ތަފާތު ބާވަތްތަކުގެ ޑްރަގު ވަނީ ރާއްޖެއާ ދިމާލަށް މިސްރާބު ޖަހާފައި: ކަސްޓަމްސް

މަސްތުވާތަކެތީގެ ތަފާތު ބާވަތްތައް ރާއްޖެއާ ދިމާޔަށް މިސްރާބު ޖަހާފައިވާ ކަމުގެ އިންޒާރު ކަސްޓަމްސުން ދީފި އެވެ.

އިއްޔެ އާއި ރޭ ދަންވަރު ދެ ޒުވާނަކު ހިތް ހުއްޓިގެން މަރުވެފައިވާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "އެލްއެސްޑީ"ގެ ފޭކް ބާވަތެއް ރާއްޖެ އަށް އެތެރެކޮށް ވިއްކަމުންދާ ކަމަށް ޕޮލިސް ކޮމިޝަނާ އަބުދުﷲ ރިޔާޒު ވިދާޅުވެފައި ވަނިކޮށް ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ އޮފިޝަލު އަހުމަދު ސިމާހު ވިދާޅުވީ ކަސްޓަމްސްގެ ރެކޯޑްތައް ދައްކާ ގޮތުން އާންމު ގޮތެއްގައި ރާއްޖެ އެތެރެ ކުރާން މަސައްކަތް ކޮށްފައި ވަނީ ކެނަބިސްގެ ބާވަތްތަކާއި ހެރޮއިން ކަމަށެވެ. އަދި އެލްއެސްޑީ ޑްރަގްސް ރާއްޖެ އެތެރެ ކުރާން މަސައްކަތް ކުރި ކަމަށް ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކަނީ 1998 ވަނަ އަހަރު ކަމަށާއި އެ ފަހަރު ވެސް އެތެރެ ކުރާން މަސައްކަތް ކޮށްފައި ވަނީ 0.1 ގްރާމްގެ ތަކެތި ކަމަށް ވެސް ސިމާހު ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން އެކަހަލަ ރެކޯޑެއް ނުދައްކާ ކަމަށް ސިމާހު ވިދާޅުވި އެވެ.

ސިމާހު ވިދާޅުވީ ރާއްޖެއާ ދިމާޔަށް ތަފާތު ބާވަތްތަކުގެ މަސްތުވާތަކެތި މިސްރާބު ޖަހާފައިވާ އިރު، އޭގެތެރޭގައި ޕާޓީ ޑްރަގްސްގެ ތަފާތު ބާވަތްތައް ހިމެނޭ ކަމަށެވެ.

"ތަފާތު ބާއްވަތްތައް މި ދިމާލަށް (ރާއްޖެއާ) މިސްރާބު ޖަހާކަމަށް ވަނީ. ތަފާތު ބާވަތްތަކުގެ ޕާޓީ ޑްރަގްސް ފަދަ ތަކެތި. މި އޭރިއާގެ އެހެން ތަންތަނުގައި ދައުރުވާ ތަކެތި އަންނަ ކަމަށް ވަނީ،" ސިމާހު ވިދާޅުވި އެވެ.

މީޑިއާ ތަކުގައި އާންމުވެފައިވާ އެލްއެސްޑީ ޑްރަގުގެ ވާހަކައާ ގުޅޭގޮތުން ޕޮލިހުގެ އެކްޓިން ހެޑް މުހައްމަދު ރަޝީދު ވިދާޅުވީ ފުލުހުންނަށް އެ މައުލޫމާތު ލިބުމާ ގުޅިގެން އެފަދަ ތަކެތި ބޭނުންކުރާ ފަރާތްތައް ހޯދައި އެތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިއްޔެރޭ ދަންވަރު ހުޅުމާލޭގައި މަރުވެފައި އޮއްވައި ފެނުނު ޒުވާނާގެ މަރާއި ކުރީގެ އަޑުޕާކު ކުރިމަތީ މަރުވެފައި އޮއްވައި ރޭ ފަތިހު ފެނުނު ޒުވާނާގެ މަރާގުޅޭ ގޮތުން މުހައްމަދު ރަޝީދު ވިދާޅުވީ އެ ދެ މީހުންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ދެ މީހުންގެ މަރާ މަސްތުވާތަކެއްޗާ ގުޅުމެއްވާކަން ނުވަތަ ނޫން ކަން ވެސް އަދި ދަންނަވާން ދަތި ކަމަށެވެ.

އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވީ މިހާތަނަށް 524 މީހުންގެ އެސެސްމަންޓް ހަދާފައިވާ އިރު އޭގެތެރެއިން އެލްއެސްޑީ ބޭނުންކޮށްފައިވަނީ އެންމެ ހަތަރު މީހުން ކަމަށެވެ. އަދި އާންމު ގޮތެއްގައި ރާއްޖޭގައި ބޭނުން ކުރަނީ ހެރޮއިން އާ ކެނަބިސް ކަމަށް ވެސް ލުބްނާ ވިދާޅުވި އެވެ.

އެލްއެސްޑީ ބޭނުންކުރުމުން މީހާގެ ހަށިގަނޑު ބަލިވެ ތުރުތުރު އެޅުމެއް ހުންނާނެ އެވެ. އަދި މީހާ ހަމައިން ނެއްޓި ލޭގެ ޕްރެޝަރާއި ހިތުގެ ތެޅުން އަވަސްވެ ނިދާން އުނދަގޫން ވުން ފަދަ މައްސަލަތަކާ ކުރިމަތިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު