ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރުމުން ރާއްޖޭގެ ސުލްހަ އާއި ސަލާމަތަށް އަސަރުކޮށްފާނެ ކަމަށާއި އެކަމަށް ރިއާޔަތްކޮށް، މިހާރު އޮތް ހާލަތަށް ވީހާ އަވަހަކަށް އެޑްރެސް ކުރުމަށް އިންޑިއާ އިން ގޮވާލައިފި އެވެ.
ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މީޑިއާ އިން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ވަނީ ރާއްޖޭގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް އިންތިހާބުގެ ކަންތައް އަނބުރާ އިއާދަ ކުރުން މިއްމު ކަމަށެވެ.
"މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ރާއްޖޭގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. އެއީ ދިވެހި ރައްޔިތުން އެދޭ ގޮތަށް އިލެކްޓޯރަލް ޕްރޮސެސް އިއާދަ ކުރުމަށެވެ. ޝެޑިއުލް ކޮށްފައިވާ ގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު (ސެޕްޓެމްބަރު 28 ވަނަ ދުވަހު) ބޭއްވުމަކީ އަދި ގާނޫނު އަސާސީގައިވާ ގޮތަށް ދިވެހި ރައްޔިތުން އިންތިހާބު ކުރާ ރައީސަކު 2013ނޮވެމްބަރު 11ގައި ރިޔާސަތާ ހަވާލު ވުމަކީ އެގޮތުން މުހިއްމު ކަމެކެވެ،" އިންޑިއާގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން ދިޔައީ ދެފުށް ފެންނަ އިންތިޒާމު ރަނގަޅު ސުލްހަވެރި ގޮތުގައި ކަމަށެވެ. އެކަން ވަނީ ގައުމީ އަދި ބައިނަލް އަގުވާމީ އޮބްޒާވަރުން ފާހަގަ ކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.