ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ބ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންނަށް އަމާޒްކޮށްގެން ކުޅުނު އެއް ދުވަހުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ "ބްލޫ ވޭވް ކަޕް"ގެ ޗެމްޕިއަންކަން ވަން ރައުންޑް އެފްސީ ހޯދައިފި އެވެ.
ވަން ރައުންޑް އެފްސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ޓީމް އެލްޓިކޯއާއި ވާދަކޮށް 2-0 ން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ވަން ރައުންޑް އެފްސީން ޖެހި ދެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މުހައްމަދު ރަޝީދު އެވެ.
އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރާތް ކުރިއަށް ގޮސްފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ސެމީ ފައިނަލް ދާގޮތަށެވެ.
މުބާރާތުގެ ވަނަ ވަނައަށް އައި ކުޅުންތެރިންނަށާއި ޓީމްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ވޭވް ނިމުމަށް ފަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.