ޓްރޭޑާސް ހޮޓާކާރިން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި ފުލުހުން ބަލައި ފާސްކުރި ވަގުތު އެ ކާރުގެ ޑިކީ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ، މިރޭ އިރާ ކޮޅު ލިބުނު މައުލޫމާތަކާ ގުޅިގެން ޓްރޭޑާސް ހޮޓާ ކާރިން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވާ ބަލާ ފާސްކުރުމުން އެ ކާރުގެ ޑިކީ ތެރެއިން ރާފުޅިތަކެއް ފެނިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށެވެ. ނަމަވެސް އެކާރަކީ އަމިއްލަ މީހެއްގެ ކާރެއް ކަމެއް ނުވަތަ ޓެކްސީއެއް ކަމެއް ފުލުހުން ބުނެފައި ނުވާއިރު ކާރުގެ ޑިކީ ތެރެއިން ފެނުނީ ކިހާ އަދަދެއްގެ ރާފުޅިތަކެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.
އެވަގުތު ޓްރޭޑާސް ހޮޓާކާރިގައި ހުރި މަންޒަރު ދުށް މީހަކު މިރޭ ސަންއާ ވަހަކަ ދައްކަމުން ބުނީ، ފުލުހުން މިއަދު އިރުއޮއްސެން އުޅެނިކޮށް އަތުލައިގަތް ކާރަކީ އަމިއްލަ މީހެއްގެ ކާރެއް ކަމަށާއި އެކާރުގައި ޕީ ބޯޑް ޖަހާފައި ހުރި ކަމަށެވެ. އަދި އެކާރުގެ ޑިކީ ތެރޭގައި ގިނަ އަދަދެއްގެ ރާފުޅިތަކެއް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ އެކާރު ދުއްވަން އިންމީހާ ފުލުހުން ހައްޔަރު ކޮށްގެން ގެންދިޔަ މަންޒަރު އޭނާ އަށް ފެނިފައިވާ ކަމަށެވެ.