ބޭނުން ކުރުމުން ހިިތް ހުއްޓޭ ޒާތުގެ ޑްރަގެއް ދައުރުވަމުން އެބަދޭ: ޕޮލިސް ކޮމިޝަނަރު

މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއްކަމަށްވާ "އެލްއެސްޑީ"ގެ ފޭކު އެއްޗެއް ރާއްޖޭގައި ވިއްކަމުންދާ ކަމަށާއި އެ ޑްރަގް ބޭނުންކުރުމުން ހިތްހުއްޓެން މެދުވެރިވާ ކަމަށް ޕޮލިސް ކޮމިޝަނާ އަބުދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ކުރީގެ އަޑު ޕާކް ތެރޭގައި ރޭ ދަންވަރު ޒުވާނަކު މަރުވެފައިވާ ކަމުގެ ހަބަރުތައް މީޑިއާތަކުގައި ފެތުރުނުތަނާ ހެން ޕޮލިސް ކޮމިޝަނަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެލްއެސްޑީ ޑްރަގަކީ ވަރަށް ނުރައްކާތެރި ބާވަތެއް ކަމަށާއި އެ ބޭނުންކުރުމުން އެ މީހެއްގެ ހިތް ހުއްޓެން މެދުވެރިވާ އިރު އެ ބާވަތުގެ މަސްތުވާތަކެތި ރާއްޖޭގައި ދައުރު ކުރަމުންދާ ކަމަށެވެ.

"އެލްއެސްޑީ ޑުރަގަކީ ވަރަށް ނުރައްކާތެރި ޑުރަގެއް. އެ ޑްރަގް ބޭނުންކުރުމުން ހިތް ހުއްޓެން މެދުވެރިވޭ. ރިޕޯޓްތައް އެބަލިބޭ އެ ބާވަތުގެ ޑްރަގް ސަޕުލައި ކުރަމުންދާކަމުގެ އަދި ބައެއް މީހުން ބޭނުން ކުރަމުންދާކަމުގައި ވެސް." ކޮމިޝަނަރުގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް އެ ޓުވީޓާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކޮމިޝަނާރަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އެއީ ކިހާ ވަރަކަށް ފެތުރޭ އަދި އެކަން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތަކީ ކޮބައި ކަމެއް ސާފު ކުރެވޭ ގޮތެއް ނުވި އެވެ.

ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ރާއްޖޭގައި މިހާރު ސަޕްލައި ކުރަމުންދާ ކަމަށް ކޮމިޝަނާ ރިޔާޒް ވިދާޅުވެފައިވާ އިރު ރޭ ދަންވަރު ވަނީ 21 އަހަރުގެ ޒުވާނަކު އަޑު ޕާކްތެރޭގައި މަރުވެފައިއޮށްވައި ފެނިފަ އެވެ. އަދި އިއްޔެ ފަތިހުގެ ވަގުތެއްގައި ވަނީ ހުޅުމާލޭ މަގުމަތީގައި 19 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު ވެސް މަރުވެފައިއޮއްވައި ވަނީ ފެނިފަ އެވެ. އެ ޒުވާނާގެ އާއިލާއިން ބުނަނީ އޭނާ މަރުވެފައި ވަނީ ހިތް ހުއްޓިގެން ކަމަށެވެ. ފުލުހުން ޑޮކްޓަރުންނާއި ހަވާލާދީ ކުރިން ބުނެފައި ވަނީ އެ ކުއްޖާ މަރުވެފައި ވަނީ އޯވަޑޯޒް ވެގެން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު