ސްޓިކާ ޖެހުމާ ބެހޭ ގޮތުން ޑްރައިވަރުންނާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ

ސްޓިކާ ޖެހުމާ ބެހޭ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން އަމަލުކުރަންފަށާ އާ ގަވާއިދުތަކާ މެދު ހިތްހަމަނުޖުހިގެން ޓެކްސީ ޑްރައިވަރުންތަކެއް މުޒާހަރާ ކުރަން ފެށުމުން ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާ ޓްރާންސްޕޯޓް އޮތޯރިޓީ އިން ބައްދަލުކޮށް ދެ ފަރާތުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ޓެކްސީ ޑަރައިވަރުންނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލުންގެ މެދުގައި މިއަދު އެ އޮތޯރިޓީގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ، ޕާކިން ޒޯން ނޫނަސް، މީހުންނަށް ދަތިނުވާ ތަންތަނުގައި ޕާކްކޮށްފައި ހުންނަ ސަރަހައްދުތަކުގައި ސްޓިކާ ނުޖަހާ ގޮތަށެވެ.

އެ ބައްދަލުވުމުގައި ޓެކްސީ ސެންޓަރުތަކުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ޕާކް ކުރާނެ ނިޒާމެއް ނުވަތަ ޒޯންތަކެއް ނުހުދައި ސްޓިކާ ޖެހުމަކީ އެ މީހުންން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ބުންޏެވެ. އަދި ވެހިކަލްތައް އިންޝުއާ ކުރުމުގައި ޓެކްސީތަކާއި ޕްރައިވެޓް ކާރުތަކާ ދެމެދުގައިވާ ތަފާތު ކުރުންތައް ނައްތާލުމަށް ވެސް ސެންޓަރުތަކުން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހަށަހެޅި އެވެ.

ޓެކްސީތައް އިންޝުއާ ކުރުމަށް ނަގަނީ 1000 ރުފިޔާ އެވެ. ނަމަވެސް ޕްރައިވެޓް ކާރުތައް އިންޝުއާ ކުރުމަށް ނަގަނީ 750 ރުފިޔާކަން ޓެކްސީ ޑްރައިވަރުން ފާހަގަ ކުރި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ސްޓިކާ ޖަހަން ނިންމުމާ ގުޅިގެން ޓެކްސީ ސެންޓަރުތަކުން ހުށަހެޅި މައްސަލަތަކާ ގުޅިގެން ސެންޓަރުތަކާ އެކު ބޭއްވި ބައްދަލުވުމުގައި އެ އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ ޕާކިންޒޯންތައް ހެދުމަށްޓަކައި އެ އޮތޯރިޓީން ވަނީ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ކަމަށާއި އަދި ޕާކިންޒޯންތައް ހަދާނެ ސަރަހައްދު ތަކާއި ތަންނަތަން ކަނޑައަޅައި ޕާކިންޒޯން ހެދުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުުއްރަޝީދު ނާފިޒު އެ ބައްދަލުވުމުގައި ވިދާޅުވީ ސްޓިކާ ޖަހާނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ، އަދި ޕާކްކުރުން މަނާކޮށްފައި ހުންނަ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތަކުގައި ކަމަށެވެ. އެފަދަ ތަންތަނުގެ ތެރޭގައި ސްކޫލަތަކުގެ ދޮރުމަތީ ގަޔާއި މިސްކިއްތަކާއި ގޭގެ ދޮރުމަތީގައްޔާއި އަދި ހޮސްޕިޓަލް ފަދަ ތަންތަނު ކުރިމަތީގައި ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މީހުންނަށް ދަތިނުވާ ގޮތަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ ވެހިކަލްތައް އިންޝުއާ ކުރުމަށް ކަނޑައަލާފައިވާ އަގުތަކާއި އަދި އިސްޓިކާ ޖަހައިގެން ކުރާ ޖޫރިމަނާގެ އަގުތަކަކީ އެ އޮތޯރިޓީ އަށް ބަދަލު ކުރެވޭނެ އަގުތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ބަދަލުތައް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ގާނޫނު ބަދަލުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރޯޑް ވާދިނަސްގެ މައްސަލައަކީ މިހާރު ވެސް އެ އޮތޯރިޓީ އިން ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ ވެސް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ހައްލު ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު