ރިޔާސީ އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުންގެ މަތިން ކަމަށާއި އަދި ގައުމު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދިޔަ ނުދީ އިންތިހާބު ބޭއްވުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަންގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބުގެ ކަންތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބު ލަސްވުމުގެ ސަބަބުން ގައުމު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދިޔަ ނުދިނުމަށް ޓަކައި ރައީސުލްޖުމްހޫރީއްޔާ އާއި ރައްޔިތުންގެ މަޖިލީހާއި އަދި ސުޕްރީމް ކޯޓާ މަޝްވާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ ކުރިއަށް ދާންވީ ގޮތަކާ މެދު ވާހަކަ ދައްކައި މަޝްވަރާކުރަމުން. އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލާގައި އަވަހަށް ގޮތެއް ނިމި ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވޭނެ ކަމަށް އުއްމީދުކުރަނީ. އަޅުގަނޑުމެން މިދަނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓާ ވާހަކަ ދައްކައި މަޝްވަރާކުރަމުން،" ފަޔާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސް ކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ދެންނެވުން ފަޔާޒު ވިދާޅުވީ އިންތިހާބުގެ ކަންތައްތައް އެ ބޭފުޅުން ކުރިއަށް ގެންދަވާނީ ރިޔާސީ އިންތިހާބުގެ ގާނޫނާއި ގާނޫނު އަސާސީ އާއި އިންތިހާބުތަކާ ބެހޭ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ކަމަށެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސުގައި ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް އިންތިހާބު ފަސް ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ބުނެފައެއް ނުވެ އެވެ.
"އެންމެ ފުރަތަމަ ގާނޫނު އަސާސީ ދެން އޭގެ ދަށުން ހެދޭ ގާނޫނުތައް. ދެން އޭގެ ފަހުން އެހެން ކަންތައްތައް. އަޅުގަނޑު ދަންނަވާނީ ކޯޓަކަށް ވެސް އެހެން މުއައްސަސާއަކަށް ވެސް ގާނޫނު އަސާސީ އަށް ވުރެ މަތީގައެއް ނުތިބެވޭނެއޭ. އަޅުގަނޑު އެއްގޮތަކަށް ވެސް މި ދަންނަވަނީކީ ސުޕްރީމް ކޯޓުގެ ހުކުމަށް ބޯނުލަބާނެ ވާހަކައެއް ނޫން،" ފަޔާޒް ވިދާޅުވި އެވެ.
ނަމަވެސް އެމްބީސީގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ފަޔާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބާ ގުޅިގެން ދެ އަމުރެއް އެ ބޭފުޅުންނަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކަންތައްތައް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށާއި އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބޭއްވުމަށް "ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ނިންމާފައިވާ ނިންމުމެއް" ލިބިފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަން ދެން ފަސް ކުރުމަށް ސުޕްރީމް ކޯޓުގެ އަމުރެއް އެ ކޮމިޝަންގެ މައްޗަށް އޮތް ކަމަށް ފަޔާޒް ވިދާޅުވި އެވެ.
ފަޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވުމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ތާރީހުތަކުގައި ނުބޭއްވިޖެ ނަމަ ރާއްޖެ ވަރަށް ބޮޑު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އަންނަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އިބްތިހާބު ނުބޭއްވިއްޖެ ނަމަ ދެން ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބޭއްވުމަކީ ނާދިރު ކަމަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.