ޖުމްހޫރީ ޕާޓީން އެދުނު ހުރިހާ ހެކީންގެ ހެކިބަސް ނަގައި ނިމިއްޖެ

ޖުމްހޫރީ ޕާޓީގެ ފާރާތުން އެދުނު ހުރިހާ ހެކީންގެ ހެކިބަސް ސުޕްރީމް ކޯޓުން ނަގައިފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަސް މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ މިއަދު ހެކިބަސް ނަގާފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި ހެކީންގެ ތެރެއިން ކޯޓަށް ހާޒިރުކުރެވުނު މީހުންގެ ހެކިބަސް ކަމަށެވެ.

ހެކިބަސް ނަގައި ނިމުމުން ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ ބާކީ ތިބި ހެކީންގެ ހެކިބަސް ނެގުމަށް ޖުމްހޫރީ ޕާޓީން މިހާރު ބޭނުން ނުވާކަމަށެވެ.

މިއަދު ހެކިބަސް ދިން ފުރަތަމަ މީހާ ބުނީ ވޯޓު ފޮއްޓެއްގެ ވެރިއަކު އޭނާ ގާތު މީހަކު ދެ ފަހަރު ވޯޓުލާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ދެވަނަ އަށް ހެކިބަސްދިން މީހާ ބުނީ ވޯޓުލުމަށް ކިޔުގައި ދޮޅުގަޑި އިރު ހުރުމަށް ފަހު ވޯޓުލާން ގޮސް އައިޑީކާޑު ދެއްކުމުން ސިސްޓަމުން ދައްކާ ގޮތުން އޭނާ ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ވިދާޅުވި ކަމަށެވެ.

އޭނާ ބުނީ އެކަމާ ޝަކުވާ ކުރުމުން މަޑުކޮށްލުމަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ވިދާޅުވި ކަމަށާއި ދެން 30 ނުވަތަ 40 މިނެޓުވަންދެން މަޑު ކުރުމަށް ފަހު ވޯޓުލުމުގެ ފުރުސަތު ދިނުމުން ވޯޓުލާފައިވާ ކަމަށެވެ.

ތިން ވަނަ އަށް ހެކިބަސް ދިން މީހާ ބުނީ މީހަކަށް ވޯޓު ލެވޭނީ ހަމައެކަނި ދެވަނަ ބުރުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު އޭނާ ގާތު ބުނި ކަމަށެވެ. އުމުރުން 18 އަހަރު ނުފުރެނީސް ވޯޓުލި ކަމަށް ބުނާ ކުއްޖާގެ އައިޑީކާޑު ދެކުނިންތޯ އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސައިން ސިރާޖު ދެންނެވުމުން އޭނާ ބުނީ އެ ކުއްޖާގެ އައިޑީކާޑު ނުދެކޭ ކަމަށެވެ.

ހަތަރު ވަނައަށް ހެކިބަސް ދިން މީހާ ބުނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު 18 އަހަރު ނުފުރޭ ކުއްޖަކު ވޯޓުލާފައިވާ ކަމަށެވެ. އެކަން އެނގުނީ ކިހިނެތްތޯ ޖުމްހޫރީ ޕާޓީގެ ވަކީލު ހަސަން ސައީދު ދެންނެވުމުން އޭނާ ބުނީ 18 އަހަރު ނުފުރޭ ކުއްޖާ އޭނާ ގާތު ވޯޓުލާފައިވާ ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ އިނގިލި ބަލާލުމުން އެކަން އެނގުނު ކަމަށް ވެސް ހެކިބަސްދެމުން އެ މީހާ ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލު ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ބުނީ އެ ކުއްޖާގެ އައިޑީކާޑުގެ ކޮޕީ ވެސް އޭނާ އަތުގައި އެބަ އޮތް ކަމަށާއި އައިޑީކާޑުގައިވާ ގޮތުން އެ ކުއްޖާ އުފަންވެފައި ވަނީ 1996 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ހެކިބަސް ދިން ފަސް ވަނަ މީހާ ބުނީ އޭނާ ވޯޓުލާން ދިޔުމުން އޭނާ އަކީ ވޯޓުލާފައިވާ މީހެއް ކަމަށް އިދާރީ މޭޒުން ބުނި ކަމަށެވެ. ނަމަވެސް އޭނާ އަކީ ވޯޓުލާފައިވާ މީހަކަށް ނުވާތީ އެކަމާ ޝަކުވާ ކުރުމުން ވޯޓު ލުމުގެ ފުރުސަތު ދީފައިވާ ކަމަށް އެ މީހާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަނީ އިތުރު ދެ ލިޔުމެއް ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާފަ އެވެ.

އެ ލިޔުންތައް ހުށަހަޅުއްވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ ށ. ނަރުދޫ ވޯޓު ފޮއްޓަށް ބާތިލްވޯޓު އެޅިކަމުގެ ޝަކުވާ ލިބިގެން އެ ފޮށި އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނަށް ލަފާ ދިނުމުން އެ ފޮށި ގުނަން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެކަން ސާބިތު ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ލިޔުމެއް ހަސަން ސައީދު ވަނީ ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ފުލުހުންގެ އެހީތެރިކަން ހޯދި މިންވަރު ބަޔާންކޮށް ފުލުހުން ޖުމްހޫރީ ޕާޓީ އަށް ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ވެސް ހަސަން ސައީދު ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.

ހެކިބަސް ނެގުމަށް ފަހު އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ތިން ހެކީންގެ ހެކިބަސް ނެގުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ހެކީންގެ ގޮތުގައި ހުށަހެޅި މީހުންގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑިރެކްޓަރު ޖެނެރަލް ވެސް ހިމެނެ އެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ މާދަމާވެސް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު