ހުނުމަކީ ސިއްހީ ގޮތުން ފަރުވާއެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެން ކުޑަ އިރު މައިންބަފައިން ބުނެދޭ ވާހަކައެއް ވެސް އޮވެ އެވެ؛ ތާސް ކުޅެ އަދި އެ ނޫން ވެސް ކަންކަމުގައި ހައްދެއް ނެތި ހުނުމާއި ހައްދެއް ނެތި "މަޖާ ކުރުމަކީ" އިސްލާމީ އުސޫލުން ބަލާއިރު ރަނގަޅު ކަމެއް ނޫން ވާހަކަ އެވެ. އަދި ވަކީން ހާއްސަކޮށް، ތާސް ފަދަ ކުޅިވަރުތައް ކުޅޭ އިރު ބިނދި ބިނދިފައި ހުނުމަކީ "ނަރަކަށް ދެވޭ ދައުވަތެއް" ކަމަށް ވެސް އަޅުގަނޑުމެންގެ މައިންބަފައިން ބުނެފައިވެ އެވެ. ހަމަ އެހެންމެ، އަންހެން ކުދިން އާންމު ތަންތަނުގައި އިށީދެ ހަދާ އިރު ދެފައި ކައިރިކޮށް ބޭންދުމާއި އެއްފައި މައްޗަށް އަނެއްފައި ލައިގެން އިނުމަށް ބުނުމަކީ ވެސް މައިންބަފައިން ތަކުރާރުކޮށް ބުނެދީފައި ހުންނަ ރީތި އާދައެކެވެ. އަދި ފުންކޮށް ވިސްނާލާ އިރު އެއީ ރިވެތި އިސްލާމީ ތަރުބިއްޔަތުކަން ވެސް ގަބޫލުކުރަން ޖެހެ އެވެ.

ރާއްޖެ ލާމެހިފައިވާ ދުނިޔެއަކަށް ހުޅުވޭ އިރު އަދި ތަރައްގީވެފައިވާ ގައުމުތަކާ ފައިހަމަކުރުމަށް މަސައްކަތް ކުރާ އިރު، ހުރިހާ ކަމެއް ކާބަފައިން ކަން ކުރި ގޮތަށް ކުރަން އުޅުމަކީ ދެކޮޅު ޖެހޭ ކަމަކަށް ނުވެ ހިނގައިދާނެ އެވެ. އަދި ހުރިހާ ކަމެއް ކުރިން ކުރި ގޮތަށް ކުރަން އުޅުމަކީ "ބޯދާ" އުސޫލުގެ ކަމަކަށް ވެސް ވެދާނެ އެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ކަންކަން ކުރިން ކުރި ގޮތަށް ކުރުމަކީ ގައުމިއްޔަތު އާލާކޮށްދީ "މަވެތި" އުސޫލު ދިރުވަން ކުރާ ކަންކަން، އަދި ކުރަން ޖެހޭނެ ގޮތް ކަމަށް ވެސް ގަބޫލުކުރަން ޖެހެ އެވެ. އެ އޭގެ އެއް މިސާލަކީ ޖަޕާނެވެ.

ރާއްޖޭގައި ކުޅިވަރު ކުޅެ މަޖާ ކުރުމަކީ އެއްވެސް ހުރަހެއް އޮތް ކަމެއް ނޫނެވެ. ފުޓްބޯޅަ، ވޮލީ، ބާސްކެޓް އަދި ނެޓް ބޯޅަ ފަދަ ކުޅިވަރުތަކަކީ ވަރަށް ފޯރިއާ އެކު ދިވެހިން ކުޅެމުން އަންނަ ކުޅިވަރުތަކެވެ. އެ ކުޅިވަރުތަކަކީ ޖުމްލަކޮށް ވަކި ޖިންސަކަށް ހުރަހެއް އޮތް ކުޅިވަރުތަކެއް ނޫނެވެ. އަދި މުސްލިމުންގެ ދެ އީދުގައި ފެންކުޅި ކުޅެ މަޖާކުރުމަކީ ވެސް ޒަމާނުއްސުރެ ވަރަށް ފޯރިއާ އެކު ދިވެހިން ކުރަމުން އަންނަ ކަންކަމެވެ. އެކަންކަން ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ބިރެއް ވެސް ނެތެވެ.

އެކަމަކު އެމްޑީޕީން އިފްތިހާހު ކުރި ބިރަކާ ނުލައި މަޖާކުރުމުގެ ސިޔާސަތަކީ ކޮބައިތޯ އެވެ؟ އެ ސިޔާސަތު އެމްޑީޕީން އިއުލާން ކުރި ދުވަހު ވެސް އެއީ ކޮން އެއްޗެއްތޯ ހިތަށް ވެރިވެ، ބޮލުގައި ރިއްސި އެވެ. ނަމަވެސް އެމްޑީޕީން ނުބުނާ ވަރަކަށް އެއީ ކޮން އެއްޗެއްތޯ ސަރަހަ ކުރާކަށް އަޅުގަނޑަކަށް ނޭނގެ އެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ކަންބޮޑުވުމެއް ހިއްސާކޮށްލާނަމެވެ. އެއީ އެ ބުނާ ބިރަކާ ނުލައި މަޖާ ކުރުމަކީ ޑިސްކޯތައް ބާއްވައި ހުޅަނގުގައި އެ އޮންނަ "މަޖާކުރުންތައް" އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރުން ކަމަށްވާ ނަމަ އެއީ ދެ ވަނަ ފަހަރަށް ވިސްނާލަން ޖެހޭ ކަމެކެވެ. މިހެން މި ދަންނަވަނީ ޑެންމާކްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެސް އިސްލާމް ދީނުގައި އޮންނަ "އޯލްޓަނޭޓިވް ނެރޭޓިވްސް" ނޫނީ "އަނެއްގޮތް" ހޯއްދަވަން އެ މަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާތީ އެވެ. އަދި އެ މަނިކުފާނު ތަކުރާރުކޮށް "އެންމެނަކު އަބަދަކު ހަމާގައި ތިބެން ޖެހޭނެ" ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވާތީ އެވެ. މި ވާހަކަތަކަކީ އެއޭގެ މައްފޫމާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ ވާހަކަތަކެކެވެ. އެ ދައްކަވަނީ އާދައިގެ ވާހަކަތަކެއް ނޫނެވެ.

ރަނގަޅު ވާހަކަ އެކެވެ. ދުނިޔެ ލާމެހޭ ވަރަކަށް އަޅުގަނޑުމެނަށް ކުރިން އުޅުނު ހުރިހާ ގޮތްތަކުގައި ހިފަހައްޓައިގެން ނުތިބެވިދާނެ އެވެ. އެކަންދާނީ ބަދަލުވަމުންކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެ އެވެ. ރާއްޖޭގައި އަމިއްލަ "ފުރިހަމަ" ޔުނިވަސިޓީއެއް ނެތި ބޭރުން ތައުލީމު ހާސިލުކުރާ ދަރިވަރުން އިތުރުވާ ވަރަކަށް އެކަން ބޮޑަށް ފުޅާވެ، މަލްޓި ކަލްޗަރަލް ސޮސައިޓީގެ އުސޫލުތައް އަށަގަންނާނެ ކަން ވެސް ގަބޫލުކުރަމެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދޭ އިރު ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ. ރާއްޖެއަކީ ވެސް މުސްތަގިއްލު ގައުމެއް ކަމާއި "ބޮޑެތި ބާރުތަކުގެ" އަޅުވެތި ކަމަށް މަގުފަހިވާ ޕޮލިސީތަކާ ދެކޮޅުހަދަން ޖެހެ އެވެ. މިއަދު ދުނިޔޭގައި ހިނގާ ހަނގުރާމައަކީ ފިކުރީ ހަނގުރާމައެއްކަން ގަބޫލުކޮށް އަދި އިގްތިސާދުގެ މައްޗަށް ބޮޑެތި ބާރުތަކުން އަތްގަދަކުރަން މަސައްކަތް ކުރާ ދުވަސްވަރެއްކަން ގަބޫލުކޮށް، އެފަދަ ޕޮލިސީތަކަށް ނޫނެކޭ ބުނަން ޖެހެ އެވެ. ރައީސް ނަޝީދު ވިދާޅުވިއަސް ޒުވާނުންގެ "ބައްޕައަކީ" ހަމަ އެކަނި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެއް ނޫނެވެ. މައުމޫން ރިޔާސީ ރޭހުގައި ނެތުމަކީ މައިންބަފައިންގެ ޒިންމާ އެ މީހުންގެ ދަރިންގެ މައްޗަށް ނެތުމެއް ވެސް ނޫނެވެ. ޒުވާން ކުދިންނަށް ރަނގަޅު ގޮތް މައިންބަފައިން ބުނެދެން ޖެހެ އެވެ. އެއީ ބެލެނިވެރިންގެ ޒިންމާ އެކެވެ. އެހެނީ މާޒީގައި ކަން ހިނގި ގޮތް ބުނެދޭން އެނގޭނީ އިހުތިބީންނަށެވެ. އެ ޒިންމާ އަދާކުރައްވާށެވެ. ކޮންމެ މީހެއްގެ ވެސް ޒިންމާއެއްވެ އެވެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް