އަނދިރީގައި އާންމުވި ކުށް ހުއްދަވީބާ؟

އިސްލާމް ޓީޗަރު ކިޔަވައިދެމުން ބުނި ހަނދާން އެބަހުއްޓެވެ. ފަހު ޒަމާނުގައި ނުބައި ކަންތައްތައް އާންމުވެގެން ގޮސް، ކުށްވެރި ކުރުމުގެ ބަދަލުގައި ބުނާނީ މިހެންނެވެ. "ތިޔަކަން ކުރަން އެއްކާރިއަށް ޖެހިލާ،" އެންމެ ސޯލިހު އަޅުވެރިޔާ ވެސް ބުނާނީ މިހެންނެވެ. މިއަދު މި މުޖުތަމައުއަށް އެ ޖުމްލަ ފެތެ އެވެ. ވެރިރަށް މާލޭގެ ޕާކުތަކުން ފެށިގެން ވިލިމާލެ، ހުޅުމާލޭގެ ޕާކްތަކާއި އެ ރަށްރަށުގެ އައްސޭރި ފަށްތަކުން ފެށިގެން މަގުތަކުގެ އަނދިރި ހިސާބުތައް އަލިކޮށްލާނަމެވެ. އެއީ ދެ ޕިކަޕެއް، ދެކާރެއް ދޭތެރެއަށް ވިޔަސް އަދި އަނދިރި ގޯޅިތެރެއަށް ވިޔަސް އާންމުކޮށް ފެންނަނީ އެއް މަންޒަރެކެވެ. އެއީ ފާޅުގައި ލަދެއް ބިރެއްނެތި "ލޯބި ކުރާ" މަންޒަރެވެ.

އެއް ރެއަކު ރައްޓެއްސަކާ އެކު ދުފާލުމަށް ސުނާމީ ބިނާ ސަރަހައްދަށް ދިޔައީމެވެ. ބިލެތްގަނޑަކަށް އޯޑަރު ދިނުމަށް ފަހު ކަސްރަތު ޕާކް ތެރޭގައި ހުރި ގޮނޑިއެއްގައި ޖައްސާލީމެވެ. ކުއްލިއަކަށް ފެނުނީ ބަލާލަން ފަސޭހަ މަންޒަރެއް ނޫނެވެ. ޕާކުތެރޭ ހުރި އަށްޓެއް ކައިރީ ފަސް "ޖޯޑު 'ބެންޑުވާ' ގޮތެއްތާ" އެވެ. ބައެއް ފަހަރު އިށީދެ އަނެއް ބައިފަހަރު އޮށޯވެ، ކޮޅަށްތެދުވެ، ކަމާކަން ފަށާ އެކަމުގެ ތެރެއަށް ގެނބިފަ އެވެ. ހަމަ ރަނގަޅަށް ވެސް އަމަލުވެފަ އެވެ. މިއީ އާންމުތަނެކޭ އެމީހުންނަށް "ހީވެސް" ނުވެ އެވެ.

ލިބުނު ސިހުމާ އެކު ކައިރިއިން ރަހުމަތްތެރިޔާ އަށް އެ މަންޒަރު ދައްކާލީމެވެ. އޭނާ ބުނެލީ ފަސޭހަ ޖަވާބެކެވެ. "ތީ ދެން މިހާރު އާންމުކަމެއްނު،" އެއީ ތެދެއްތާ އެވެ. އެއީ އެކި އުމުރުގެ ގިނަ މީހުން ވަދެ ހަދާ ޕާކެކެވެ. އަދި ގާޑިޔާ ދަށަށް އަންނަ މީހުންނާއި ފިނި ބުރު ޖަހަން ނުކުމެ އުޅޭ އެތައް ބަޔަކަށް އެ މަންޒަރު ފެންނާނެ އެވެ. މަ ނޫން މީހަކަށް އެކަން މާ ބޮޑު ކަމަކަށް ނުވީތާ އެވެ. މަށަށް ކަމަކަށްވީ އެހާ އާންމުތަނެއްގައި އެހެރަ އުޅެލި ގޮތްތަކުންނެވެ.

http://www.sun.mv/albums/l_20255.jpg

އެރޭ ފެނުނު މަންޒަރު، އާންމުވެފައިވާ މިންވަރު ބެލުމަށް މަސައްކަތް ފެށީމެވެ. މިދިޔަ ހަފްތާގެ ތަފާތު ތިން ދުވަހެއްގެ މަތިން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ އެކިއެކި ސަރަހައްދުތައް ބަލައި، ސުރުހީއަށް މިކަން ގެނައުމަށް އަމާޒު ހިފީމެވެ.

މާލެގައި ލޯބި ކުރުމުގެ ބައި އެންމެބޮޑަށް ކުރިއަށްގެންދާކަން ފާހަގަވެފައި ވަނީ ދަރުބާރުގޭ ކައިރި އޮންނަ ކަސްރަތުޕާކާއި އެ ހިސާބުގައި އޮންނަ އަޑި ޕާކްގެ އިތުރުން އުސްފަސްގަނޑު ސަރަހައްދުގެ ބޭރު ތޮށި މައްޗާއި އާޓިފިޝަލްބީޗްގައި ރާޅުގަނޑާއި ދިމާއަށް ހަދާފައި ހުންނަ ސުޓޭޖާއި ބީޗާއި އަލިމަސް ކާނިވަލާ ދޭތެރޭ އޮންނަ ތޮށިގަނޑު ސަރަހައްދުގެ އިތުރުން ސަލްޓަންޕާކެވެ. އިރުއޮއްސި 7:00 ފެށިގެން މެންދަމުން އަނބުރާއިރު ވެސް އެތަންތަން ވެފައި އޮންނަނީ ޖޯޑުތަކަށް ތިބޭ ނޫކަށި ފުރައިގެ ޒުވާނުން ލޯބިކުރާ މަރުކަޒުތަކަކަށެވެ.
http://www.sun.mv/albums/l_20245.jpg

މާލޭގެ އެކި ސަރަހައްދުތަކުގައި އެފަދަ އަމަލުތައް ހިންގުން އާންމު ވެފައިވާ އިރު ފާހަގަކުރެވިފައި ވަނީ އެއްވެސް ބިރެއް، ލަދެއް ނެތި އެފަދަ އަމަލުތައް ފާޅުގައި އެކިއެކި އުމުރުގެ "ޖޯޑުތައް" ހިންގަމުންދާ ކަމެވެ. ގިނައިން ތިބެނީ އުނގު ތެރޭގަ އެވެ. ދެ ޖިންސުގެ ގިނަ ބަޔަކު އެމީހުންގެ ލަދުވެތި ގުނަވަންތައް ފާޅުކޮށްގެން އެކިއެކި އަމަލުތައް ހިންގާ މަންޒަރު ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ފެނިފަ އެވެ.

ވިލިމާލެއަށް އަނދިރިވުމަށް ފަހު އަވަށުގެ އެންޓަނާ ސަރައްދާއި ކުރީގެ ރިސޯޓް ސަރަހައްދުގެ އިތުރުން ފަހުން ހިއްކި ބިމާއި ސަހަރާ ބިއްދޮށް ބަދަލު ވަނީ ލޯބިކުރާ ޖޯޑުތަކުގެ މަރުކަޒު ތަކަށެވެ. އެ އަވަށުގެ ގޮނޑުދޮށުގެ އެކި ހިސާބްތަކުގައި އެފަދަ އަމަލުތައް ހިންގަ އެވެ. ވިލިމާލޭގައި ބަރަހަނާ ހާލުގައި އާންމު ތަންތާގައި އެންމެ ބޮޑެތި ބަދުއަހުލާގީ އަމަލުތައް ހިންގަމުންދާކަން އެއީ ރަށުގެ އެންމެނަށް އިނގޭ ބޮޑު ސިއްރެކެވެ.

ހުޅުމާލޭގައި އެކަން އުޅެނީ މާ ކުރީގަ އެވެ. އެގޮތުން ހުޅުމާލެ ބާބަކިޔު ހަދާ ސަރަހައްދާއި ސިނާއީ ސަރަހައްދާއި އެ އަވަށުގެ އައްސޭރިފަށުގެ އެކިއެކި އަނދިރިތަކުގަޔާއި ރަށުތެރޭގައި ގަސްބޯކޮށް ހުރި އެކި ހިސާބުތަކުގައި ބަދު އަހުލާގީ ހުރިހާ އަމަލެކޭ ބުނެވޭ ގޮތަށް ހިންގަމުންދަނީ ވަރަށް ވެސް ފާޅުގަ އެވެ. "ނާސިގެތަކެއް" ފަދަ އެވެ. އަޑާއި ހަރަކާތަށް ބަލާއިރު މި އުޅެނީ މީހުންނަށް ފެންނަ ފަށުގައޭ ހީވެސް ނުވާ ކަހަލަ އެވެ.

ލޯބި ކުރުމުގެ ބައި ހައްދުން ނައްޓާފައިވާ އިރު، އެކަމުގައި ގިނައިންމުޅިން ވެސް އުޅޭތަން ފެންނަނީ ޒުވާން އުމުރުގެ ޖިންސުން ލަތީފުންނެވެ. ނަމަވެސް ހަރު އުމުރުގެ މީހުންނާއި މެދު އުމުރުގެ މީހުން ވެސް އެފަދަ ކަންކަމުގައި ހަރަކާތްތެރިވާ މަންޒަރު ވަނީ މަދުން ނަމަވެސް ފެނިފަ އެވެ. އެ ސަރަހައްދުތަކުގައި އެ އަމަލުތައް ހިންގަމުންދަނީ އިރުއޮއްސި 7:00 އަކުން ފެށިގެން ދަންވަރު 1:00 ޖަހާކަންހާއިރު ވަންދެނެވެ. އެފަދަ ތަންތަން ލޯބިވެރިންގެ މަރުކަޒުތަކަށް ބަދަލުވަނީ ގިނަ ޕާކްތައް އަނދިރިކޮށް ބާއްވާތީ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

http://www.sun.mv/albums/l_20250.jpg

ޕާކުތައް އަލިނުކޮށް، އަނދިރީގެ ތެރޭގައި އޮތުމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށް ސިޓީ ކައުންސިލުން ދެކެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވި ގޮތުގައި އެފަދަ އަމަލުތައް ޕާކްތަކުގަޔާއި އެކިއެކި ސަރަހައްދުތަކުގައި ހިންގާކަމުގެ ގިނަ ޝަކުވާތަކެއް ހުށައަޅާފައިވާ ކަމަށެވެ. އަދި އެފަދަ ޕާކްތަކާއި އެފަދަ ތަންތަން އަލިކޮށް ނުބެހެއްޓެނީ "ސަރުކާރުގެ އެހީ ނުލިބޭތީ" ކަމަށް ސުޖާއު ތުހުމަތު ކުރެ އެވެ.

ޕާކުތަކާއި އާންމު ތަންތަނުގައި ބަދު އަހުލާގީ އަމުލުތައް ހިންގުން އާންމުވެފައިވާ އިރު އެކަންކަމުގައި މައިންބަފައިންގެ ބޮޑު ޒިންމާއެއް ވެއެވެ. ދަރިފުޅު ބޭރަށް ދަމުން "ގުރޫޕް ސުޓަޑީސް ހަދަންށޭ" ބުނެލާނެ އެވެ. އިތުރު ސަބަބެއް ބުނުމުން މާބޮޑަށް އަޅާނުލާ ދަރިން އުޅޭ ނޫޅޭ ތަނެއް ބަލައި ނުލައޭ ބުނެވޭނެ ސަބަބުތައް އެބަހުއްޓެވެ. އެގޮތުން "ގްރޫޕް ސުޓަޑީސް ހަދަން" ކަމަށް ބުނެ ގެއިން ނުކުންނަ ދަރިފުޅު އެ ބުނާ "ސުޓަޑީސް"އެއް ހަދަނީ ޕާކްތަކުގެ އަށިތަކުގެ މަތިންތޯ ގިނަ ބެލެނިވެރިން ބަލައެއް ނުލަ އެވެ. އަދި އެ ކުއްޖަކު ބޭރަށް ދަނީ އޭނާގެ ލޯބިވެރިޔާއާ އެކުކަން އެނގޭ އިރު އެ ދަނީ ކޮންތާކަށްތޯ ނުވަތަ ކުރަނީ ކީއްތޯ ވެސް ގިނަ ބެލެނިވެރިން ބަލައެއް ނުލަ އެވެ. އެކަން އެނގޭ ސަބަބަކީ އެފަދަ އަމަލުތައް މިހާ އާންމު ވެފައި ވާތީ އެވެ. ބެލެނިވެރިންގެ ޒިންމާ ނަގަންޖެހެ އެވެ. ފަހުން ކުރާނެ ފައިދާއެއް ނެތެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެފަދަ އަމަލުތައް މުޖުތަމައުގައި އެހާ އާންމުވެފައިވާ ނަމަ އެއީ ވަރަށް ނުރައްކާތެރި އަދި ބޮޑު ހިތާމައެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ ޝަކުވާތަކެއް މިހާތަނަށް އެމިނިސްޓުރީގައި ކޮށްފައިނުވާ ކަމަށެވެ.

މުޖުތަމުގެ އަމަން ބަލަހައްޓާ ގޮތަށް "މިކަން" ހުއްޓުވުމަށް ފުލުހުން ފާރަވެރިވެ ތިބެ އެވެ. ބިއްދޮށުގައި ތަތް ވެގެން ތިބޭ އެތައް ފަހަރަކު ފައްސާލަނީ ފުލުހުންނެވެ. ފިޔަވަޅު އެޅުމުގެ ބަދަލުގައި ގިނަ ފަހަރު ދެނީ ނަސޭހަތެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ، ފުލުހުން އެކަންތައްތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުން ދާކަމަށާއި އަދި އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
http://www.sun.mv/albums/l_20244.jpg

އާންމުވަމުން މި ދަނީ ލަތުވެތި ކަމެކެވެ. ބަލިމަޑު ކަމެވެ. ގޯސް ކަމެއް އަބަދު ފެނި، ފެނި ހުއްދަ ކަމަކަށް މިއަދު ވެއްޖެ އެވެ. މަދު ބައެއްގެ އަމަލުތަކުން ދީނުގެ ހާއިނުންނަށް ވެއްޖެ ކަހަލަ އެވެ. ދުނިޔެ ބަވަނަޔަވިޔަސް އިސްލާމުން ހުއްދަ ނޫން ކަމެއް، ހަލާލެއް ނުވާނެ އެވެ. ލަދެއް ބިރެއް ނެތި ފާޅުގައި ކުރާ ކަންތައްތައް ހުއްޓުވަންޖެ އެވެ. އެކަން ކުރަން ވެސް ތިބީ ހަމަ އަޅުގަނޑުމެންނެވެ. ހިތުން ކުށްވެރިކޮށްލައިގެން ތިބުމުގެ ބަދަލުގައި އަމަލުން އެކަން ހުއްޓުވުމެވެ. އުންމީދަކީ އިސްލާމް ޓީޗަރު ބުނި ގޮތް ނުވެ ދިއުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް