އެމްޓީޑީސީގެ ހިއްސާގެ އަގު 100ރ. އިން 10ރ. އަށް!

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާއެއްގެ މޫނު މަތީ އަގު 100ރ. އިން 10ރ. އަށް ދަށްކުރުމަށާއި ކޮންމެ ހިއްސާއެއް ދިހަބަޔަށް ބަހާލުމަށް ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އިން ފާސްކޮށްފި އެވެ.

ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮންޕިއުޓިންގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ނިންމާފައި ވަނީ ހިއްސާ ދާރުންނަށް ބޯނަސް ހިއްސާ ދިނުމަށް މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ހުށައެޅި ހުށަހެޅުމަށް ރޭގެ ބައްދަލުވުމުގައި ބަހުސްކުރުމަށް ފަހު އެވެ.

ރޭ ބޭއްވި ޖަލްސާގައި ގިނަ އިރުތަކެއްވަންދެން ބަހުސްތަކަކަށް ފަހު ހިއްސާދާރުންގެ މެދުގައި ނެގި ވޯޓަކުން ފާސްކޮށްފައި ވަނީ 100ރ. އަށް ވިއްކަމުން އަންނަ އެމްޓީޑީސީގެ ހިއްސާގެ އަގު 10ރ.އަށް ކުޑަކޮށް ކޮންމެ 10 ހިއްސާއަކަށް ބޯނަސް ހިއްސާއެއް ދިނުމަށެވެ. އެހެން ކަމުން މީގެ ކުރިން ގަނެފައިވާ ކޮންމެ ހިއްސާއެއް 10 ހިއްސާއަށް ބައިވާނެ އެވެ.

އެ ނިންމުން ތަންފީޒުކުރުމަށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހިއްސާދާރުންގެ، އެކްސްޓްރާ އޯޑިނަރީ މީޓިންއެއް ބާއްވައި ގަވާއިދަށް ގެންނަ ބަދަލުތައް އެ ބައްދަލުވުމުން ފާސްކުރުމަށް ވެސް ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ.

އަދި ރޭގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާގަވާއިދަށް ބަދަލުގެނައުމުގެ މައްސަލަ ވެސް ވަނީ އެ ބައްދަލުވުމަށް ފަހަށް ޖައްސައިފަ އެވެ.

އެމްޓީޑީސީގެ ހިއްސާގެ އަގުދަށްކޮށް ބޯނަސް ހިއްސާ ދިނުމަށް ނިންމާފައިވާ އިރު މިދިޔަ އަހަރު ވެސް ހިއްސާދާރުނަށް ހިއްސާގެ ފައިދާގެގޮތުގައި އެއްވެސް އެއްޗެއް ނުލިބެ އެވެ. އެމްޓީޑީސީ އަށް މިދިޔަ އަހަރު ނިންމާލަން ޖެހުނީ 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާގެ) ގެއްލުމާ އެކު އެވެ. އެއީ ހިއްސާއަކަށް 1.21 ޑޮލަރު، (18.7ރ)ގެއްލުމެކެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރު ވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއްނުލިބުނެވެ.

ރޭ ބޭއްވި އެ ކުންފުނީގެ 2011 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަށް ހާޒިރުވި އާންމު ހިއްސާދާރުންގެ ތެރެއިން 31 ފަރާތެކެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން 9 ބޭފުޅަކު ޕްރޮކްސީ ވޯޓް ތަމްސީލް ކުރެއްވި އެވެ. ހިއްސާދާރުންގެ މާބޮޑު ތަރުހީބަކާ ނުލައި އަދި ބުނި ވަގުތަށް ވުރެ އެއް ގަޑިއިރާ ތިރީސް މިނެޓް ފަހުން ފެށި އެ ޖަލްސާގައި މިއަހަރު ވެސް ހިއްސާދާރުންނަށް ފައިދާއެއް ނުބަހަން ބޯޑުން ނިންމި ނިންމުން ޖަލްސާ އަށް ހުށަހެޅުއްވީ ރިޔާސަތު ބެލެހެއްޓެވި އެ ކުންފުނީގެ ޗެއާޕާސަން ފަސީހު ޒާހިރު އެވެ.

އެ ނިންމުމަށް ހިއްސާދާރަކު އިއުތިރާޒެއްނުކުރައްވަ އެވެ.

އެމްޓީޑީސީގެ 2011 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި 20.1 މިލިއަން ޑޮލަރު ލިބުނު ނަމަވެސް އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބުނެވެ. އޭގެ ބަދަލުގައި އެ ކުންފުންނިން އަހަރު ނިންމާލަން ޖެހުނީ 3.8 މިލިއަން ޑޮލަރުގެ ގެއްލުމާ އެކު އެވެ. ނަމަވެސް 2010 ވަނަ އަހަރަށް ވުރެ 2011 ވަނަ އަހަރުގެ އާމްދަނީ ވަނީ އިތުރުވެފަ އެވެ. ދެހާސް ދިހަވަނަ އަހަރު އެ ކުންފުންޏަށް އާމުދަނީގެ ގޮތުގައި 19.5 މިލިއަން ޑޮލަރުލިބުނެވެ. އެ އަހަރު އެ ކުންފުންޏަށް 330،696 ޑޮލަރު ވަނީ ސާފު ފައިދާގެ ގޮތުގައި ޖެހިފަ އެވެ. މިދިޔަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވި އަހަރެކެވެ. އެއީ 2008 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާ އަށް 9.4 މިލިއަން ޑޮލަރު ވަނީ ލިބިފައިވެ އެވެ. އަދި 2009 ވަނަ އަހަރު 6.7 މިލިއަން ޑޮލަރުގެ ފައިދާ އެ ކުންފުންޏަށްވި އެވެ.

ރޭގެ ޖަލްސާގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް 2010 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި އަދި 2011 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި އަދި ކުރިއަށް އޮތް އަހަރަށް އޮޑިޓަރުން ވެސް ހަމަޖެއްސި އެވެ. އެކުންފުނީގެ އެކްސްޓާނަލް އޯޑިޓް ފާމެއްގެ ގޮތުގައި ހަމަޖެއްސުމަށް ހިއްސާދާރުން ރުހުން ދިނީ އާނެސްޓް އެންޑް ޔަންގް ފާމަށެވެ. އެއީ 16000ޑޮލަރަށެވެ.

އަހަރީ އާއްމު ޖަލްސާގައި ކުރިޔަށް އޮތް އަހަރު ކުންފުނީގެ ހިއްސާދާރުން ތަމްސީލުކުރުމަށް ބޯޑަށް ފަސް ޑިރެކްޓަރަކު އިންތިހާބުކުރުން އޮތެވެ. އެގޮތުން ނުވަ ފަރާތުން ވާދަކުރިއިރު، ކުރިއަށް އޮތް އަށް އަހަރަށް އެމްޓީޑީސީގެ ބޯޑަށް ހޮވުނު ޑިރެކްޓަރުންނަކީ ހާޒިރުވި ހިއްސާދާރުންގެ 19.87 ޕަސެންޓް ވޯޓް ކާމިޔާބު ކުރައްވައިގެން އައިޝަތު ހުސެއިން މަނިކާއި ވޯޓުގެ 19.86 ޕަސެންޓް ކާމިޔާބިކުރި އަލީ މުހައްމަދުގެ އިތުރުން ވޯޓުގެ 20 ޕަސެންޓް ކާމިޔާބްކުރެއްވި ޒަކަރިއްޔާ ހުސެއިންނެވެ. އަދި ވޯޓުގެ 20 ޕަސެންޓް ކާމިޔާބު ކުރައްވައިގެން އަބުދުﷲ ލީމާން ޒާހިރު އާއި އަހުމަދު ޝާކިރު ވެސް ވަނީ ބޯޑަށް ހޮވިވަޑައިގެންފަ އެވެ.

ރޭގެ ޖަލްސާގައި ވެސް ހިއްސާ ދާރުންގެ ހިޔާލު ފާޅުކުރުމާއި ބޯޑާއި ސުވާލުކުރުން އޮތެވެ. ހިއްސާދާރުންގެ ސުވާލުތަކަށް ބޯޑުން ވަނީ ޖަވާބުދީފަ އެވެ. ހިއްސާދާރުންގެ މައިގަނޑު ކަންބޮޑުވުމަކަށްވެފައި ވަނީ ކުންފުނި ރަނގަޅު މިސްރާބަކަށް ދަތުރުނުކޮށް ކުންފުއްޏަށް ގެއްލުމާއި ކުރިމަތިވުމެވެ.

އެމްޓީޑީސީ 2006 ވަނަ އަހަރު އުފެދުނީ ރާއްޖޭގެ ތަފާތު ސަރަހައްދަކުން 15 ރިސޯޓެއް ތަރައްގީ ކުރުމުގެ މަގުސަދުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު