ދިދަ ފަތިތަކެއް ކަނޑައިގެން ރޭ ވެސް ފަސް މީހަކު ހައްޔަރު ކޮށްފި

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރުމަށް ކެންޑިޑޭޓުންގެ ފަރާތުން މާލޭ މަގުތަކުގައި ދަމާފައި ހުރި ދިދަ ފަތިތަކެއް ކަނޑައިގެން ރޭ ވެސް ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ދިދަފަތިތައް ކަނޑައިގެން ރޭ ދަންވަރު ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ މީހަކާއި އުމުރުން 20 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ ދެ މީހުން ކަމަށެވެ.

ފުލުހުން ބުނީ 32 އަހަރުގެ މީހާ އާއި 20 އަހަރުގެ މީހާ ހައްޔަރުކުރީ އަބަދަށްފެހި މަގުގައި ހުންނަ އެމްއެޗްއޭ މާޓް ކައިރިން ރޭ ދަންވަރު 01:20 ހާއިރު ކަމަށެވެ. އަދި 18 އަހަރުގެ މިހާ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 01:35 އެހާކަންހާއިރު ކާނިވާ ސަރަހައްދުން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން އަދި ބުނީ 21 އަހަރުގެ ދެމީހުން ހައްޔަރު ކުރީ މީގެ އިތުރުން ރޭ ދަންވަރު 02:50 ހާއިރު މަޖީދީމަގު ޗެކްމާކް މޮބައިލް ކައިރިން ކަމަށެވެ.

މަގުމަތީގައި ދަމާފައި ހުރި ދިދަތައް ކެނޑި މައްސަލައާ ގުޅިގެން ރޭ ދަންވަރު ހައްޔަރުކުރި ފަސް މީހުންގެ ތެރޭ ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑުގެ އިތުރުން މީހުންނަށް ބިރުދެއްކުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

ދިދަތައް ކަނޑައިގެން ރޭ ފަސް މީހަކު ހައްޔަރުކޮށްފައިވާ އިރު މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ވަނީ މަގުމަތީގައި ދަމާފައި ހުރި ދިދަތަކެއް ކަނޑަމުން ދިޔަ ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ރެކޯޑާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑުގެ އިތުރުން އަމުރަށް ނުކިޔަމަންތެރި ވުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ހިމެނޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު