ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އަފްގާނިސްތާންގެ ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ދެއްވައިފި އެވެ.
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް އިއްޔެ ޕްލެޓިނީ ކުރެއްވި ދަތުރު ފުޅުގައި އެގައުމުގެ ފުޓްބޯޅައާ ބެހޭ އިސްފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އަފްޣާންގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕްލެޓިނީ ވިދާޅުވީ ތާލިބާނުންގެ ވެރިކަން އަފްޣާނިސްތާނުގައި އޮތް އިރު އެ ގައުމުގައި އާއްމުކޮށް ކުޅިވަރުތައް ކުޅެހެދުމަކީ އުނދަގޫ ކަމަކަށްވެފައިވާ އިރު، އަފްގާންގެ ފުޓްބޯޅަ ޓީމް ދާދި މިދާކަށް ދުވަހު ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުން އެކަމާ ވަރަށް އުފާވާކަމަށާއި އެހެން ކަމުން ޔޫއެފާގެ ފުރިހަމަ އެއްބާރުލުން އަފްގާންގެ ފުޓްބޯޅަ ކުރިއެރުވުމަށް ދެއްވާނެ ކަމަށެވެ.
"އަފްގާންގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޔޫއެފާއިން ކޮށްދޭނަން. އަހަރެން ވަރަށް އުފާވެއްޖެ އަފްގާންގެ ފުޓްބޯޅަ ކުރިއަރަމުން އަންނާތީ. މިއަށް ވުރެ އިތުރަށް އަފްގާންގައި ފުޓްބޯޅަ ކުރިއަރުވަދޭނަން." ޕްލެޓިނީ ވިދާޅުވިއެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިމަހުގެ 11 ވަނަ ދުވަހު ނިމިގެން ދިޔަ އަށް ވަނަ ސާފް ޗެމްޕިއަންޝިޕް އަފްޣާން އިން ކާމިޔާބުކުރީ ފައިނަލްގައި އިންޑިއާ 2-0 ލަނޑުން ބަލިކުރުމަށް ފަހު އެވެ.
އަފްގާނަށް ޕްލެޓިނީ ކުރެއްވި ދަތުރުފުޅުގައި އޭނާ ވަނީ އެގައުމުގެ ޒުވާން ކުޅުންތެރިންނާއި އެގައުމުގެ ކުޅުންތެރިން ފުޓްބޯޅަ ކުޅެމުން އަންނަ ސްޓޭޑިއަމްތައް ވެސް ބައްލަވާ ލައްވާފަ އެވެ.
އަފްޣާނިސްތާންގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް އާމްދަނީއަށް ގާތްގަނޑަކަށް ދުވާލަކަށް ނުވަ ޑޮލަރު ލިބޭއިރު އެގައުމުގެ ސަރުކާރުން ވަނީ، މުބާރާތް ކާމިޔާބުކުރި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އާ އެޕާޓްމަންޓެއް ދޭނޭ ކަމަށް ވައުދުވެފަ އެވެ. މުޅި އެގައުމަށް ވަނީ ތައްޓާއެކު އުފާވެރިކަމެއް ލިބިފަ އެވެ.