ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި އިލެކްޝަންސް ކޮމިޝަނުން އެއް ވެސް މަކަރެއް ހަދާފައި އޮތް ކަމަށް ކޯޓަކުން ހުކުމް ކޮށްފީއްޔާ "ވަޒީފާއިން" އިސްތިއުފާ ދެއްވާނެ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޔާޒް ވިދާޅުވީ އޭނާ މަގާމުގެ ހައިސީއްޔަތުން އެއްވެސް ކަމެއްގައި އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި އޭނާ އެފަދަ ކަމެއް ކުރައްވާފައިވާ ކަމަށް ސާބިތުކޮށްފި ނަމަ އެ ކޮމިޝަންގެ މެންބަރުން ކަމުން "ވަގުތުން" އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑު ތިހުރިހައި ބޭފުޅުންގެ ކުރިމަތީ މި ދަންނަވަނީ އިންތިހާބާ ބެހޭ އެއްވެސް ކަމެއްގައި އަޅުގަނޑު އެއްވެސް ކަހަލަ މަކަރެއް، ގޯހެއް ނުނީ އެބިޔުސް އޮފް ޕަވާ، މިސްޔޫސް އޮފް ޕަވާ އެއް ވެސް ކަމެއް އޮތީއްޔާ ހަމައެކަނި ރައްޔިތަކު އައިސް އަޅުގަނޑަށް ދައްކަން ޖެހޭނީ ހެއްކާއިއެކު. އަޅުގަނޑު ވަގުތުން ވަޒީފާއިން އިސްތިއުފާ ދޭނަން،" ފަޔާޒު ވިދާޅުވި އެވެ. "އިލެކްޝަންސް ކޮމިޝަނުން އެއް ވެސް މަކަރެއް ހަދާފައި އޮތް ކަމަށް ކޯޓަކުން ހުކުމް ކޮށްފީއްޔާ ވަގުތުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ކަމުން އިސްތިއުފާ ދޭނަމޭ. ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން މި އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ކޮމިޝަނަކީ އަޅުގަނޑުމެން ފަސް މީހުން، އެހެން ވީމަ ކޮމިޝަނުން މަކަރެއް ހަދާފައި އޮތް ކަމަށް ހުކުމް ކޮށްފީއް އަޅުގަނޑު އިސްތިއުފާ ދޭނަން"
ކޮމިޝަންގެ މެންބަރުންނާ ހިއްސާ ކުރާ ބައެއް މައުލޫމާތުތައް، އެ ކޮމިޝަން މެދުވެރިވެގެން އެހެން ފަރާތްތަކާއި ހިއްސާ ކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ފަޔާޒް ވިދާޅުވި ކޮމިޝަންގެ މެންބަރުންނާއި ހިއްސާ ކުރާ އެއްވެސް ވާހަކައެއް އެހެން ފަރާތަކާއި ހިއްސާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ހުދު އޭނާ ދުވަހަކު ވެސް ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ނޫން ގޮތަކަށް އެއްވެސް ސިޔާސީ ބޭފުޅަކާއި ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓް އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ފަޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބު ނިމުމަށްފަހު އިންތިހާބާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން މިހާތަނަށް އެއްވެސް މައްސަލަ އެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބުގައި އިތުރަށް ވޯޓްލާފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ކުރާ ތުހުމަތާ ގުޅިގެން އެއްވެސް ހެއްކެއް ދެއްކިފފައި ނުވާ ކަމަށެވެ.
އިންތިހާބުގައި އިތުރަށް ވޯޓްލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އެކިފަހަރު ދައްކަމުން ދަނީ އެކި ވާކަތައް ކަމަށާއި އިންތިހާބުގައި އިތުރަށް 20،000 މީހުން ވޯޓް ލުމަކީ މުސްތަހިއްލު ކަމެއް ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގައި ވޯޓްލުމުގެ ކަންތަކާއި ވޯޓް ގުމުގެ ކަންތައް ދިޔައީ ވަރަށް ހާމަކަން ބޮޑު ކޮށް ކަމަށެވެ. ވޯޓްގައި މަކަރެއް ހަދާފައިވާނަމަ ވޯޓްލީ ކަރުދާހުގެ އަދަދާއި ބާކީ ހުރި ކައުދާހާއި އަދި ޗާޕް ކުރި ކަރުދާސް ހިސާބުކޮށް ހަދާފިނަމަ އެކަން ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ފަރާތަކުން އެދިގެން ވޯޓްލީ މީހުންގެ ލިސްޓް ނުލިބޭނެ ކަމަށާއި އެ ލިސްޓް އެއް ވެސް ފަރާތަކަށް ދޫކުރެވޭނީ ކޯޓަކުން ހުކުމް ކުރުމުން ކަމަށެވެ.
އެއް ވެސް ހާލަތެއް މެދުވެރިވެގެން އަލުން ރިޔާސީ އިންތިހާބު ބާއްވަން ނުޖެހޭނެ ކަމަށާއި އެހެން ނަމަވެސް ވަކި ފޮއްޓެއްގެ މައްސަލަ ހުރެއްޖެނަމަ ކޯޓަކުން ހުކުމް ކޮށްފިނަމަ އެ ސަރަހައްދެއްގެ އިންތިހާބު ބާއްވާނެ ކަމަށް ފަޔާޒް ވިދާޅުވި އެވެ.
ވޯޓް ފޮއްޓެއްގައި މަކަރު ހަދާފައިވާ ކަމަށް އެއްވެސް ފަރާތަކުން އެ ކޮމިޝަނަށް ސާބިތުކޮށްދީފިނަމަ އަލުން އެ ވޯޓް ފޮއްޓެއް މީޑިއާތަކުގެ ކުރިމަތީގައާއި އޮބްޒާވަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަނޑައި އަލުން ގުނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.