ރައްޔިތުންނާ ބައްދަލުކުރުމަށް އަމިއްލައަށް ހަރަދުކޮށްގެން ނަމަވެސް ދާނަން: ރައީސް

ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނަވާ ދަތުރުތައް ވެސް ސިފަކުރަމުން ގެންދަނީ ބޮޑު ކެމްޕެއިން ދަތުރުތަކެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އަމިއްލަފުޅަށް ހަރަދުކޮށްގެން ރައްޔިތުންގެ ކައިރިއަށް ވަޑައިގެންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ލ. ދަނބިދުއަށް މިއަދު ހެނދުނު ވަޑައިގެން ދަނބިދޫ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީގޮތުން ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ އަޑުއެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ރައްޔިތުން ދައްކަން ހުރި ވާހަކަތައް އަޑުއަހައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ނުކުރެވުނީމާ ފަހުން އަންނަ ޝަކުވާތައް މާބޮޑު ކަމަށާއި އެފަދަ ޝަކުވާތައް ވަރަށް ގިނައިން އިވިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އެހެންވީމާ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ވީހާ ވެސް ގިނައިން ބައްދަލުކުރައްވައި ރައްޔިތުން އެދޭގޮތަށް ކަންތައްތައް ކޮށްދެއްވުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ވަރަށް ނާޒުކު ދުވަސްވަރެއް ކަމަށާއި ރައްޔިތުންނާ ބައްދަލުކޮށްލައްވަން ރަށަކަށް ވަޑައިގެންނެވި ކަމުގައި ވިޔަސް އެކަން ސިފަކުރަނީ ބޮޑު ކެމްޕޭން ދަތުރެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑު ބޭނުން ވަނީ ވީހާ ވެސް ގިނައިން ރައްޔިތުން އަރިހަށް އަންނަން. އެހެން ނަމަވެސް މިހާރު މިއީ ވަރަށް ނާޒުކު ދުވަސްވަރެއް. ވާގޮތަކީ އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަން އަޔަސް، މި ހީވަނީ ބޮޑު ކެމްޕޭން ދަތުރެއްގައޭ މިއުޅެނީ. އެހެންވީމާ، އެކަން އެބަޖެހެޔޭ ހުއްޓުވާލަން. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އަންނާނަން. އަޅުގަނޑު އަމިއްލައަށް ޚަރަދުކޮށްގެން އަންނަން ޖެހުނަސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އަންނާނަން." ރައީސް ވިދާޅުވި އެވެ.

މިވޭތުވެދިޔައީ ފަސޭހަ އަހަރެއް ނޫން ކަމާއި ވަރަށް އުނދަގުލުގައި ކަންކަން ކުރެވެމުންދިޔަ އަހަރެއްކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އޭގެ ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި ފިކުރީ ބޮޑެތި ތަފާތުތަކެއް އުފެދިގެން ދިޔު މެވެ. އެ ފިކުރީ ތަފާތުތަކުގެ ސަބަބުން އެކި ކުލަކުލައަށް އަޅުގަނޑުމެން ބަދަލުވުމެވެ.

"އަޅުގަނޑުގެ ވެސް އޮވޭ ޕާޓީއެއް. އެ ޕާޓީގައި އޮވޭ ކުލައެއް. އެކަމަކު އަޅުގަނޑު އެކުލައިގެ ޓައީއާ އެއްޗެތި އަޅައިގެން، ތޮފި އަޅައިގެން، އެކުލައިގެ ގަމީސް ލައިގެން އައިސް، ތިޔަބޭފުޅުންގެ އަރިހުގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުގެ ޕާޓީ އަށް ވެދެވަޑައިގަންނަވާށޭ، އޭރުންނޭ ބަނދަރު ހެދޭނީ ކިޔައިގެން އަޅުގަނޑެއް ނޫޅެމެއް ނޫންތޯ؟" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އެންމެ މުހިންމު ފިކުރަކީ ގައުމީ ފިކުރާއި ރަށުގެ ފިކުރާއި އަތޮޅުގެ ފިކުރު ކަމުގައި ވިދާޅުވި އެވެ. މި ފިކުރުތަކަށް ވުރެ މަތީގައި އެހެން ފިކުރުތަކެއް ގެންގުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ގައުމުގައި ބައިބައިވުންތައް އުފެދި އަންނަންޖެހޭ ތަރައްގީ ލަސްވެގެންދާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރަށްރަށުގައި ހިންގާ އެކިއެކި މަޝްރޫއުތައް ހިންގަމުން ގެންދާއިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ ކަމަށާއި އެހެން ނޫނީ އެ މަޝްރޫއުތައް ނިމޭއިރު ރައްޔިތުން ތިބެނީ ވާންޖެހޭ އުފަލަށް ވުރެ ބޮޑަށް ހިތްހަމަނުޖެހިފައި ކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން ދަނބިދޫ ބަނދަރަށް ގެންނަން ޖެހޭ ބައެއް އިސްލާޙުތައް އެބަހުރިކަން ފާހަގަކުރައްވަމުން ބަނދަރު ހެދިގެންދާނީ ރައްޔިތުންނާ މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ކަންކަން ވީހާ ވެސް ބޮޑަކަށް ފުރިހަމަކޮށްގެން ކަމުގައި ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު