"އެއީ ބާޣީންނެވެ. އެބޭފުޅުން ތިއްބެވީ ބަޣާވާތުގައި ރަނގަޅަށް ބައިވެރިވަޑައިގެން، ބަޣާވާތުގެ ސަރުކާރުގަ އެވެ. މަގާމުތަކުގަ އެވެ." މިއީ މިދާކަށް ދުވަހާ ޖެހެންދެން ޑީއާރްޕީގެ އިސް ބޭފުޅުންނާ މެދު އެމްޑީޕީން ދެކުނު ގޮތެވެ.
އެކަން ވާނީ ވެސް އެހެންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގައި ޑީއާރުޕީ ރަނގަޅަށް ބައިވެރިވި އެވެ. އޭރު ކުރި މުޒާހަރާތަކުގައި ޑީއާރްޕީގެ އިސް އެތައް ބޭފުޅުންނެއް އުޅުއްވި އެވެ.
ސުވާލު އުފެދޭ އެތައް ކަމެއް ހިނގުމަށް ފަހު ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވި ދެއްވުމަކީ ބަޣާވާތެއް ކަމަށް އެމްޑީޕީން އަދިވެސް ގަބޫލު ކުރެ އެވެ. ކޯނީ ރިޕޯޓަކުން އެކަމެއް އެ ޕާޓީއަކުން ބަދަލެއް ނުކުރެ އެވެ.
އެ ހާދިސާއަށް ފަހު އުފެދުނު ސަރުކާރުގެ އިސް އެތައް މަގާމުތަކެއްގައި ތިއްބެވީ ޑީއާރްޕީގެ ބޭފުޅުންނެވެ. އެޑިއުކޭޝަން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރަކީ ޑީއާރްޕީގެ ބޭފުޅުންނެވެ. އެނޫން ވެސް އެތައް މަގާމެއްގައި އެ ޕާޓީގެ ބޭފުޅުން ތިއްބެވި އެވެ. އެބޭފުޅުން އަދިވެސް ތިއްބެވީ އެވެ.
އޭގެ ފަހުން މިއަހަރުގެ ރިޔާސީ ރޭހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނުކުމެވަޑައިގެންނެވީ ނައިބެއްގެ ގޮތުގައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ލައްވައިގެންނެވެ.
ރައީސް ވަހީދަކީ އެމްޑީޕީން "ބަޣާވާތު"ގެ ސަރުކާރެއް ކަމަށް ގަބޫލުކުރާ ސަރުކާރުގެ ރައީސެވެ.
މިކަން މިހެން އޮއްވައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދަށް ތާއީދު ކުރުމަށް ޑީއާރްޕީން ނިންމި އެވެ.
އޭގެ ފަހުން ދެ ޕާޓީ އެކުގައި ބޭއްވި ފުރަތަމަ ޖަލްސާގައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން ވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
"އަހުމަދު ތަސްމީނު އަލީ އާއި އަޅުގަނޑާ ދެ މީހުންނަކީ ވަރަށް އެކުގައި ސިޔާސީ ދެވާދަވެރިންގެ ގޮތުގައި މަސައްކަތް ކުރަމުން އައި ދެމީހުން،" ނަޝީދު އެ ޖަލްސާގައި ވިދާޅުވި އެވެ.
އޭގެ ފަހުން ތަސްމީނާއި ޑީއާރްޕީގެ އިސް އެހެން ބޭފުޅުން ގެންދަވަނީ އެމްޑީޕީގެ ކެމްޕޭނުގައި ރަނގަޅަށް ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ހައިރާންވާ ކަމަކީ ކެމްޕޭނު ދަތުރުތަކުގައި އެބޭފުޅުން ރަށް ރަށަށް ވަޑައިގެންނެވުމުން އެމްޑީޕީގެ މެމްބަރުން ހޫނު މަރުހަބާއެއް ކިޔާތީ އެވެ.
އޭގެ ފަހުން ހުކުރުވިލޭރޭ ވެސް ވަނީ އެފަދަ އެހެން ކަމެއް ފެނިފަ އެވެ. ރައީސް ނަޝީދު ކުއްލިއަކަށް ވަޑައިގެން ބައްދަލުކުރެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހީމްއާ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރެއްވުމަށް އެ ބައްދަލުވުމުގައި އެދި ވަޑައިގެންނެވި ކަމަށް ގާސިމްގެ ތަރުޖަމާނު ވިދާޅުވި އެވެ.
"މައިގަނޑުގޮތެއްގައި ރާއްޖޭގެ ހަމަޖެހުމާއި އަމަން އަމާންކަން ދެމެހެއްޓުމާ ބެހޭ ގޮތުން ކަމަށެވެ. އަދި ބައްދަލުވުމުގެ ވަކި ހިސާބަކުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަށް ތާއީދު ކުރެއްވުމަށް ނަޝީދު ހުށަހެޅުއްވި،" އޭނާ ވިދާޅުވިއެވެ.
އުފެދޭ ސުވާލަކީ "ތަސްމީނާއި ބައިވެރިން "ބާޣީން" ނޫން ކަމަށް މިހާރު ވީ ކީއްވެހޭ" އެވެ.
އެމްޑީޕީގެ މާޒީން އެސުވާލުގެ ޖަވާބު ރަނގަޅަށް ލިބެ އެވެ.
އެމްޑީޕީ އުފެދުނީ ވެސް ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް ކަމަށް ބުނެވިދާނެ އެވެ. އެސަރުކާރުން ހަދާފައިވާ ގިނަ ގޯސްތައް ހާމަކޮށް ނެރެ ދެއްކީ ވެސް އެ ޕާޓީންނެވެ.
އެހެނަސް އެސަރުކާރުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް ވެސް އެމްޑީޕީގައި އިސް މަގާމުތައް ލިބުނެވެ. އެގޮތުން އެންމެ ފާހަގަވާ ދެބޭފުޅުންނަކީ އިބުރާހީމް ހުސައިން ޒަކީއާއި ޑރ. މުހައްމަދު މުނައްވަރެވެ. ދެ ބޭފުޅުން ނަކީ ވެސް ކުރީގެ ރައީސް މައުމޫނުގެ ކެބިނެޓްގައި 10 އަހަރު ދެމި ތިއްބެވި ބޭފުޅުންނެވެ. އެ ދެ ބޭފުޅުން ވެސް އެމްޑީޕީ އަށް ވަޑައިގެންވުމުންވީ ބަތޮލުންނަށެވެ.
އެމްޑީޕީން ކުރި މުޒާހަރާއަކާ ގުޅިގެން އެޕާޓީގެ ޖަނާޒާ ބާއްވާނެ ކަމަށް މައުމޫނު ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވި އެވެ. އެހިސާބުން ޑރ. ޝަހީދު ވެވަޑައި ގެންނެވީ "ޖަނާޒާ ކުޑޭ" އަށެވެ.
އެމްޑީޕީ ވެރިކަމަށް އައިސް ކެބިނެޓް އެކުލަވާލީމާ ވެސް ފޮރިން މިނިސްޓަރަކަށް ވެވަޑައިގެންނެވީ ހަމަ އެއްކަލަ ޖަނާޒާ ކުޑޭ އެވެ.
މިކަންތައްތަކުން އެނގެނީ އެމްޑީޕީގެ އާއްމު މެމްބަރުންނަށް މީހަކު "ބާޣީއަކަށް" ވަނީ ވެސް ރައީސް ނަޝީދު ވިދާޅުވުމުން ކަމެވެ. ހަމަ ޖެހިގެން އަންނަ ދުވަހު ވެސް އެމީހަކަށް ރައީސް ނަޝީދު ރުހުން ދެއްވުމުން ޣާޒީއަކަށް އެމީހަކު ވެދެ އެވެ. ތާއީދު ކުރަންޏާ " ބާޣީން" ވެސް ހަމަ އޯކޭ އެވެ.