އެންޓި ކެމްޕެއިންގެ އަޑު: ފުވައްމުލަކުގެ ގަދަ އަޑު!

ފުވައްމުލަކުން: މުރުޝިދު އަބްދުލްހަކީމު

ފުވައްމުލަކަކީ ސިޔާސީ ވާދަވެރިކަން ބޮޑު ރަށެކެވެ. މިރަށުގެ މީހުންގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަން އޮތްވަރު، މި މަހުގެ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ވެސް ފެނިގެންދިޔަ އެވެ. މިރަށުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު 44 ޕަސެންޓް ވޯޓު ހޯއްދެވި އިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވަނީ 40 ޕަސެންޓް ހޯއްދަވައިފަ އެވެ. އެ ނަތީޖާއާ އެކު މި މަހުގެ 28 ވަނަ ދުވަހު އޮންނަ ރިޔާސީ އންތިހާބުގައި ކެމްޕެއިން ފޯރި ގަދަވާނެ ކަމަށް ގިނަ މީހުނަށް ހީކުރެވުނު ނަމަވެސް ފުވައްމުލަކުގައި ގަދައަށް ކުރަމުން ދަނީ އެންޓި ކެމްޕެއިނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އަބްދުﷲ ޔާމިނަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އެބަޔަކު ތާއިދުކުރާ ކެންޑިޑޭޓުންނަށް ތާއިދުކުރުމުގެ ލަވަތައް އެހެން ރަށްރަށުގައި ޖަހަމުންދާ އިރު މިރަށުން ބާރަށް އިވެނީ އެންޓި ކެމްޕެއިން ލަވަތަކާއި ވާހަކަތަކުގެ އަޑެވެ.

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ހަވީރުސުރެ ފުވައްމުލުކުގެ ބޮޑެތި މަގުތަކުގައި ދުވައްމުން ދިޔަ ލޮރީ ތެރެއިން އިވެމުންދިޔައީ "އެއްބުރުން" ނަޝީދު ކުރައްވާފައިވާ ގާނޫނާއި ހިލާފް ކަންތައްތައް ގޮތުގައި ތުހުމަތު ކުރާ ކަންތައްތައްތަކެއް ފައްޗަކަށް އަމުނާލައިގެން މީހަކު ކިޔާފައިވާ އަޑުގެ ރިކޯޑިންތަކެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށްދިނުމަކީ "އެއްބުރުން" އެއާޕޯޓް ވިއްކާލުން ކަމަށާއި ނަޝީދު ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްވަރުދީފައި ކަމަށް ގޮވި ވާހަކަތަކެއް އޭގައި ހިމެނެވެ.

އެ ގޮވެލި ފަތީގެ އަޑު ކެނޑުނު އިރު އެމްޑީޕީގެ ޖަހަގަ އެއް ތެރެއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންގެ ރަނިމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ވާހަކަފުޅެއްގެ ރިކޯޑިންއެއްގެ އަޑު ގަދަވި އެވެ. އެއީ 2008 ވަނަ އަހަރު ބޭއްވި ރިޔަސީ އިންތިހާބުގައި އޭރުގެ ރައީސް ކަމަށް ވާދަކުރެއްވި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑުވިދާޅުވެ ޑރ. ޖަމީލް ދައްކަވާފައިވާ ވާހަކަފުޅުތަކެއްގެ ރިކޯޑިންއެއްކަން ފަހުން އެ ނގުނެވެ. ނަޝީދާ ދެކޮޅު ވާހަކަތަކުގެ އަޑަށް ވުރެ މައުމޫނާއި ދެކޮޅު ވާހަކަތަކެއްގެ އަޑު ގަދަކުރުމަށް ވެސް ރަށުގެ އެއް ބަޔަކު މަސައްކަތްކުރި އެވެ. އޭގެ އިތުރުން ރަށުގެ އެކި ސަރައްދުގައި ދަމާހުރި ބެނާތަކުގައި ވެސް އެންޓި ކެމްޕެއިނަށް ވާފަދަ ލިޔުންތައް މަދުން ނަމަވެސް ފެންނަން އެބަހުއްޓެވެ.

ދޮރުން ދޮރަށް ހިނގުމުގައި ވެސް ވަނީ އެންޓި ކެމްޕެއިންގެ ކުލަ ޖެހިފަ އެވެ. އެއް ވަގުތެއްގައި ނޫނީ ދެ ޕާޓީއަށް ވެސް އެއް ގެއަކަށް ވަދެވޭ ކަމަކަށްނުވެ އެވެ. އެއްބަޔަކު ވަދެފަ ނިކުތުމާއެކު އެގެއަށް ދެން ވަންނަ ޕާޓީގެ މީހުން ދައްކަނީ ކުރިން ވަން މީހުންގެ ނުބައި ވާހަކަ އެވެ.

ސަން އާ ވާހަކަ ދެއްކި އެމްޑީޕީ ސަޕޯޓަރުންތަކެއް ބުނީ އެމީހުންގެ ރިޔާސީ ކެންޑިޑޭޓާ ބެހޭ ގޮތުން ދައްކަމުންދަނީ ދޮގުވާހަކެއް ކަމަށާއި އެއަޑުތައް ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެމީހުންގެ ތުހުމަތުތައް ހުރީ ޕީޕިއެމް އެންޓި ކެމްޕެއިން ފެށި ކަމަށެވެ. އެ ވާހަކަތަކުގައި ޕީޕިއެމް ބުނަނީ އެމްޑީޕީން ވެސް ކުރަނީ އެންޓި ކެމްޕެއިން ކަމަށެވެ. ދެ ފަރާތުގެ ވާހަކަތަކުން ވެސް އެނގުނީ ދެ ބައިމީހުންގެ ތެރޭގައި ވެސް އެންޓި ކެމްޕެއިން ކުރަން ނޭދޭ މީހުން ތިއްބެވެ.

"ޕީޕީއެމް އިން ހުއްޓާނުލާ ކޮންމެ ދުވަހަކު ނަޝީދަށް އެއްޗެހިގޮވާ ކޮންމެވެސް އެއްޗެއް ޖަހަމުންދަނީ. އަސްލު އެމްޑީޕީން ވެސް ނުކުތީ އެ ޖަހާތީވެ އުނދަގޫ ވެގެން. އެހެންވެ އެމީހުންނާއި ދެކޮޅަށް އެމްޑީޕީ ވެސް އެކި އެއްޗެހި ޖަހަނީ،" ސިޔާސީ ކަންކަމުގައި ރަށު ތެރޭގައި އުޅޭ އެމްޑީޕީގެ މީހަކު ބުންޏެވެ.

ނުވަދިހަ ހަތަރު ހާސް ވަޒީފާ އިތުރުކުރާނެ ކަމަށާއި ދައުލަތުގެ އާމްދަނީ އަރަނި ކުރުމާއި ދުވަސްވީ މީހުނަށްދޭ އިނާޔަތް ބޮޑުކުރުމާއި އެނޫންވެސް ބޮޑެތި ވައުދުތައް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވެފައިވާއިރު ކެމްޕެއިނަކަށް އެ ވައުދުތައް ކަމުނުދަނީތޯ މިހިސާބުން އެބަ ސުވާލު އުފެދެއެވެ. އަދި ފުވަމުލަކު ސިޓީއަކަށް ހެދުމާއި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާއި ފުވަމުލަކުގައި އެއާޕޯޓެއް އަޅާދީފައިވާ ވާހަކަ އެމްޑީޕީ އަށް ކެމްޕެއިންނަކަށް ނުފުދެނީތޯ ވެސް ސުވާލު އުފެދެ އެވެ.

ހަމަނުޖެހުމުގެ ހުޅުގަނޑުރޯވުމުގެ ކުރިން ކޮންވެސް އެއްބަޔަކު އެންޓި ކެމްޕެއިން ހުއްޓާލަން އެބަޖެހެ އެވެ. ސިޔާސީ ލީޑަރުން އެކަމުގައި އިސްނަގަން ޖެހެ އެވެ.

ނަމަވެސް ފުވައްމުލަކުގެ ގައި ހުންނަ ކޮމްޕްލެއިން ބިޔުރޯގެ މެންބަރުން އަޒީޒާ އިބްރާހިމް ވިދާޅުވީ އެންޓި ކެމްޕެއިން ކުރާކަމުގެ ޝަކުވާ ނުލިބޭ ކަމަށެވެ. ނަމަވެސް ބާރަށް ލަވަޖެހުން ފަދަ ތަކުގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވި އެވެ.

އެންޓި ކެމްޕެއިން ކުރަމުންދާ ފަރާތްތަކާއި ރިޔާސީ އިންތިހާބުގެ ގަވާއިދާ ހިލާފްވާ ފަރާތްތަކާ މެދު އެކަށީގެންވާ ގޮތުގައި ފިޔަވަޅު އަޅަން ޖެހެ އެވެ. އެންޓި ކެމްޕައިން ކުރުމާއި މީހެއްގެ އަބުރަށް ހުތުރުވާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ރިޔާސީ އިންތިހާބާ ބެހޭ ގަވައިދާއި އިންތިހާބާ ބެހޭ ގާނޫނުގައި މަނާ ކަންތައްތަކެވެ. އެކަން ފުވައްމުލަކާއި މުޅި ރާއްޖޭގައި ވެސް ހުއްޓެން ޖެހެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް