ހިތަދޫ މިސްކިތްތަކުގައި ދުއާ ކުރާއިރު ސިޓީ ކައުންސިލުގެ ހުއްދަ ހޯދަން އަންގައިފި

މިސްކިތްތަކުން ބައެއް ކަހަލަ ހާއްސަ ދުއާތައް ކުރަމުންދާތީ ދުއާ ކުރުމުގައި ކައުންސިލުގެ ހުއްދަ ހޯދުމަށް ސ. ހިތަދޫގެ މިސްކިތްތަކުގެ މުދިމުންނަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީ ކައުންސިލުގެ އިންފްރާސްޓްރަކްޗާ ޑިޕާޓްމަންޓް ހަވާލުވެ ހުންނަވާ ކައުންސިލަރު ހުސައިން ހިލްމީ ސޮއި ކުރައްވައި މިދިޔަ ހަފްތާ ތެރޭގައި މިސްކިތްތަކުގެ މުދިމުންނަށް ދުއާ ކުރުމުގައި ކައުންސިލުގެ މަޝްވަރާ ހޯދުމަށް އަންގާފައިވާކަން އެ ކައުންސިލުން ވެސް ވަނީ "ސަން" އަށް ކަށަވަރު ކޮށްދީފަ އެވެ.

"މިސްކިތުގެ މުދިމުން ބައެއް ކަހަލަ ހާއްސަ ދުއާތައް އާންމުން ބައިވެރިކޮށްގެން ކުރަމުންދާކަން ވަނީ އެނގިފަ އެވެ. ވީމާ އިމާމުންނާއި މުދިމުން މިކަންކަން ކުރުމުގައި ކައުންސިލްގެ މަޝްވަރާ ހޯދުމަށް ފަހު ހުއްދަ ލިބިގެން ކުރުން ރަނގަޅެވެ. އެގޮތަކީ އާންމުންގެ މެދުގައި ބައިބައިވުމާއި ހަމަނުޖެހުން އުފެދިދާނެ ކަމަކަށް ވާތީ މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަންގަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް ދުއާ ކުރުމުގެ ކުރިން ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމަށް އަންގާފައި ވަނީ ބައެއް މުދިމުން މިސްކިތްތަކުގައި އެމްޑީޕީ އިން އިންތިހާބް ކާމިޔާބު ނުކުރެއްވުން އެދި ދުއާ ކުރާ ކަމުގެ ތުހުމަތު ކުރެވިގެންނެވެ.

މީގެ ކުރިން ވެސް ސ. ހިތަދޫގެ މިސްކިތްތަކުން އާންމުންނަށް އުނދަގޫވާ ވަރަށް އަޑުގަދަކޮށްގެން ގުރުއާން ކިޔަވާ ކަމަށް ބުނެ އަޑު ކޮންޓްރޯލް ކުރަން ވެސް އައްޑޫ ސިޓީ ކައުންސިލުން މިސްކިތްތަކަށް ވަނީ އަންގާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު