ޝަރަފުވެރިކަމުގެ އިނާމު ލިބޭ ބޭފުޅުންނަށް ހާއްސަ ކާޑަކާއި ޕާސްޕޯޓެއް

ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ދައުލަތުގެ ފަރާތުން ހާއްސަ ކާޑަކާއި ހާއްސަ ޕާސްޕޯޓެއް ދޫކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިއުލާން ކުރައްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ގައުމާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގައުމީ އިނާމް ލިބޭ ބޭފުޅުންނަށް މިހާތަނަށް އިތުރު އިނާޔަތްތަކެއް ސަރުކާރުން ނުދޭ ކަމަށާއި ނަމަވެސް އެބޭފުޅުންނަކީ ގައުމަށް މުހިންމު ހިދުމަތްތަކެއް ކޮށްދީފައިވާ ބަޔަކަށްވާއިރު އެ ބޭފުޅުންނަށް އިތުރު އިނާޔަތްތަކެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ޝަރަފުވެރިކަމުގެ އިނާމު ލިބޭ ބޭފުޅުންނަށް ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ހޯދުމުގައި އިސްކަން ދެވޭނެ އުސޫލެއް ގާއިމް ކުރުމުގެ ގޮތުން ހާއްސަ ކާޑެއް ތައާރަފްކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެބޭފުޅުންގެ ތެރެއިން ހާއްސަ ޕާސްޕޯޓަށް އެދޭ ބޭފުޅުންނަށް އެ ޕާސްޕޯޓްވެސް ފޯރުކޮށްދިނުމަށް ނިންމާފައިވާކަންވެސް އިއުލާން ކުރެއްވި އެވެ.

"މި އިނާޔަތްތައް އެބޭފުޅުންނަށް އެރުވުމުގެ ކަންތައްތައް، އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ކުރީކޮޅު ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެކަންކަން ހަމަޖެއްސުމަށް ހާއްސަ ޔުނިޓެއް އެކުލަވާލައި އެ ޔުނިޓްގެ ތެރެއިން އެ މަސައްކަތް ކުރައްވަން ގަސްތުކުރައްވާ ކަމަށާއި އޭރުން އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

" ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަކީ ވަރަށް މުހިންމުކަމެއް.ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި މިފަދަ ޝަރަފުވެރި ބޭފުޅުންނަށް އެރުވޭ ވަކި ޢިނާޔަތްތަކެއް އެބަހުރޭ. ރާއްޖޭގައިވެސް އެބޭފުޅުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެއް،" ރައީސް ވިދާޅުވި އެވެ.

މިރޭ ބޭއްވި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު މިއަހަރު ތިން ބޭފުޅަކަށް ދެއްވާފައިވާއިރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށް އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު 25 ބޭފުޅަކަށް ވަނީ ދެއްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު