ވިލާ ކޮލެޖުގައި ލޯފަން ކުދިންނަށް ހާއްސަކޮށްގެން ހިންގާ 10 ދުވަހުގެ ކޯހެއް ފައްޓައިފި އެވެ.
ބްލައިންޑް އެސޯސިއޭޝަން އާއި ވިލާ ކޮލެޖާ ގުޅިގެން ލޯފަން ކުދީންނަށް ހާއްސަކޮށްގެން ވިލާ ކޮލެޖުގައި ކޯސް ފައްޓަވައި ދެއްވީ ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމް އެވެ.
ކޮމްޕިއުޓަރު ކޯސް ހުޅުއްވައި ދެއްވައި، ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވާ ކުދީންނަށް އަދި ހާއްސަކޮށް ލޯފަން ކުދީންނަށް މުޖުތަމަޢުގައި އެހެން މީހުން އުޅޭ ފަދައިން އުޅެވޭނެ މަގު ތަނަވަސް ކޮށްދޭން ޖެހޭ ކަމަށެވެ. އަދި ސަރުކާރާއި ތަނަވަސްކަން ލިބިގެންވާ ކޮންމެ މީހަކު ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެހެން ކުރާން ޖެހޭނެ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ސަރުކާރާއި ތަނަވަސް ކަން ލިބިގެންވާ ކޮންމެ މީހަކު ވެސް އެބަ ޖެހެޔޭ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ދިރިއުޅުމުގައި ކުރިއަށް ދެވޭނެ މަގުފަހި ކޮށްދޭން. އެ ކުދިންނަކީ ވެސް ގައުމު ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރެވިދާނެ ބައެއް. އަޅުގަނޑު އުންމީދު ކުރަނީ މި ކުދިންނަކީ ވެސް ސަރުކާރުގެ އިސް މަގާމުތަކުން ފެނިގެން ދާނެ ކުދިންތަކަކަށް ވުން." ގާސިމް ވިދާޅުވި އެވެ.
ކޮމްޕިއުޓަރު ލެބު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްލައިންޑް އެސޯސިއޭޝަންގެ ރައީސް މާޒިން ވިދާޅުވީ މިއަދު ލޯފަން ކުދިންނަށް ހާއްސަ ކުރެވިގެން ވިލާ ކޮލެޖުގައި ހުޅުވިގެން މިދިޔަ ކޮމްޕިއުޓަރު ކޯހަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯފަން ކުދިންނަށް ހާއްސަ ކޮށްގެން ފެއްޓި ކޯހެވެ.
ވިލާ ކޮލެޖުގައި ލޯފަން ކުދިންނަށް ހާއްސަ ކޮށްގެން މިއަދު ފެއްޓި ކޯހުގައި ޖުމްލަ 24 ކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ކިޔަވައި ދިނުމުގައި ބޭނުން ކުރާނީ ލޯފަން ކުދިންނަށް ހާއްސަ ކުރެވިފައިވާ ސޮފްޓްވެއާއެއް ބޭނުން ކޮންގެން ކަމަށް ބްލައިންޑް އެސޯސިއޭޝަނުން ބުންޏެވެ.