މީދޫގެ ބިން ބޮޑު ކުރުމުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެ: ރައީސް

ދ. މީދޫން؛ މުރުޝިދު އަބްދުލް ހަކީމް

ދ. މީދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް މީދޫގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރު ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު މިއަތޮޅު މީދޫގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށް ގެންގޮސްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތްކުރީމައި އަދި މި ރާއްޖެއަކު އިރާދަކުރެއްވިއްޔާ ނުކުރެވޭ ވަރުގެ ކަމެއްނެތް. މި ރަށުގެ ބިން ވެސް ބޮޑު ކުރެވޭނެ. އަޅުގަނޑު ޑރ. މުއިއްޒު އަރިހުން އެދެން މީދޫ ބިން ބޮޑު ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކުރިޔަށް ގެންގޮސްދެއްވުމަށް،" މީދޫގެ ޖަލްސާގައި ބައިވެރިވެވަޑައިގެން އިންނެވި ޑރ. މުއިއްޒާ އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ކަންތައްތައް ކޮށްދޭނީ ވަކި ކުލައަކަށް ބެލުމެއް ނެތި ކަމަށާއި ރަށް ރަށުގައި އެކި މަޝަރޫއުތައް ކުރިއަށް އޮތްތާގައިވެސް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ޖަލްސާގައި މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްވެސް ވިދާޅުވީ މީދޫގެ ބިން ބޮޑު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މީދޫގެ ބޯޅަދަނޑު ހެދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން އެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވާ ކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ އެރަށުގައި ބޯޓް ޔާޑެއް އެޅުމަކީ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް ކަމަށާއި ބިން ހިއްކައި ނިމުމުން އިރާދަ ކުރެއްވިއްޔާ ބޯޑު ޔާޑްގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ

ރައީސް މިއަދު މެންދުރު މީދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އެމަނިކުފާނާއި ދެކޮޅަށް ބައެއް މީހުން ވަނީ އަޑުއުފުލައިފަ އެވެ.

ރައީސް މި އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުގެ އިތުރުން ޓޫރިޒަމް މިނިސްޓާ އަހްމަދު އަދީބު ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސްގެ ދަތުރުފުޅުގައި މާދަމާ ވަޑައިގަންނަވާނީ މި އަތޮޅު މާއެނބޫދޫ އަށާއި ވެރިރަށް ކުޑަހުވަދޫ އަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު