޑައިގަތުމަ ފަހު މިހާތަނަށް ހުންނެވީ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގަ އެވެ.
ޝަރީފް ޕީޕީއެމަށް ސޮއި ކުރެއްވުމާ އެކު އެ ޕާޓީގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޝަރީފް އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ބޮޑުކަމެއްގެ ފެށުން ކަމަށެވެ.
ގއ. އަތޮޅުގައި މީގެ ކުރީން އެމްޑީޕީގެ މެންބަރުގެ ގޮތުގައި ހަރަކާތްތެރިވި 200 މީހަކު ޕީޕީއެމް އަށް ސޮއިކޮށްފައި ވާތީ އެ މީހުންގެ މެންބާޝިޕް ފޯމްތައް ވެސް މިރޭ ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ ހަވާލުކުރައްވައިފަ އެވެ. އެ ފޯމްތައް ހަވާލުކޮށްދެއްވީ ގއ. އަތޮޅުގައި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ.
މިރޭގެ ޖަލްސާގައި އަދާލަތު ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބު ވެސް ވަނީ ދެވަނަ ބުރުގައި ޔާމީނަށް ތާއީދު ކުރައްވާނެކަން ހާމަކުރައްވައި ވާހަކަފުޅުދައްކަވާފަ އެވެ.