އަލީ ވަހީދާއި ނަޝީދުގެ ހޫނު ބަހުސަށް ފަހު ކޮމެޓީ ހުއްޓާލައިފި

ހުޅުމާލޭ ކޯޓްގެ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކޮމެޓީ އަށް ހާޒިރު ކުރުމާ މެދު ހިޔާލުތަފާތުވުންތައް އުފެދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާ ދެމެދު ބަދަލު ކުރި ހޫނު ބަހުސަށް ފަހު، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

ހުޅުމާލޭ ކޯޓްގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފެދިފައި ވާތީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެންބަރު ސޮއިކުރައްވައި ހުށަހެޅި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ހުށަހެޅުއްވީ ޖޭއެސްސީ ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ. ޖޭއެސްސީ ކޮމެޓީ އަށް ހާޒިރު ކުރުމަށް ހުށަހެޅި ނަމަވެސް ކޮމެޓީ އަށް ހާޒިރުވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަހުމަދު ސަމީރާއި މުހައްމަދު އަބްދުﷲ އެ ހުށަހެޅުއްވުމަކަށް ތާއީދެއް ނުކުރައްވަ އެވެ.

ކޮމެޓީގެ މުގައްރިރު މުހައްމަދު ނަޝީދު ވިދާޅުވީ ޖޭއެސްސީ ހާޒިރު ކުރުމުގެ ކުރިން ބައެއް ލިޔެކިޔުންތައް ކޮމެޓީ އަށް ހޯދަން ޖެހޭ ކަމަށެވެ. އެއީ ހުޅުމާލޭ ކޯޓްގެ މައްސަލާގައި ޖޭއެސްސީން ނިންމާފައިވާ ނިންމުންތަކާއި އެ މައްސަލާގައި ބާއްވާފައިވާ ބައްދަލުވުންްތަކުގެ ޔައުމިއްޔާ ހޯދުމަށެެވެ. އަދި ވިދާޅުވީ ޖޭއެސްސީ ހާޒިރު ކުރުމަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވެސް ތާއިދު ކުރައްވާ ކަމެއް ކަމުގައިވުމުން އެކަން އަވަސް އަރުވައިލައިގެން ނިންމުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މިއަދުގެ ބައްދަލުވުމަށް ޕީޕީއެމްގެ އެއްވެސް މެންބަރަކު ބައިވެރިވެފައިނުވާ އިރު، ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ތެރެއިން ބައިވެރިވެވަޑައިގެންނެވީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.

ކޮމެޓީގެ ނިންމުން ވަރުގަދަ ވާނީ ހުރިހާ ޕާޓީއަކުން އެއްބަސް ކިޔައިގެން އެކަމުގައި ގޮތެއް ނިންމެވުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އޭރުން ޖޭއެސްސީ ވެސް އެ ނިންމުމަކީ ހުރިހާ ޕާޓީއެއް އެއްކޮޅަކަށް ޖެހިގެން ނިންމާފައިވާ ނިންމުމަކަށް ވުމުން، އެ ނިންމުމަށް ބޯލެބުމުގައި ޖޭއެސްސީ އަށް ދަތިތަކެއް ނޯންނާނެ ކަމަށެވެ.

ހުޅުމާލޭ ކޯޓްގެ މައްސަލާގައި މިއަދު ބޮޑު މައްސަލަ އަށް ވެފައި ވަނީ "ދަލުގައި ޖެހެން ނުޖެހޭ ބޮޑު ހަންޖެއް ޖެހުމުން" ކަމަށާއި "އަންނިގެ މައްޗަށް ހުކުމް ކުރަން ބޭނުންވާ ބަޔަކު އެމްޑީޕީގެ ތެރޭގައި އެބަތިބި" ކަމަށް އަލީ ވަހީދު ވަނީ މިއަދުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި އެވެ. ނަމަވެސް ރައީސް ނަޝީދުގެ ރިޔާސީ ކެނޑިޑޭޓްކަން ގެއްލިގެންދާ އިރު ބަލަން ނުތިބެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ތުހުމަތު ކުރެއްވި ގޮތުގައި ޕީޕީއެމްގެ ޕާލަމެންޓް މެންބަރު މިއަދުގެ ކޮމެޓީ އަށް ވަޑައިނުގެން، މަސައްކަތް ކުރައްވަނީ ހުޅުމާލޭ ކޯޓްގެ މައްސަލަ ކޮމެޓީގައި ލަސް ކުރައްވުމަށެވެ. އަދި އެ މައްސަލާގައި ކޮމެޓީގައި އެއްވެސް ސީރިއަސް ކަމެއް ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ކޮމެޓީ ހުއްޓުވުމަށް ޓަކައި ކޮޅުކޮޅަށް ހިންގަވައި މެންބަރު ނަޝީދަށް ނިސްބަތްކޮށް އެއްޗެހި ވިދާޅުވާން ފެށުމުން، ކޮމެޓީގެ ނައިބު މުގައްރިރު އަހުމަދު ސަމީރު ވަނީ އަލީ ވަހީދުގެ އަތުގައި ހިފައި ކޮމެޓީން ބޭރަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާފަ އެވެ. ނަމަވެސް ސަމީރު އަލީ ވަހީދުގެ ގައިގައި އަތްލާ ކޮންމެ ފަހަރަކު އަތް ހޫރުވާލަ އެވެ.

އަލީ ވަހީދަށް ނަސޭހަތް ތެރިވެވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ ޖޭއެސްސީ މައްސަލާގައި ލިޔެކިޔުންތައް ރިވައިސް ކުރުން ކަމަށެވެ.

މިއަދުގެ ކޮމެޓީގެ ބައްދަލުވުން ހުއްޓާލީ ކޮމެޓީގައި މެންބަރުންނަށް ވާހަކަފުޅު ނުދެއްކެވޭ ވަރަށް އަލީ ވަހީދު ކޮމެޓީގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން، ރައްދުގައި ކޮމެޓީގެ މުގައްރިރު ނަޝީދު އަލީ ވަހީދާ ބަހުގެ ހަމަލާތައް ކުރައްވަން ފެއްޓެވި ހިސާބުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު