އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބުދޭން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރާގޮތަށް ކަނޑައަޅައި މަރުގެ ކުށާއި އެ ކުށާ ގުޅޭ އެހެނިހެން އުސޫލު ގާއިމް ކުރުމުގެ ބިލް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވީ ބަންޑާރަ ނާއިބް އޮފީހުން ކުރި ދިރާސާތަކެއްގެ މައްޗަށް ބައްޓަންކޮށްފައިވާ އެބިލްގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ގޮތެއް ކަމަށް ކަނޑައަޅާފައި ވަނީ އިންޖެކްޝަން ޖަހައިގެން މަރާގޮތަށް ކަމަށެވެ. ނަމަވެސް އެއީ އަދި މުޅިން ފައިނަލް ނިންމުމެއް ނޫން ކަމަށާއި އެކިފަރާތްތަކުގެ ޚިޔާލު ލިބޭ ގޮތަށް ބަލާފައި އެ އުސޫލު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ބަންޑާނަ ނާއިބް އޮފީހުން އެ ބިލް ޑްރާފްޓް ކުރި އިރު މަރުގެ މައްސަލަތަކުގައި މިސްރު، މެލޭޝިޔާ އަދި އެމެރިކާގައި އަމަލު ކުރަމުންދާ ގާނޫނީ އޮނިގަނޑުތައް ދިރާސާކޮށް ބަލާފައިވާ އިރު އެކަމާ ގުޅޭގޮތުން ރާއްޖޭގެ ގާނޫނީ ވަކީލުންނާއި ދީނީ އިލްމުވެރިންގެ ޚިޔާލު ވެސް ހޯދާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ބިލާ ގުޅޭ ގޮތުން ޚިޔާލު ދެއްވަން ބޭނުންވާ ފަރާތްތަކަށް އެއް މަސް ދުވަހުގެ މުއްދަތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ފަރުދަކަށް ވެސް އެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާ ކަމަށެވެ.

"މި ބިލަށް ޚިޔާލު ދިނުމަށް ބޭނުންވާ އާންމުންނަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި. އެއް މަސް ދުވަސް ވަންދެން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ. އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓްގައި މިބިލްގެ ޑްރާފްޓް ޝާއިއު ކުރެވިފައި ހުންނާނެ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބިލްގައި މަރުގެ މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމުގެ އުސޫލުތައް ކަނޑައެޅިފައިވާނެ ކަމަށާއި އެގޮތުން ހުރިހާ މަރުހަލާއެއްގައި ވެސް ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އެމީހަކަށް ލިބިގެންވާކަމަށް ބިލްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހާ ވަކީލަކު ބޭނުން ނުވިނަމަވެސް ދައުލަތުގެ ފަރާތުން އެމީހަކަށް ވަކީލަކު އައްޔަން ކުރުން ލާޒިމްވާ ގޮތަށް ބިލްގައި ހިމަނާފައިވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

މަރުގެ މައްސަލަތަކުގެ ޝަރީއަތް ދަށު ކޯޓުގައި ހިންގާ އިރު އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކަނޑައެޅުމާ ހައިކޯޓު މަރުހަލާގައި ފަސް ފަނޑިޔާރުންގެ ބެންޗަކާ އަދި ސުޕްރީމް ކޯޓު މަރުހަލާގައި ހުރިހާ ފަނޑިޔާރުން މައްސަލަ ބަލާ ބެންޗުގައި ހިމެނުމަކީ ލާޒިމް ކަމެއްގެ ގޮތުގައި އެ ބިލްގައި ކަނޑައަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދަށު ކޯޓުން ކުރާ ހުކުމް އެ އެމީހަކު އިސްތިއުނާފު ނުކޮށްފި ނަމަ ހައިކޯޓާއި ސުޕްރީމް ކޯޓުން އެ ހުކުމް ރިވިއުކުރުމަށް ފަހު އެ ދެ ކޯޓުން އެ ހުކުމާ މެދު ދެކޭ ގޮތް ކަނޑައެޅުން ލާޒިމްކޮށްފައިވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

"މަރުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ޕެނަލް ކަނޑައަޅާ ގޮތް ވެސް އޮންނާނެ. މި ބިލްގައި ބަޔާންކުރާ ގޮތުން މީހެއްގެ މައްޗަށް މަރުގެ ހުކުމެއް ކަނޑައެޅޭނީ ހަމައެކަނި މައްސަލަބަލާ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން. ފުރަތަމަ މަރުހަލާގައި މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ މަޖިލީހެއް ދަށު ކޯޓުން ކަނޑައަޅަން ޖެހޭނެ. ދެވަނަ މަރުހަލާގައި ފަސް ފަނޑިޔާރުންގެ މަޖިލީހެއް ހައިކޯޓުގައި އޮންނަން ޖެހޭނެ ކަމަށް އަދި ތިންވަނަ މަރުހަލާގައި ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުންގެ މަޖިލީހެއް އޮންނަން ޖެހޭނެ ކަމަށް ކަނޑައަޅަން ޖެހޭނެ ކަމަށް ބިލްގައި ބަޔާން ކޮށްފައިވާނެ. އަދި ފަނޑިޔާރުންގެ މަޖިލީހުގައި އިސްލާމީ ޝަރީއާ އުނގެނިވަޑައިގެން ހުރި އެއް ފަނޑިޔާރަކު ހުންނަންވާނެ ކަމަށާއި މި 15 ފަނޑިޔާރުންގެ އިއްތިފާގުން މެނުވީ މަރުގެ ހުކުމެއް މީހުންގެ މައްޗަށް ކަނޑަނޭޅޭނެކަމަށް ބަޔާންކޮށްފައި ވަނީ. ހުކުމް ކުރެވޭ މީހާ އިސްތިއުނާފު ކުރަން ބޭނުން ނުވާ ހާލަތުގައި ވެސް ކޯޓުން އެ މައްސަލަ ރިވިއުކޮށް އެންމެ މަތީމަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓުން ހުކުމްކޮށްގެން މެނުވީ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާނެ،" އާޒިމާ ވިދާޅުވި އެވެ.

މަރުގެ މައްސަލަތަކުގެ ޝަރީއަތް ކުރާއިރު ވާރިސުންގެ ބަސް ހޯދަންޖެހޭނީ އެ މީހަކު މަރުވިތާ 21 ދުވަސް ފަހުން ކަމަށާއި ހުރިހާ ވާރިސުން ބޭނުންވެގެން މީހަކު މެރުމަށް ހުކުމް ކުރިއަސް އެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން މަރަށް މަރުހިފަން ވާރިސުން ބޭނުންވޭތޯ ބަލަންޖެހޭނެ ގޮތަށް ބިލްގައި ހިމަނާފައިވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުރިހާ ގާނޫނީ ޝަރުތުތަކެއް ހަމަވެގެން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި އޮންނަމަވެސް އެކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި އުއްތަމަފަނޑިޔާރާއި އެޓާނީ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލާއި ހިއުމަންރައިޓްސް ކޮމިޝަނާއި އިސްލަމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އެކަން އިތުރަށް ކަށަވަރު ކުރަންޖެހޭނެ ގޮތަށް ވެސް އެ ބިލްގައި ހިމަނާފައި ވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

"ހުރިހާ ގާނޫނީ ޝަރުތެއް ހަމަވެގެން ހުކުމް ކުރެވިފައި އޮތްކަން ކަށަވަރު ކުރުމަށް އުއްތަމަފަނޑިޔާރާއި އެޓާނީ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލް، ހިއުމަންރައިޓްސް ކޮމިޝަނާއި އިސްލަމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން ސެޓިފައިކޮށްދޭންޖެހޭނެ ކަމަށާއި ގާތިލްގެ އެންމެ ފަހު ހައްގު ވެސް ކަނޑައެޅިފައިވާނެ. ގިސޯސް ހިފިގެންދާ ވަގުތު އެއްވެސް މީޑިއާ ކަވަރޭޖެއް ނެހެދޭނެ،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ އެ ބިލް ގާނޫނަކަށްވެ ތަސްދީގު ވުމާ ހަމައަށް މެރުމަށް ހުކުމް ކުރެވިފައިވާ މީހުންނަށް "ރީ ޓްރިއަލް"ގެ ހައްގެއް އެ ބިލްގައި ހޯދައިދީފައިވާނެ ކަމަށާއި އޭގެ ބޭނުމަކީ އިސްލާމީ ޝަރީއަތުގައިވާ ހަމަތަކުގެ މަތިން މަރުގެ މައްސަލަތަކުގައި އަމަލު ކުރަންޖެހޭތީ ކަމަށެވެ.

"މިހާރު ރާއްޖޭގައި މަރުގެ ހުކުމް ކުރެވިފައިވާ މީހުންނަށް ރީ ޓްރިއަލްގެ ހައްގެއް މި ޑްރާފްޓުން ހޯދައިދީފައިވާނެ. އޭގެ ބޭނުކަމީ ގާނޫނީ އޮނިގަނޑު އެކުގައި އަލުން އެކުލަވާލަން ޖެހުނީ. ކުށްކަނޑައަޅާފައި ޝަރީއަތް ކުރަން ޖެހޭނެ ގޮތާއި ހުރިހާ އެއްޗެއް އެކުލަވާލަން ޖެހުނީ އިސްލާމީ ޝަރީއަތުގައިވާ ހަމަތަކަށް މިކަން ކުރަންޖެހޭ ކަމަށް ވާތީ." އާޒިމާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު