މަސްތުވާތަކެތީގެ ބާރުގަދަ ނުރައްކާތެރި ބާވަތެއް ފެތުރޭތީ ސަމާލުވުމަށް އަންގައިފި
- 06 ފެބްރުއަރީ 2013 - 4 މަސް 2 ހަފްތާ ކުރިން
- 18 ކޮމެންޓު
މަސްތުވާތަކެތީގެ ވަރަށް ބާރުގަދަ ނުރައްކާތެރި ބާވަތެއް މުޖުތަމައުގެ ތެރޭ ފެތުރޭ ކަމަށް ޝައްކު ކުރެވޭތީ އެކަމަށް ސަމާލުމަށް ނެޝެނަލް ޑްރަގް އެޖެންސީން (އެންޑީއޭ) އިންޒާރުކޮށްފި އެވެ.
އެންޑީއޭ އިން މި ގޮތަށް އަންގާފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެލްއެސްޑީގެ ފޭކު އެއްޗެއް ރާއްޖޭގައި ވިއްކަމުންދާ ކަމަށާއި އެ ޑްރަގް ބޭނުންކުރުމުން ހިތްހުއްޓެން މެދުވެރިވާ ކަމަށް ޕޮލިސް ކޮމިޝަނާ އަބުދުﷲ ރިޔާޒް ވިދާޅުވެފައި ވަނިކޮށެވެ.
އެންޑީއޭ އިން ބުނީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ކިބައިން ސިއްހީ ފަރުވާ ބޭނުންވާ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަށް ސިއްހީފަރުވާ ދޭތަނަކަށް ގެންދިއުމަށް ވެސް އަންގާފައިވެ އެވެ. އަދި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ ހިލޭ ގުޅޭ ނަމްބަރު 1410 އަށް ގުޅުމަށް ވެސް އެދިފައިވެ އެވެ.
ހުރިހާ ފަރާތްތަކެއްގެ ސަމާލުކަމަށް އެލްއެސްޑީގެ މައްސަލަ ގެންނަވައި ރޭ ކޮމިޝަނާ އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އެލްއެސްޑީ ޑްރަގަކީ ވަރަށް ނުރައްކާތެރި ޑުރަގެއް. އެ ޑްރަގް ބޭނުންކުރުމުން ހިތް ހުއްޓެން މެދުވެރިވޭ. ރިޕޯޓްތައް އެބަލިބޭ އެ ބާވަތުގެ ޑްރަގް ސަޕުލައި ކުރަމުންދާކަމުގެ އަދި ބައެއް މީހުން ބޭނުން ކުރަމުންދާކަމުގައި ވެސް،"
މިހާގެ ސިކުނޑި ހަމައިންނެއްޓި ތަފާތު އުނދަގޫތައް ކުރިމަތި ކުރުވާ އެލްއެސްޑީ ޑްރަގް އެންމެފަހުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކަނީ 1998 ވަނަ އަހަރު އެވެ.






ޓެކްނިކަލް މައްސަލަ ތަކެއް ހައްލުކުރަމުން ދާތީވެ ކޮމެންޓް ކުރުން ވަނީ މިވަގުތައް ބަންދު ކުރެވިފައެވެ.