އަފްރާޝީމް މަރާލިކަމަށް ތުހުމަތު ކުރެވޭ ޝާންއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ފުރުސަތު ދީފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފަރު ދާއިރަގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު އަރުވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ޝާންއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ގާޒީ ފުރުސަތުދެއްވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުލަތުން ބޭނުންވަނީ ލިޔުމުން ހެކި ހުށަހެޅުމަށް ކަމަށެވެ.

ދައުލަތުން އެދުނުގޮތަށް ގާޒީ ވަނީ އެ ފުރުސަތު ދެއްވާފަ އެވެ.

ދައުލަތުން ކޮށްފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އާ ގުޅޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު އެރުވުމުން ޝާންގެ ދިފާއީ ވަކީލު ވިދާޅުވީ ތަހުގީގުގައި ފުލުހުން ހޯދި ހޯދުންތަކާއި ހެކީންގެ ބަޔާންތައް ލިބިގެން ނޫނީ ދައުވާ އަށް ޖަވާބުދާރީ ނުވެވޭނެ ކަމަށެވެ.

ގާޒީ ވިދާޅުވީ މިހާތަށް ބަޔާންތައް ދޫނުކުރީ ދައުލަތުން އެގޮތަށް އެދުމުން ކަމަށާއި ނަމަވެސް އެއްވެސްގޮތަކަށް އެ ލިޔުންތައް ދޫނުކުރުމަށް ކޯޓުން ނިންމާފައި ނުވާނެ ކަމަށެވެ. އަދި އެ ލިޔުންތައް ދޫކުރާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ޝާންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ހ. ފުންވިލުގެއަށް ގޮސް ތޫނުއެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ވެސް ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އޭނާ ވަނީ ދައުވާ އަށް އިންކާރު ކުރުމަށްފަހު ވަކީލަކު ހަމަޖައްސަން ފުރުސަތަކަށް އެދިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު