ކުވޭތު ސިޓީ (24 ސެޕްޓެމްބަރު) – އޭއެފްފްސީ ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ކުވޭތު ސްޕޯޓްސް ކްލަބް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައި އޮތް ނަމަވެސް ދެ ވަނަ ލެގުގައި މިރޭ އެޓީމާ ދެކޮޅަށް ނުކުންނައިރު އަދިވެސް އުންމީދު ގެއްލުވައި ނުލާ ކަމަށް ނިއުރޭޑިއެންޓްގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނެފި އެވެ.
މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުން ކުވޭތު ސްޕޯޓްސް އަތުން ނިއު ބަލިވީ 7-2 އިން ނެވެ. އަދި މިރޭ ކުވޭތުގައި އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ އަމިއްލަ ދަނޑުގައި އެޓީމާ ދެކޮޅަށް ނުކުންނައިރު ނިއުއަށް ސެމީ ފައިނަލްގެ ފުރުސަތެއް އޮތީ ހަ ލަނޑުގެ ތަފާތަކުން ކުވޭތު ޓީމުގެ މައްޗަށް ކުރިހޯދައިގެންނެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިއުގެ ކޯޗު ބުނީ ކުރިއަށް ދިއުމަށް އޮތް ފުރުސަތު ކިތަންމެ ހަނި ކަމުގައިވީ ނަމަވެސް އޭނާގެ ޓީމަށް އޮތް ފުރުސަތު އަދި އެއްކޮށް ގެއްލިގެން ނުދާ ކަމަށެވެ.
"ކުވޭތު ސްޕޯޓްސް ފަދަ އޯގަނައިޒްޑް ވަރުގަދަ ޓީމަކާ ދެކޮޅަށް އެޓީމްގެ އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އަދި، ފުރަތަމަ ލެގުން ބޮޑު ކާމިޔާބެއް ހޯދާފައިވާއިރު އަހަރެމެންނަށް އޮތް ފުރުސަތު އެހާ ތަނަވަހެއް ނޫން،" ނިއުގެ ކޯޗު ބުންޏެވެ. "އެހެން ނަމަވެސް އަހަރެމެންނަށް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް އުންމީދު ކުރަން. ފުޓްބޯޅައިގެ ރަނގަޅު ތަންކޮޅަކީ އެއްވެސް މީހަކަށް މެޗުގެ ކުރިން ނަތީޖާ ބުނާކަށް ނޭނގޭނެ."
ނިއުގެ ބަލްގޭރިއާ ކޯޗު ބުނީ ރާއްޖޭގަޑިން މިރޭ 9:30ގައި ކުޅޭ މެޗުން މޮޅުވަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށާއި އަދި ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރާ ކަމަށެވެ.
ފުރަތަމަ ލެގުގައި ބެންޗުން ފޮނުވާލުމުގެ ސަބަބުން މިރޭގެ މެޗުގައިވެސް ބެންޗަށް އައުމުގެ ފުރުސަތު ޕޮޕޯފްއަށް ގެއްލިފައިވާ އިރު ހަމަ އެމެޗުގައި ރައްކާޑެއް ދައްކާފައި ވުމުގެ ސަބަބުން ނިއުގެ އެންމެ މުހިއްމު އެއް ކުޅުންތިޔާ މުހައްމަދު އުމޭރުއަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ.