މި މަހު 7 ވަނަ ދުވަހު ރާއްޖެގައި ނެގި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން އެމްޑީޕީ ވަކިވެއްޖެ އެވެ.
އެމްޑީޕީގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައިގެ ތެރެއިން އެ ޕާޓީ ވަކިވީ އިންސާފުވެރި ޝަރީއަތެއް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާތީ އާއި އަދި ފުރަތަމަ ބުރުގެ އިންތިހާބުގައި އެ ޕާޓީ އަށް ވޯޓު ދިން މީހުންގެ ހައްގުތައް ހޯދިދާނެ ކަމަށް ގަބޫލުނުކުރެއްވޭތީ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ކޯޓުގައި ކުރާ ދައުވާގައި އެމްޑީޕީ ކުރިން ވަނީ ތަދައްހުލުވެފަ އެވެ. ނަމަވެސް ދެ ވަނަ ބުރުގެ ވޯޓުލުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައެޅުމާ އެކު ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ހިސާން ވަނީ ސުޕްރީމް ކޯޓުގެ އިއްޔެގެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެ ޓީވީން ލައިވް ކުރި އެ ބައްދަލުވުމުގައި އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެ އަށް ފަހު މިއަދު ސުޕްރީމް ކޯޓުން ހިސާން އާއި އަދި އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ހިސާން މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މައްސަލައިގެ ތެރެއިން އެ ޕާޓީ ވަކިވިކަން ވާނީ މިއަދު ސުޕްރީމް ކޯޓަށް އަންގަވާފައި ކަމަށެވެ.