ނިލަންދުއަށް ގިނަ އަދަދަކަށް ވެލާ އަރައިފި

ފ. ނިލަންދު އަށް ގިނަ އަދަދެއްގެ ކުދި ވެލާތަކެއް މިރޭ އެރުމާ ގުޅިގެން އެތަކެތި ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ނިލަންދޫން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ ގާތްގަނޑަކަށް 9:00 އެހާއިކަންހާ އިރު އެ ރަށުގެ ޖެޓީ ސަރަހައްދުގެ މޫދުންނާއި އަތިރިމަތީގެ ސަރަހައްދުން ފެނުނު އެ ވެލާތަކަކީ ގާތްގަނޑަކަށް ދެ އިންޗި ހުންނަވަރުގެ އެއްޗެހިތަކެއް ކަމަށާއި އެތަކެތި މިހާރު ނިލަންދޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

"ބެލެވޭ ގޮތުގައި އެއީ ބިސްފަޅައިގެން ނުކުތް ވަރަށް ޅަ އެއްޗެހި ތަކެއް. ވަރަށް ގިނަ އަދަދެއްގެ އެއްޗެހިތަކެއް އެރި، އޭގެ ތެރެއިން ބައެއް އެއްޗެހި ފުުލުހުން ވަނީ ގެންގޮސްފައި،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިރޭ ވިދާޅުވީ ނިލަންދޫ އުތުރު ފަރާތުގެ އަތިރިމައްޗަށް އެރި ވެލޭތަކުގެ ތެރެއިން ގާތްގަނޑަކަށް 19 ވަރަކަށް ވެލާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ރަށު ކައުންސިލާ ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އިތުރު ވެލާ ފެނޭތޯ ބަލަމުން އަންނަ ކަމަށެވެ.

އެވެލާތަކާ މެދު ހަނދާނެ ގޮތެއް ކަނޑައަޅާނީ މާދަމާ އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެލާތައް އަރައިގެން އުޅެނިކޮށް ފެނިގެން އޭގެތެރެއިން ފެނުނު ބައެއް އެއްޗެހި ވަނީ ފުލުހުން ގެންގޮސްފައި. އަދި އިތުރު އެއްޗެއް ފެނިއްޖެ ނަމަ އެތަކެތި ހިފައިގެން ގެންގުޅުމާއި ވިއްކުމުގެ ބަދަލުގައި ފުލުހުންނާ ހަވާލުކުރުމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައި،" ހަނީފު ވިދާޅުވި އެވެ.

ވެލަޔަކީ ރާއްޖޭގައި ހިޔާމަތްކޮށްފައިވާ އެއްޗެއް ކަމުގައިވާތީ އެތަކެތި ހިފައި ބޭނުންކުރުމާއި މެރުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު