LIVE BLOG
DONATE ONLINE
0.00
Total Fund:
MVR

ވިޔަފާރި އުސޫލުން ގޭގައި މީހުން ބައިތިއްބާ ނަމަ ޑީޕޯޓްކުރާނަން: އިންޑިއާ

    07 ފެބްރުއަރީ 2013 - 2 އަހަރު 7 މަސް ކުރިން
    27 ކޮމެންޓު
އެކި އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެފައިވާ އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެހިން ކުއްޔަށް ހިފާފައިވާ ގެތަކުގައި ވިޔަފާރި އުސޫލުން މީހުން ބޭތިއްބުމަކީ މަނާކަމެއް ކަމަށާއި އެގޮތަށް މީހުން ބައިތިއްބާ ފަރާތްތައް ޑީޕޯޓްކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެކަން ދިވެހި ސަރުކާރަށް އެންގީ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ އިސްވެރިން ޓްރިވެންޑްރަމްގެ ފޮރިނާސް ރެޖިސްޓްރޭޝަން ރީޖަނަލް އޮފިސަރާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.

ޓްރިވެންޑްރަމްގެ ފޮރިނާސް ރެޖިސްޓްރޭޝަން ރީޖަނަލް އޮފިސަރު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުނީ ބޭސްފަރުވާ އަށް އިންޑިއާ އަށް ދާ މީހުން ދިވެހިން ހިފާފައިވާ ގޭގޭގައި ވިޔަފާރި އުސޫލުން މީހުން ބޭތިއްބުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި އެގޮތުން އެފަދަ ފަރާތްތައް ޑީޕޯޓް ކުރާނެ ކަމަށް ވިދާޅުވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާދަތިތައް ހައްލުކުރުމަށް މަޝްވަރާކުރުމަށް އެ ރަށުގައި ހުންނަވާ އިންޑިއާ ސަރުކާރުގެ ފޮރިނާސް ރެޖިސްޓްރޭޝަން ރީޖަނަލް އޮފިސަރާ ބައްދަލުކުރެއްވީ ދިވެހި ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީ މުހައްމަދު ފަރުހާދާއި އެޓާޗޭ އިބުރާހީމް އަޒީޒު އެވެ.

ޓްރިވެންޑްރަމްގައި ދިގު މުއްދަތަކަށް ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތައް ކަމަށްވާ ރެޖިސްޓްރޭޝަނާއި ވިސާ އެކްސްޓެންޝަނާއި އެނޫން ވެސް ހުއްދަތައް ކުއްލިއަކަށް ހޯދުމުގައި ދިމާވާ ދަތިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް އެ ބައްދަލުވުމުގައި ދިވެހި ކޮންސިއުލޭޓްގެ ވެރިން އެދިވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ 90 އިންސައްތަ މީހުން އުޅެނީ ގަވައިދާ އެއްގޮތަށް ކަމަށާއި ގަވައިދާ ހިލާފުވާ މަދު ބަޔަކު އުޅޭ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެބައްދަލުވުމުގައި ފޮރިނާސް ރެޖިސްޓްރޭޝަން ރީޖަނަލް އޮފިސަރު ވިދާޅުވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ޚިޔާލު

ކޮމެންޓު ލޯޑުވަނީ

ޚިޔާލު ފާޅުކުރައްވާ!