ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މިމުޖުތަމައުގައި އަޅާލުމާއި ލޯބި އިންތިހާއަށް ބޭނުންވާ ކުދިންނެވެ. އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުރި އެތައް ކުދިންނެއް ރާއްޖޭގައި އެބަ ތިއްބެވެ. އެހެން ނަމަވެސް ރާއްޖޭގައި އެކުދިންނަށް އެބަ އަޅާލެވޭތޯ އެވެ؟ އަދު މިރާއްޖޭން އިވޭ ވާހަކައަކީ އެފަދަ ކުދިން ހާލުގައި ޖެހޭ ވާހަކަ އެވެ.
ކެއާ ސޮސައިޓީން ބުނީ އެސޮސައިޓީން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމަށް އެސޮސައިޓީން ހިންގާ ކެއާ ޑިވެލޮޕްމަންޓް ސެންޓަރު (ސީޑީސީ) ހިންގުން މިއަހަރަށް ފަހު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެއީ އެސެންޓަރު ހިންގާނެ ފައިސާ ނެތީމަ އެވެ.
އެކަން ހާމަކުރުމުން، ބެލެނި ވެރިން ވަނީ މުޒާހަރާ ކުރަން ފަށާފަ އެވެ. ކެއާ ސޮސައިޓީއާ ދެކޮޅަކަށް ނޫނެވެ. ނަމަވެސް އެމީހުންގެ މުސްތަގްބަލު ބަނަވާތީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށެވެ.
ކެއާ ސޮސައިޓީގެ ޑައިރެކްޓަ އޮފް ޕްރޮގްރާމްސް އައިޝަތު ލޫބާ ވިދާޅުވީ ކުރިން ސީޑީސީ ހިންގަމުން އައީ ކެއާ ސޮސައިޓީއަށް 12 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓެއްގެ ދަށުން ލިބުނު ބިމެއްގައި ކަމަށެވެ. އެކަމަށް އެތަން އެޅީ އަމިއްލަ އަށް ފައިސާ ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ ކޮންޓްރެކްޓް ހަމަވުމުން މިހާރު އެތާގައި އުޅެމުންދަނީ ބޮޑު ކުލި ދައްކައިގެން ކަމަށާއި ކުއްލި ދައްކާފައި ކުދިންގެ ޕްރޮގްރާމްތަކަށް ހަރަދުކުރާނެ ފައިސާއެއް ނެތްކަމަށެވެ.
"އަޅުނގަޑުމެން މިހާރު އެތާގައި މިއުޅެނީ ކުއްޔަށް. ކުއްޔަކަށް އަޅުނގަޑުމެން ދައްކަން ޖެހޭ 48000ރ. އެއީ ހަމައެކަނި ކުލި. އަދި އަޅުނގަޑުމެން ސްކޫލުގައި އުޅޭ 41 ކުދިންގެ ޕްރޮގްރާމްތަކަށާއި ޓީޗަރުންގެ މުސާރަ ވެސް އެބައޮތް. އަޅުނގަޑުމެންނަށް މިއީ ދާއިމީ ހައްލެއް ނޫން،" ލޫބާ ވިދާޅުވި އެވެ.
ލޫބާ ވިދާޅުވީ މިހާތަނަށް އައި އިރުވެސް އެއްވެސް ސަރުކާރަކުން ވެސް ސީޑީސީއަށް އެދެވޭ އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި އިމާރާތެއް ފަސް އަހަރު ދުވަހަށް ދީފައިވާ ކަމަށާއި މިހާރުގެ ސަރުކާރުން އެ އިމާރާތް 35 އަހަރަށް ދިނުމަށް ނިންމާފައިވީ ނަމަވެސް އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ.
"ކުރީގެ ސަރުކާރުން (އެމްޑީޕީގެ ސަރުކާރުން) އަޅުނގަޑުމެންނަށް ދިން ހ. ހ. ސީވީއު ކިޔާ އިމާރާތެއް. ނަމަވެސް އެ އިމާރާތަކީ ބޭނުން ކުރެވޭ ވަރަށް ބޮޑަށް ހަލާކުވެފައިވާ އިމާރާތެއް. އެތަން މަރާމާތު ކުރަން ބަލާއިރު މަރާމާތު ކުރަން، އެއްވެސް އިންވެސްޓަރަކު ބޭނުމެއް ނުވޭ. މި ސަރުކާރުންވެސް ވަނީ އެތަން 35 އަހަރަށް ސީޑީސީ އަށް ދިނުމަށް އަނގަބަހުން ނިންމާފައި، ނަމަވެސް އެއްވެސް ލިޔެކިޔުމެއް ނެތް،" ލޫބާ ވިދާޅުވި އެވެ.
ސީޑީސީއަށް އިމާރާތެއް ދެވެން ނެތިއްޔާ ސަރުކާރުން އެކުދިން ސްކޫލުތަކަށް ވެއްދުމަށް ލޫބާ އިލްތިމާސްކުރެއްވި އެވެ. ނަމަވެސް ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލެވޭ ފެންވަރުގެ ސްކޫލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ބެލެނިވެރިއެއްކަމަށްވާ އަމީނާ އާދަމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމާޔަތްކުރަން ހަދާފައި ހުރި އެގާނޫނުތަށް ތަންފީޒުކުރަން ޖެހޭ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަމަހަމަ ކަމާއި އެކު ތައުލީމުގެ ފުރުސަތުތައް ލިބިދޭން ޖެހޭނެ ކަމަށް ގާނޫނުގައި އޮތް އިރު އެފަދަ ކުދިންނަށް ހާއްސަ ސްކޫލެއް ނެތުން އެއީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.
އޭނާގެ ދަރިފުޅާއި މެދު އާއްމު ސްކޫލަކުން ކަންކުރި ގޮތްވެސް އަމީނާ ކިޔައިދިނެވެ.
"އަޅުނގަޑުމެންގެ ދަރިފުޅު ސީޑީސީ އަށް ގެންދާ ކާއެއްޗެހި ހުސްކޮށްފައި ހުރެއޭ. އެހެންނަމަވެސް އަޅުނގަޑުގެ ދަރިފުޅު އެދާ ނޯމަލް ސްކޫލުން ނީދޭ ފެންފޮދެއް ވެސް ބޯލާފައެއް.. އަޅުނގަޑުމެން ވިސްނަން ޖެހޭނެ އަޅުނގަޑުމެން ދެގަޑިއިރު ތިން ގަޑިއިރު ކާއެއްޗެއް ނުކައި ފެން ނުބޮއެ ހުރީމަ އަޅުނގަޑުމެންނަށް ކުރެވޭ އިހުސާސް. އަޅުނގަޑުގެ ދަރިފުޅު ނުކައި ހުންނާތީ އާންޓީ ކައިރީގައި އެހީމާ އާންޓީ ދެންނެވީ އެ ކުލާހުގައި އުޅޭ އެހެންކުއްޖަކު އޭތި ކާންއުޅޭތީ އޭތި ދެނިއްޔޭ. އަޅުނގަޑަށް ފަސޭހަވާނެތޯ އެހެން އަޑުއަހަން. ކޮބާތޯ އަޅުނގަޑު ދަރިފުޅުގެ ހައްގު،" އޯޓިޒަމް ހުންނަ ދެ އަހަރުގެ ދަރިފުޅުގެ މަންމަ ވަރަށް އަސަރާއި އެކު ކިޔައިދި ނެވެ.
އޭނާ ބުނީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކީ ހުރިހާ ކަމަކުން މަހުރޫމުވެފައިތިބި ކުދިން ނެތް ނޫން ކަމަށާއި އެކުދިންގެ ފުރުސަތު ދައްކާލަން ފުރުސަތު ދޭންޖެހޭނެ ކަމަށާއި ކޮންމެ ބެލެނިވެރިއެއްގެ ވެސް ހުވަފެންތަކެއް ހުންނާނެ ކަމަށެވެ.
އަދި ބުނީ ސަރުކާރަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިހުމާލުވެފައިވާ ކަމަށެވެ. ނުކުޅެދުންތެރިކަން ހުރި ކުދިން ތިބީ ބާކީ ކޮށްލާފަކަމަށާއި އެކުދިންނަށް އަޅާލަން ސަރުކާރުން ބޭނުންނުވާ ކަމަށެވެ.
"އަޅުނގަޑުމެން ގުޅާލީމަ ފޯނެއް ނުނަންގަވާ. ބައްދަލު ކޮށްލަން ދިޔައީމަ އެޕޮއިންޓްމަންޓެއް ނުލިބޭ. މެސެޖް ކުރީމަ އާންސާއެއް ނުދެއްވާ. ދެން އަޅުނގަޑުމެންނަށް ދުރުދުރުން އިވެމުންދިޔަ ވާހަކައަކީ މިއީ ވާންއޮތް ކަމެއް ނޫނޭ މިކަމެއް ނުވާނޭ. އަޅުނގަޑުމެން މާޔޫސްވެފައި ވެސް މިނޫން ދުވަހެއް ހޯދަންއެބަޖެހޭ. އަޅުނގަޑުމެން މިކަންތައް މިހާރު ނުކޮށްފި ނަމަ މުސްތަގްބަލުގައި ވަރަށް ބޮޑު ހިތާމައެއް ކުރަންޖެހޭނެ،" އަމީނާ ވިދާޅުވި އެވެ. އަދި "ސީޑީސީގައި ކިޔަވާކުދިން މިއަދު ސަރުކާރުން މިވަނީ ބާކީ ކޮށްލާފައި. އެކުދިން ބަލައެއް ނުގަތް. އެކުދިންނަކީ މިގައުމުގެ ކުދިންކަމުގައި ބަލައެއް ނުގަތް،" އޭނާ ބުންޏެވެ.
އަމީނާ އާއި ކެއާ ސޮސައިޓީން ދެއްކި ވާހަކަތަކުން އެނގުނީ ނުކުޅެދުންތެރިކަން ހުރި ކުދިންނަށް މާލޭގައި އޮތް ހަނި ފުރުސަތު ވެސް ގެއްލި، އެކުދިން ބިކަވަމުން ދާ ކަމެވެ. މިކަމަށް ހޭލަން ޖެހެ އެވެ.