ޖަމިއްޔަތުއްސަލަފުން އިންތިޒާމްކޮށްގެން ގެނެސްދިން "އަންދަލުސް"ގެ ދަރުސާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް ޖަމިއްޔަތުއްސަލަފުގައި އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯގެ މެމްބަރު ސުލައިމާނު މުހައްމަދު ސޮއިކުރައްވާ ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމަށް ފޮނުވި ސިޓީއެއްގައި ފަސްކަމެއް ސާފުކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ.
އެ މައްސަލަ އިލެކްޝަނުން ބަލަމުން ގެންދަނީ ސިޔާސީ ޕާޓީއަކުން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށް އެ ކޮމިޝަނުން ސަލަފަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އެގޮތުން މިމަހުގެ 17 ވަނަ ދުވަހު ދަރުބާރުގޭގައި ސަލަފްގެ އެއްވުމެއް ބޭއްވިތޯ އާއި ޝައިހު އާދަމް ޝަމީމުގެ ދަރުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަކީ ލާދީނީ މީހެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވޭތޯ އާއި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމަށް ރައްދުވާ ގޮތަށް ދީން ސިޔާސީ ގޮތުން ބޭނުންކޮށް ވާހަކަދައްކާފައިވޭތޯ ސުވާލުކޮށްފައިވެ އެވެ.
މީގެ އިތުރުން ޑރ. އަފްރާޝީމް އަލީ މަރާލީ އެމްޑީޕީ އަށް ތާއީދު ކުރާ މީހުންތަކެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާފައިވޭތޯ އާއި ރިޔާސީ އިންތިހާބްގައި ބައިވެރިވާ ކެންޑިޑޭޓެއް "ސެކިއުލާ ޑިމޮކްރަސީ" އަކަށް އެދޭ ވާހަކަ ބުނެފައިވާ ކަމަށް ބުނެ ހަގީގަތް އޮޅޭގޮތަށް ވާހަކަތަކެއް ދައްކާފައިވޭތޯ ސުވާލުކޮށްފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައިވާ ސުވާލުތަކަށް ސަލަފުން ދޭން ބޭނުންވާ ޖަވާބެއް ލިޔުމުން އެކޮމިޝަނަށް ހުށަހެޅުމަށް ވެސް ސިޓީގައި އަންގައިފައިވެ އެވެ.
އަންދަލުސްގެ ދަރުސްއަކީ 800 އަހަރު ވަންދެން ސްޕޭންގައި ދެމި އޮތް އިސްލާމީ އުއްމަތް ނަސޯރާއިންނާއި ޔަހޫންދީންގެ ނުބައިކަމުން ނެތި ދިޔަ ގޮތް ބަޔާންކޮށްދިނުމުގެ ގޮތުން ސަލަފުން ގެނެސްދިން ދަރުސެކެވެ. އެ ދަރުސްގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގެ މައްޗަށާއި ދީނީ އިލްމުވެރިންނަށް އެބައި މީހުންގެ ވާޖިބު އަދާކުރުމުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް ވެސް ވަނީ އަލިއަޅުވާލައިފަ އެވެ.