ތިނެއް އެކަކުން ވީބީ ބަލިކޮށް ގްރޫޕުގެ އެއްވަނައަށް މާޒިޔާ

ޔޫތު ޗެމްޕިއަންޝިޕް 2013ގެ ގްރޫޕް އެކެއްގެ ތިންވަނަ މެޗުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވީބީ އައްޑޫ އެފްސީ ކުޅުނު މެޗު ތިންލަނޑު އެއްލަނޑުން ވީބީ ބަލިކޮށް ގްރޫޕުގެ އެއްވަނަ މާޒިޔާ ހޯދައިފި އެވެ.

މިއަދު ހަވީރު ގަލޮޅު ބޯޅަދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގެ 18 ވަނަ މިނިޓުގައި މާޒިޔާއަށް މެޗުގެ ކުރިހޯދައި ދިނީ އެޓީމުގެ އަލީ އިބްރާހީމް އެވެ. އެހެން ނަމަވެސް ވީބީއިން ވަނީ ހިތްވަރާއެކު ރައްދެއް ދީ މެޗުގެ 42 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ވީބީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު ހަތެއް އިސްމާއީލް ޒުހައިން ޒާހިރު އެވެ.

ވީބީން މެޗުގެ ނަތީޖާ ހަމަހަމަ ކުރިތާ މާ ގިނަ އިރެއް ނުވެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި މާޒިޔާގެ އަލީ ޝާމިން ވަނީ ވީބީކޮޅަށް ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއަށް ކުރިހޯދައި ދީފަ އެވެ.

ފަހުގާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނޭ ފުރުސަތު ތަކެއް ތަނަވަސް ކޮށްފަ އެވެ. ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާއެވެ.

މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފަހު ހާފުގެ އިތުރު ވަގުތުގައި އެޓީމުން ވީބީގެ ގޯލަށް ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭރިޔާ ތެރެއިން ވީބީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން މާޒިޔާއަށް ލިބުނު ޕެނަލްޓީއަކުން ނެވެ. އެޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިން އަލީ އިބްރާހީމް އެވެ.

މިއަދުގެ މެޗުން މޮޅުވުމުން މާޒިޔާއަށް ވަނީ މުބާރާތުގައި މިހާތަނަށް އެޓީމު ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ލިބި ގްރޫޕްގެ އެއްވަނަ ލިބިފަ އެވެ. ދެ މެޗު ކުޅެގެން އެ ގްރުޕުގެ ދެވަނައިގައި އޮތީ ވީބީ އެވެ. އަދި އެއް ޕޮއިންޓާއެކު ތިންވަނައިގައި އޭވައިއެލް އޮތްއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ އޭދަފުށީ ޒުވާނުންގެ ކުލަބެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ވެސް ކުޅޭނީ ގްރޫޕް އެކެއްގެ މެޗެކެވެ. އެމެޗުގައި ބައްދަލުކުރާނީ އޯލްޔޫތު ލިންކޭޖް (އޭވައިއެލް) އާއި އޭދަފުށީ ޒުވާނުންގެ ކުލަބެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު