ކޮޕީ ރައިޓްސް އަށާއި ކޮޕީ ރައިޓްސްއާ ގުޅުން ހުރި ކަންތައްތަކަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަދު ވޯކްޝޮޕެއް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ޑަބްލިއުއައިޕީއޯ) އާ ގުޅިގެން "ނެޝަނަލް ސެމިނާ އޮން އެވެއާނަސް ބިލްޑިން އޮން ކޮޕީ ރައިޓްސް އެންޑް ރިލޭޓެޑް ރައިޓްސް"ގެ ނަމުގައި ދެ ދުވަހުގެ ނިޔަލަށް ނަސަންދުރާ ޕެލަސްހޮޓަލުގައި ބާއްވާ އެ ވޯކްޝޮޕް މިއަދު ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދެވެ.
އެ ސެމިނާ ފައްޓަވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ 2010 ވަނަ ފާސްކޮށްފައިވާ ކޮޕީ ރައިޓްސް ގާނުނަށް އާންމުން ހޭލުންތެރި ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި ކޮޕީ ރައިޓްސް ގާނޫނުގެ ދަށުން މީހުން އުފައްދާފައި ހުންނަ އަމިއްލަ އުފެއްދުންތަކުގެ ހަމަ އަގު ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އެކިއެކި އާއުފެއްދުންތައް އުފައްދާ މީހުންނަށް ބަލާއިރު މިސާލަކަށް މިޔުޒިކް އުފެއްދިޔަސް ލަވަ އުފެއްދިޔަސް ސޮފްޓްވެއާއެއް އުފެއްދިކަމުގައި ވިޔަސް ނޫނީ ފޮތް ލިޔުނަސް އޭގެ ހިއްސާ އޭގެ ހަމަ ފަރާތްތަކަށް ލިބެން ޖެހޭ. ހަމައަގު ލިބޭ އިރު އޭގެ ނާޖާއިޒު ފައިދާ ނުނެގޭ ގޮތަަށް އޮތުމަކީ ހަގީގަތުގައި ކޮޕީ ރައިޓްސް ގާނޫނަކީ" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ގާނޫނުގެ ދަށުން އުފެއްދުންތައް އުފައްދާ ފަރާތްތަކަށާއި ބޭނުންކުރާ ފަރާތްތަކަށް އެއްބަޔަކު އަނެއްބައެއްގެ ހައްގު އެނގިގެންދާނެ ކަމަށާއި އަދި އުފެއްދުންތެރި މަސައްކަތް ހިމާޔަތްކުރެވުމަކީ ގައުމީ އިގްތިސާދަށް ލިބިގެންދާނެ ބޮޑުކުރިއެރުމެއް ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސަރުކާރާއި އަމިއްލެ ކުންފުނިތަކުގެ އިތުރުން ކިޔަވާކުދިން ބައިވެރިކޮށްގެން ކުރިއަށްގެންދާ އެވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ވޯލްޑް އިންޓަލެކްޗުއަލް ޕްރަޕަޓީ އޯގަނައިޒޭޝަންގެ ބޭފުޅުން ކަމަށާއި އެވޯކްޝޮޕްގައި ކޮޕީ ރައިޓްސް އާ ބެހޭ މައުލޫމާތާއި އެ ދާއިރާއާ ގުޅުން ހުރި ކަންތަށްތަކުގެ މައުލޫމާތް ދެއްވާނެ ކަމަށެވެ.