މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށާ މެޗް މިމަހުގެ 26 ގައި

މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށާ މެޗް މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެއްލަކަ ރުފިޔާ ލިބޭ، ޗެރިޓީ ޝީލްޑް މެޗުން މި އަހަރުގެ ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ދިވެހި ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓާއި އެފްއޭކަޕް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެވެ. އަދި އެ ދެ ޓީމަކީ މިއަހަރު އޮންނަ އޭއެފްސީ ކަޕުގައި ރާއްޖެއިން ވާދަކުރާ ދެ ޓީމެވެ.

މުބާރާތުގައި ނިއުރޭޑިއެންޓް ލައްވާލީ ގްރޫޕް އެފްގަ އެވެ. އެ ޓީމުގެ އިތުރުން އެ ގުރޫޕްގައި ހިމެނެނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އާއި ހޮންކޮންގްގެ ސަންރޭ ކޭވް ޖޭސީ ސުންހައި އާއި އިންޑޮނީޝިއާގެ ޕަރްސީބޯ އެވެ. އަދި ގްރޫޕް ޖީ ގައި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ލައްވާލި އިރު އެ ޓީމާ ވާދަ ކުރާނީ މެލޭޝިޔާގެ ކެލަންޓަން އާއި މިޔަންމާގެ އަޔޭޔަވަދޭ އާއި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގު އެވެ.

އެފްއޭއެމްގެ އިސް އޮފިސަލަކު ވިދާޅުވީ، ސީޒަން ފަށާ މެޗް ކުރިން މިމަހުގެ 21 ވަނަ ދުވަހު ކުޅެން ހަމަޖެހުނު ކަމުގައި ވިޔަސް، އެ ތާރީހު އަލުން މިމަހުގެ 26 ވަނަ ދުވަހަށް ފަސް ކުރަން ޖެހުނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ޕާކިސްތާންގެ ފުޓްބޯޅަ ޓީމް ކުޅޭ އެކުވެރި ކަމުގެ މެޗް މިމަހުގެ 12 ވަނަ ދުވަހު ކުޅޭތީވެ ކަމަށެވެ.

ނިއު އާއި މާޒިޔާގެ މެޗުން މި އަހަރުގެ ފުޓްބޯޅަ ސީޒަން މި މަހުގެ 26 ވަނަ ދުވަހު ފަށާގޮތައް އަދި އެފްއޭއެމް އިން ނިންމި ނަމަވެސް، ސީޒަންގެ އެހެން މުބާރާތްތައް ފަށާނެ ފައިނަލް ތާރީހުތައް އެފްއޭއެމްއިން އަދި ނިންމާފައި ނުވެ އެވެ. އެގޮތުން ސީޒަނުގައި ކުޅޭ އެންމެ ބޮޑު މުބާރާތް ކަމުގައިވާ ދިވެހި ލީގް ފަސާނެ ތަރީހެއް އަދި އެފްއޭއެމްއިން ކަނޑައަޅާފައި ނުވަނީ އެ މުބާރާތް ސްޕޮންސާ ކުރާނެ ފަރާތެއް ނެތުމުން ކަމަށް ސަންއަށް ވަނީ ޔަގީން ވެފަ އެވެ. މިކަމާގުޅޭ ގޮތުން އަދި އެފްއޭއެމްގެ ރަސްމީ ބަހެއް ލިބިފައި ނުވެ އެވެ.

ފާއިތުވި ތިން އަހަރު ސީޒަން ހުޅުވި މެޗް ކާމިޔާބު ކޮށްފައި ވަނީ ވީބީ އައްޑޫ އެފްސީއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު