ނާޒިމްގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެ އެވެ.

ދައުލަތުން އެގޮތަށް އެދިފައި ވަނީ ނާޒިމްގެ މައްޗަށް ދައުވާ ކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަކަރާއި ހީލަތް ހެދުމުގެ ތިން މައްސަލައިގައި ވެސް އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެެ ވަކީލު ވިދާޅުވީ ނާޒިމްގެ މައްޗަށް ދައުވާ ކޮށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް އެ ކޯޓުން ބަލާފައި ވަނީ ޖިނާއީ މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލާއި ޚިލާފަށް ކަމަށެވެ. އަދި މައްސަލަ ނިންމި އިިރު ނާޒިމްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކަށް ކްރިމިނަލް ކޯޓުން ރިއާޔަތް ކޮށްފައި ނުވާކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ގާނޫނު އަސާސީގައި ތަފާތު ނުކުރުމަށް ބުނެފައި އޮންނަ އޮތުމާ ޚިލާފަށް ކަމަށާއި، ތަޖުރީމް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ނިންމި ނިންމުމަކީ އާންމުކޮށް އަމަލު ކުރަމުންދާ އުސޫލާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެހެންކަމުން ނާޒިމްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް ފަހު އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ދައުލަތުން ވަނީ މިއަދު އެދިފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ވަނީ ދައުލަތުގެ ވާހަތަކަށް އިންކާރުކޮށްފަ އެވެ. ނާޒިމްގެ ގާނޫނީ ވަކީލު ވިދާޅުވީ ދައުލަތުން އެ މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ ދޮގެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ޖިނާއީ މައްސަލަތުގައި ފުރިހަމަކުރަން ޖެހޭ ޕްރޮސީޖާތައް ފުރިހަމަ ނުކޮށް އެ މައްސަލަ ނިންމާފައިވާކަމަށް ދައުލަތުން ބުނާއިރު، ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައްކަންޖެހޭ ވާހަކަތައް ދެއްކުމަށް ފުރުސަތު އަރުވާފައިވާކަމަށް ވެސް ނާޒިމްގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުން ހުށަހެޅި ހެކީން ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގާފައި ނުވާކަމަށް ދައުލަތުން ބުނާއިރު ހެކީން ހާޒިރުކޮށްފައި ނުވަނީ ދައުލަތުން ހުށަހެޅި ހެކީންނަކީ އަދުލުވެރި ހެކީންނަށް ނުވާތީ ކަމަށް ވެސް ނާޒިމްގެ ވަކީލު ވިދާޅުވި އެވެ.

ކުރީގެ އެޓޯލްސް މިނިސްޓްރީއަށް ބަނދަރު ބައްތިތަކެއް ގަތް މައްސަލައިގައި ނާއިމްގެ މައްޗަށް ދައުވާ ކުރީ، 220 ބަނދަރު ބައްތިތައް ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ކުރުމުން ބައެއް ކުންފުނިތަކަށް ނޭގި އެކުންފުނިތަކުގެ ނަމުގައި ނާޒިމްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ ދަށުން ހިންގާ ނަމިރާ އިންޖިނިއަރިންގެ މުވައްޒަފުން ބޭނުންކޮށްގެން ބިޑު ހުށަހަޅާފައިވާ ކަމަށް ތުހުމަތު ކޮށެވެ.

ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15000 ގައުމީ ދިދަ ގަތް މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ދިދަ ގަތުމަށް އެޓޯލްސް މިނިސްޓްރީން ކުރި އިއުލާނަކާ ގުޅިގެން ވުޖޫދުގައި ނެތް ކުންފުނިތަކެއްގެ ނަން ބޭނުންކޮށްގެން އެތަންތަނުގެ ނަމުގައި ނަމިރާގެ މުވައްޒަފުން ބޭނުންކޮށްގެން އެސްޓިމޭޓް ހުށަހަޅައި އެ ޕްރޮޖެކްޓް މަކަރާއި ހީލަތުން ކާމިޔާބުކޮށްފައިވާ ކަމަށް ތުހުމަތު ކޮށެވެ. އަދި ކުރީގެ އެޓޯލްސް މިނިސްޓްރީއަށް ގަތް ސައުންޑް ސިސްޓްމްގެ މައްސަލައިގައި ދައުވާކޮށްފައި ވަނީ އަތޮޅުތަކުގެ މިސްކިތްތަކަށް ބޭނުންވާ ސައުންޑު ސިސްޓަމްތައް ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ނުކުރަނީސް، އިއުލާންކުރި ކަމަށް ދޭހަވާ ގޮތަށް ނާޒިމްގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ނަމުގައި، ނޭޒާ އެންޓަޕްރައިޒަސް ގެ މުވައްޒަފުން ބޭނުންކޮށްގެން އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑް ކާމިޔާބުކޮށްފައިވާ ކަމަށް ތުހުމަތު ކޮށެވެ.

އެ މައްސަލަތައް ބެލުމަށް ފަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ ދައުވާގެ އަސްލު ބިނާވެފައިވާ ކަންތައްތައް ކޮށްފައި ވަނީ ކުންފުނީގެ މުވައްޒަފުންކަން ތަހުގީގު ބަޔާންތަކުން އެނގޭ އިރު، އެފަރާތްތަކުގެ މައްޗަށް ދައުވާ ނުކޮށް، އަދި ދައުވާގައި ބުނާ ކަންތައް އަމަލީ ގޮތުން ކުރި މީހުން ހެކީންގެ ގޮތުގައި ބަލައިގަނެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ނާޒިމްގެ މައްޗަށް ފަރުދީގޮތުން ދައުވާ ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތު ތަކަށް ޝަރީއަތުން ރިއާޔަތް ކުރާއިރު، އެ މައްސަލައިގައި ނާޒިމް ކޮށްފައިވާ ކަންތައްތަކަކީ ގަނޫނީގޮތުންނާއި ޝަރުއީ ގޮތުން ތަޖުރީމް ކުރެވޭވަރުގެ ކަންތައްތަކެއް ނޫން ކަމަށްވެސް ހުކުމުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު